އަދިވެސް ލަހެއްނުވޭ …

އިރުއެރުމާއި އިރު އޮއްސުމާއި ދުނިޔެ ދައުރުވުމުގެ ނިޒާމަކީ އިލާޙީ ޤާނޫނުގެ ހަމަތަކާޢި އެއްގޮތަށް ކޮންމެ ދުވަހަކުވެސް އެއް އުސޫލަކުން ހިނގަމުންދާތަން އަޅުގަޑުމެންނަށް ފެންނަ ކަންތައްތައް ކަމަށްވާތީ އެކަމާއި ބެހޭގޮތުން ފިކުރުކޮށް ޚިޔާލުކޮއްލާ އުޅޭ މީހަކު މަދުވާނެއެވެ. ހަމަ އެހެންމެ އަޅުގަޑުމެންނަށް މުޅިން އަލަށް ފެންނަ ކަންތައްތަކާއި ތަކެއްޗަކީވެސް އަބަދުމެ ފެންނަ ކަންތައްތަކާއި ތަކެއްޗަށް ބަދަލުވެއްޖެނަމަ، އެއީ ކޮންމެ ގޮތަކަށް ހިނގާކަމެއްވިޔަސް އަދި ކޮންމެ ފަދަ އެއްޗެއްކަމަށް ވިޔަސް އެއީ ވަރަށް އާދައިގެ ކަންތައްތަކާއި ތަކެތިކަމުގައި ގަބޫލުކުރެވޭތަން އާދެއެވެ. އެހެން ނަމަވެސް …. އެހެން ނަމަވެސް ލޯމަތިން ފެންނަ ހިތްދަތި މަންޒަރުތަކަކީ ތިމާއަށް މާބޮޑު އަސަރުތަކެއް ކުރުވާ މަންޒަރުތަކެއްކަމުގައި މިއަދު ނުވިޔަސް، ތިމާގެ އަމިއްލަ ނަފްސުވެސް އެފަދަ ކަމެއްގެ ޝިކާރައަކަށްވެ، ދެރަ ނިކަމެތި ގޮތްތަކެއް ތިމާއަށް މެދުވެރިވުމުގެ ފުރުސަތު އޮވެދާނެކަން ގަބޫލު ކުރުމަކީ އެފަދަ އަނދަވަޅަކަށް ތިމާ ވެއްޓުމުގެ ކުރިން އެކަމުން ސަލާމަތް ވުމަށް ތިމާގެ ލޯ ހުޅުވާދޭނެކަމެވެ. އެގޮތުން ކިޔުން ތެރިންނާއި ޙިއްސާކޮއްލުމަށް އަޅުގަޑު މަސައްކަތްކުރާނީ މުޖްތަމަޢުގައި ހިނގާ ބައެއް ނޭދެވޭ ކަންތައްތަތަކުގެތެރޭން އަޅުގަޑުގެ ލޯމަތީގައި ހިނގާފައިވާ ބައެއް ޙާދިސާތަކުގެ މަޢުލޫމާތެވެ.

އެއްރެއެއްގެ އިރާކޮޅުގެ ވަގުތެކެވެ. މާލެގެ ފަސްގަނޑުގައި ހުރެ، އެހެން ނަމަވެސް މާލެތެރޭގެ ހަލަބޮލި މަގުތަކާ ކިރިޔާވެސް ދުރަށް ޖެހިލެވޭނެ އެއްތަނެއްގެ ގޮތުގައި އަޅުގަޑު ޢާންމުކޮށް ރޭގަޑު ސައިކަލުގައި މަޑުކޮއްލާ އެއްތަންކަމަށްވާ “އުފުލި ޖެޓީ” ސަރަޙައްދުގައި މަޑުކޮއްލައިގެން އިނީމެވެ. މިލަ ހަނދުވަރުގެ ތެރޭން ފެންނަން ހުރި ހަނދާއި ދިމާއަށް ބަލަހައްޓައިގެން އެއްވެސް ޚިޔާލެއް ފިކުރެއް ނެތި އިނދެވުނީއެވެ.

ކުއްލިއަކަށް ސިއްސައިގެންގޮސްގައި އެނބުރިބަލާލެވުނީ މީހަކު އައިސް އަޅުގަޑުގެ ކަނާތު ކޮނޑުގައި އަތްބާއްވާލާފައި “ހާދަ ނުފެނެއޭ” ބުނިއަޑަށެވެ. ޖަވާބުގައި ހިނިތުންވެލާފާޢި “އާނ! ދޯ ” އޭ އަޅުގަޑު ބުނީމެވެ. އަދި ހާލު ކޮހިނެތްތޯ އަހާލީމެވެ. ނަމަވެސް އެމީހަކީ ކާކުކަމެއް ދެނެގަންނާކަށް އޭރަކު އަޅުގަޑަކަށް ނޭނގުނެވެ. ނަމަވެސް އިތުރަށް ވާހަކަ ދެކެވުމުން އެއީކާކުކަމާއި “ހާދަ ނުފެނެއޭ” އޭނާ ބުނީ ކީއްވެގެންކަން އެނގުނެވެ. އަދި އޭނާ އަޅުގަޑު ހޯދަންވެގެން އަޅުގޑުމެންގެއަށް ދެފަހަރެއްގެ މަތިން ގޮސްގެންވެސް ދިމާނުވިވާހަކަ ބުނުމުން އޭނާ ދައްކަން އުޅޭ ވާހަކަ އަޑުއެހުމަށް ޝަވްޤުވެރި ވެވުނެވެ. އޭނާޢަށް ދިމާވެގެން އުޅޭ ހިތްދަތިކަމާޢި ކަން ބޮޑުވުމުގެ ވާހަކަ އަޑު އަހާފައި އެއްފަހަރާ އެތަށް ޖަޒްބާތުތަކަކާއި ޝުޢޫރުތަކެއް ހިތަށް އަރަމުން ދިޔައެވެ. ފޮރުވުމަށް ކިތަންމެ މަސައްކަތް ކުރިޔަސް ހާމަކަން ބޮޑު ގޮތެއްގައި އަޅުގަޑުގެ މޫނުމަތިން އެކުލަވަރުތައް އޭނާއަށް ފެންނާނެކަން ޔަޤީނެވެ.

ވެގެން އުޅޭ ގޮތެއް އަދިވެސް ނޭނގެ ދޮގެއްތޯއެވެ؟ ވެގެން އުޅޭ ގޮތަކީ ހަމަ އަޅުގަޑު އަދި ތިޔަ ބޭފުޅުން ފަދަ ދިވެހި ރައްޔިތެއްގެ ދިރިއުޅުމުގެ ހަތަރު އުދަރެސް ފެނުޖެހުނީއެވެ. ހަދާނެ ގޮތް ހުސްވީއެވެ. މާލޭގެ ނަން މަޝްހޫރު ސްކޫލެއްގައި ކިޔަވަމުން ، ކްލާހުގެ ދަރިވަރުންގެ ތެރޭން މަތީ ދަރަޖާގައި ފާސްފާ ކުތިންގެ ތެރޭގައި ހިމެނެމުންއައި އަންހެން ދަރިފުޅު މަސްތުވާތަކެތީގެ ވަބާގައި ޖެހުނީއެވެ. ދަރިފުޅު ސަލާމަތް ކުރުމަށް ކުރެވުނު މަސައްތައް ނާކާމިޔާބުވީއެވެ. އަދި ދަރިފުޅުގެ މައްޗަށް ބާރު ފޯރުވާ ، އޭނާގެ އުޅުމާއި ގުޅުމާއި ދިރިއުޅުމުގެ ހުރިހާ ކަމެއް މަސްތުވާ ތަކެއްތާއި އެތަކެތި ބޭނުންކުރާ މީހުންނާއި އެމީސް މީހުންގެ ބާރު ހިނގާ ތަންތަނުގައި މުޅިން ހަމަޖެހިއްޖެއެވެ.

ވަރަށް އަސަރާއެކު އޭނާ އަޅުގަޑަށް ކިޔާދިނެވެ. އޭނާގެ ކުދިންގެ މަންމަ ނިޔާވުމަށްފަހު އޭނާ ދިރިއުޅެމުން ދިޔައީ އެކުދިންގނާއެކު ކުދިންގެ މަންމަގެ ގޭގައި ކަމަސް ބުނިއެވެ. އަދި ހުރިހާ ކުދިންވެސް ބޮޑެތިވެ، ސްކޫލްގައި ގްރޭޑް 9 ގައި ކިޔަވަމުންދާ އެންމެ ހަގު އަންހެން ދަރިފުޅު ފިޔަވާ އެހެން ހުރިހާ ދަރިންވެސް ވަޒީފާއަދާކުރަން ފަށާފައިވާ ކަމުގައިވެސް ބުނިއެވެ. އަންހެނުން ނިޔާވުމަށްފަހުގައިވެސް ލިބިފައިވާ ނިޢުމަތްތަކަށް ޝުކުރުކޮއްލައިގެން ހިތްހަމަޖައްސާލައިގެން ދަރިންނާއެކު އުޅެމުންދިޔަ ސާދާ ދިރިއުޅުމަށް ކަޅުވިލާގަނޑެއްގެ ހިޔަނި އެޅެންފެށި ހިސާބަށް އޭނާގެ ވާހަކަ ދިޔައިރު އޭނާ ހުރީ ލޮލުން ފެންކަޅިވެފައެވެ.

2007 ވަނަ އަހަރު ޖުލައިމަހުގެ ތެރޭގައި އޭނާ ދެވަނަ ކާވެއްޏެއް ކުރުމަށްފަހު ހދ.ހަނިމާދޫއަށް ދިރިއުޅުން ބަދަލުކުރިކަމަށާއި މިހާރު ގޭދޮށުން ނުފެންނަނީ އެހެނވެގެން ކަމުގައި ބުނިއެވެ. އަދި އޭނާގެ ދަރިންތެރޭން ވަޒީފާގައި އުޅޭ ހުރިހާ ކުދިން ގުޅިގެން އެކުދިންގެ މަންމަގެ ގޭގައި ދިރިއުޅެތީ ސްކޫލްގައި ކިޔަވަމުންދާ ހަމައެކަނި ދަރިފުޅުގެ ކިޔެވުމާއި އެނޫން އެހެން ކަންތައްތައްވެސް ހަވާލުވެގެން އުޅެނީ އެކުދިންގެ ތެރޭން އެނމެ ދޮށީ 2 ފިރިހެން ކުދިން ކަމުގައިވެސް ބުނިއެވެ. އަމިއްލައަށް ނަގަންޖެހޭ ޒިންމާއެއް ދަރިންނާއި ޙާވާލުކޮއްފައި ބަލާ ނުލެވުނީމަ ވީގޮތްކަމުގައި ބުނެފައި ދެލޯ ފޮހެލާފައި ނުހަނު އަސަރާއެކު ވާހަކަ ކުރިއަށް ގެންދިޔައެވެ.

އޭނަގެ ދަރިފުޅު ޔުމްނާ ( އަސްލު ނަމެއްނޫން) އަކި މިއަހަރު ގްރޭޑް 9 ގައިކިޔަވަމުންގެންދާ ދަރިވަރެއްކަމަށާއި ފުރަތަމަ ޓާރމް ޓެސްޓްގައި “އޭ” ރިޕޯރތެއް ހޯދިކަމަށާއި ނަމަވެސް ދެވަނަ ޓާރމްގައި ފާސް ނުވާކަން އެނގުމުން ރިޕޯރޓް ފޮތް ބެލިއިރު އެޓާރމްގައި ދަރިފުޅު ސްކޫލަށް ހާޒިރުވެފައިވަނީ 4 ދުވަހުކަމުގައި އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ފޯނުކޮއްފައި ބުނިކަމަށް ބުންޏެވެ. އެކަންވީ ވަރަށް ބޮޑު ހައިރާންކަނެއް ގެނުވި ކަމަކަށް ކަމަށާއި ކޮންމެ ދުވަހަކު ޔުނިފޯލް ލައިގެން ފޮތްތައް ހިފައިގެން ދަރިފުޅު ދަނީ އަނެއްކާ ކޮންތާކަށްބާވައޭ ސުވާލު އުފެދުނު ކަމުގައިވެސް ބުނިއެވެ.

ކޮންމެއަކަސް ޖެހިގެންއައި ދުވަހު ހެނދުނުގެ ފްލައިޓުން ރަޙުމަތްތެރިއާ މާލެ އަތުވެއްޖެއެވެ. އަދި ދިރިންނާއި ބައްދަލުކޮށް ، ވެގެން އުޅޭ ގޮތް އޮޅުން ފިލުވިއެވެ. ” ހަފްތާއަކު އެއްދުވަހުވެސް ކޮއްކޮ ގެއަށް ނާދޭ” އެއްކުއްޖަކު ބުންޏެވެ. ” އޭނަ އުޅެނީ މާފަންނުކޮޅުގައި ހުންނަ ގެއެއްގައި . އެއްދުވަހަކު އަހަރުމެން އެގެއަށް ގޮސް ގަދަކަމުން އޭނާ ގެނައިން. އެކަމަކު ދެން ނުކެރޭނެ ދާކަށް” އެހެން ދަރިއަކު ބުނިކަމަށް ވެއެވެ. އެއީ ކޮއްކޮ ކަމާއި އަދިވެސް ގެންނަން ދާން ޖެހޭނެކަމާއި އަދި ގެއިން ބޭރަށް ދިޔަ ނުދީ ހިފަހައޓާއިގެންވެސް ބަލަންވާނެ ކަމުގައި ދަރިންކާރީ ބުނެފައި އަންހެން ދަރިފުޅު ހޯދުމަށްޓަކައި ދޮށީ ފިރިހެން ދަރިފުޅުގެ ސައިކަލުގެ ފަހަތަށް އަރައިގެން ދިޔަކަމަށާއި ދެން ކަންތައްވީ ގޮތް ކިޔާދިނެވެ.

ބައްޕަ ނުފެނި ގިނަ ދުވަސްތަކެއް ފާއިތުވުމަށްފަހު ބައްޕަ ގޮވައިގެން ސައިކަލްގައި ދާން ޖެހުމުން ދޮށީ ފިރިހެން ދަރިފުޅު ވަރަށް ގިނަ ވާހަކަ ދައްކާނެ ކަމަށް އުންމީދު ކުރެވުނެވެ. އަދި ދަރިފުޅާ ޙިއްސާކޮއްލަން ބޭނުންވާ ވަރަށް ގިނަ ވާހަކަތައް ހުރިހަމަށް ރަޙުމަތްތެރިޔާ ބުންޏެވެ. އެހެން ކަމުން ހެންވޭރުން މާފަންނަށް ސައިކަލުގައި ދިޔުމަކީ ހުރިހާ ވާހަކައެއް ދެއްކޭވަރަށްވުރެ މާކުޑަ ހިނދުކޮޅެއްކަމުގައި ހީކުރެވުނުކަމަށާއި ނަމަވެސް ކަންތައްވީ ހީކުރި ގޮތަށްނޫން ކަމަށްވެސް ރަޙުމަތްތެރިޔާ ބުންޏެވެ. ވާނީވެސް އެހެންތާއެވެ. ދިމާވެގެން އުޅޭ ކަންތަކުގެ ބޮޑުކަމާއި ހާސްކަން ބޮޑުކަމުން ބަސް ހުއްޓިފައި ދެބަފައިންވެސް ތިބެވުނީ އަމިއްލަ ފިކުރާއި ވިސްނުމުގެ ތެރެއަށް ގެއްލިފައެވެ.

މާލޭގެ ނިސްބަތުން ވަރަށް އާދައިގެ ފެންވަރަކަށް ހަދާފައި ހުރި ގެއެއްގެ ދޮރުކާރިއަށް ސައިކަލު ހުއްޓާލާފައި ދަރިފުޅު ބުންޏެވެ. “ބައްޕާ! މީ އެގެއަކީ . އެފިރިހެން މީހާއަށް ކިޔަނީ ހުސޭނު ( އަސްލު ނަމެއް ނޫން).
ރަޙުމަތްތެރިޔާ ސަލާން ގޮވާލުމުން އެގޭތެރޭން ނިކުތް އަންހެނަކު “ކީކޭ ‘ ކާކު ހޯދަނީ!” ރުން ކުރު ރާގަކަށް ބުންޏެވެ. އާދައިގެ އިސްކޮޅެއް ހުރި، ކަޅު އަދި ހިކިތޮޅި އެއަންހެން މީހާ ހުރީ ކޮންމެވެސް ކަމަކާ ރުޅިގަދަވެފައި ކަމަށް ލަފާކުރެވުނު ކަމަށް ރަޙުމަތްތެރިޔާ ބުންޏެވެ.
“މިގޭގައި ޔުމްނާ އެބަ.. ؟” ރަޙުމަތްތެރިޔާގެ ސުވާލު ފުރިހަމަ ނުވަނީސް އެއަންހެން މީހާ ޖަވާބު ދިންކަމަށް ވެއެވެ. “ދޭ ގޮސް ބަދެބަލާ ، އެހެރީ ހުސޭނުގެ ކޮޓަރި”
އުމުރުން 18 އަހަރު އަދި ފުރިހަމަ ނުވާ އަންހެން ދަރިދުޅު އުޅޭތަނެއް ހޯދުމަށް ބައްޕައަކު ކުރި ސުވާލެއްގެ ޖަވާބު ލިބުނު ގޮތުގެ ވާހަކަ އިވުމުން އަޅުގަޑުގެ ގައިން ދިޔައީ ހީބިހި ނަގައިގެންނެވެ. ރަހުމަތްތެރިޔާގެ އަންހެން ދަރިފުޅު މިހާރު ދިރި އުޅެމުން އެދަނީ ހިލޭ ފިރިހެނަކާއެކު އޭނާގެ ކޮޓަރީގައިކަން ޔަގީންވުމުން އޭނާއަށް ވެރިވާނެ އިޙުސާސާއި ކުރާނެ އަސަރު ހިތަށް އަރާފައި ސަހަރޯއޭ  ހީވިއެވެ.
“ދަރިފުޅާ،  ދޭބަލަ ގޮސް ބަލަން” ރަޙުމަތްތެރިޔާ އޭނާގެ ފިރިހެން ދަރިފުޅަށް މުޚާތަބްކޮށް ބުންޏެވެ. ނަމަވެސް އޭނާގެ ދަރިފުޅު ބުނީ އޭނާ އެގެއަށް ނުވަންނާނެ ކަމަށެވެ. އަދި އޭގެ ކުރީ ދުވަހަކު ކޮއްކޮ ހޯދުމަށް އެގެއަށް ދިޔުމުން ކޮއްކޮ ގޮވައިގެން އުޅޭ ހުސޭނާޢި ޒުވާބު ކުރަން ޖެހުނު ކަމަށާއި ދެން އެގޭތެރެއަށް ވަދެއްޖެނަމަ” ކޮށާލާނެކަމަށް” އެހުސޭނު އިންޒާރުވެސް ދީފައިވާކަމަށް ބުނެ އޭނާ އެގެއަށް ވަނުމަށް ޖެހިލުންވާކަމަށް ބުނިކަމަށްވެއެވެ.

ރަޙުމަތްތެރިޔާއާޢި އޭނާގެ ފިރިހެން ދަރިފުޅާއި ދެމީހުންނަށް ތިބެވުނީ އެމީހުން ގޮސް ތިބިގޭގެ ދޮދުމަތީގައެވެ. އެވަގުތު މަގުމަތިން އައިސް އެގެއަށް ވަތް މީހަކު “އޭ އެއްކާރިވޭ” އޭ ކިޔާފާޢި ގޮވާލުމުން ފަހަތަށް އެނބުރި ބަލާލިއިރު އޮޅުލައިގަނެގެން ތިބި އަންހެނަކާއި ފިރިހެނަކު ތިއްބެވެ. އެދެމީހުންކުރެ އެކަކުވެސް އެމީހެއްގެ އަމިއްލަ ބާރުގައި ދެފައިމައްޗަށް ކޮޅަށް ހުންނަން މަސައްކަތްކޮއްފިނަމަ ހަމަގައިމުވެސް ނުހުރެވޭނެއެވެ.

ޔުމްނާ މަސްތުވެފައި ހުރިނަމަވެސް އޭނާގެ ބައްޕައާޢި ބޭބެ ފެނުމުން އެމީހުން އޭނާއަށް އެނގުނެވެ. އެހެންކަމުން “ކީއްކުރަން ބައްޕަ ގޮވައިގެން ތިއައީ ” އޭނާގެ ބޭބެއާޢި ދިމާއަށް ބަލާލާފައި ބުންޏެވެ. “އޭ ޔުމްނާއެއް ނުގެންދެވޭނެ ! ރައްކާވޭ ! ނިކުމޭ މިގޭން!” ޔުމްނާއާޢި އެކީ ހުރި ފުރިހެންމީހާ ބުންޏެވެ.

އަޅުގަޑުގެ ރަހުމަތްތެރިޔާ ގަންނާކުރެއްވި ބިރުން ހަމަ އެވަގުތު އެގޭން ބޭރަށް ނިކުތެވެ. އަދި ފުލުހުންގެ އެހީގައި ދަރިފުޅު ގެއަށް ގެންދިޔުމުގެ މަސައްކަތް ފެށިއެވެ. ފުލުހުންގެ ފަރާތުން ތަފާތު ގިނަ ގުނަ ސުވާލުތައް ކުރި ނަމަވެސް އެމީހުންގެ މިންނެތް މަސައްކަތުން ރަހުމަތްތެރިޔާގެ  ދަރިފުޅު ހޯދައިގެން ގެއަށް ގެނެސްދިނެވެ. އަދި އޭނާއަކީ 18 އަހަރު ނުފުރޭ ކުއްޖަކަށްވާތީ ރަގަޅަށް ބެލެހެއްޓުމަށްވެސް އެންގެވިއެވެ.

ފުލުހުންގެ އެހީގައި ޔުމްނާ ގެއަށް ގެނެސްދެއްވިޔަސް އަދި އޭނާ އަކީ އުމުރުން 18 އަހަރު އަދި ނުފުރޭ ކުއްޖަކަށްވިޔަސް އޭނާ ގޭތެރޭގައި ހިފެހެއްޓުމަށް އޭނާގެ ބައްޕައާޢި އޭނާގެ ގާތް ތިމާގެ މީހުންވެސް  ނުކުޅެދޭ ހިސާބަށް އޭނާގެ ކަންތައްތައްހުރީ ގޮސްފައެވެ.  އޭނާގެ ޢަމަލާއި ބަސްމަގު ހުރީ ކުށުގެ މާޙާއުލެއްގައި ބޮޑުވެފައިވާ “ބާޒާރުމަތީ” އަންހެނެއްގެ މިސާލުގައެވެ. އޭނާގެ ހަށިގަޑަށް އައިސްފައިވާ ބަދަލުގެ ސަބަބުން އޭނާ ނުދަންނަ މީހަކު އޭނާގެ އުމުރު އަންދާޒާ ކޮއްލައިފިނަމަ 20 ނުވަތަ 22 ހިސާބުގެ އަދަދެއް އޭނާގެ އުމުރުގެ ގޮތުގައި ބުނާނެކަން ކަށަވަރެވެ. ގެއަށް ވަނުމާއެކު ދުލަށް އައިހާ ހަޑި ހުތުރު ބަސްތަކުން އޭނާގެ ބައްޕައާއި ދިމާއަށް ހަޑި ހުތުރު އެއްޗެތި ގޮވަން ފެށިކަމަށް ވެއެވެ. ތިމާގެ އަމިއްލަ އާރެއް ބާރެއް ނެތި ، އެއްފުށުން އަނެއްފުށަށް އަމިއްލައަށް ފުޜޮލިލާންވެސް ނޭގޭހާ ތުއްތު އުމުރެއްގައި އަހަރުތަކެއް ހޭދަކުރިއިރު  މަންމައެއްގެ ލޯބިން މަޙުރޫމްވުމުން އެތަންވެސް ފޫބައްދައިގެން އިންތިހާއަށް އަޅާލުމާއި އޯގާތެރިކަން ފޯރުވާދިން ބައްޕަގެ ލޯބީގެ އަގު ޔުމްނާއަށް ވަޒަންނުކުރެވުނަސް އަދި މާޒީގެ އެދުވަސްތައް ޔުމްނާއަށް އިޙްސާސްކޮއްނުލެވުނަސް ހަމަގައިމުވެސް އޭނާގެ ބައްޕަގެ ލޮލުން އެދުވަހު އޮހުރުނު ކަރުނަތައްވެސް އެކަމަށް ހެކިދޭނެއެވެ. ޔުމްނާގެ ނަން ފިޔަވާ ހުރިހާކަމެއްވެސް ވަނީ ބަދަލުވެފައެވެ. ވާހަކަ ދެއްކުމާއި ބަސްމަގެވެ. އިޙްތިރާމް ކުރުމާޢި ޢިހްތިރާމް ލިބިގަތުމެވެ. ކެއިން ބުއިމުގެ އުޞޫލުތަކާއި ނިދާ ހޭލުމުގެ ވަގުތުތަކެވެ. ގައިން ތާހިރުވުމާއި ހެދުން އެޅުމުގެ މިންގަޑުތަކެވެ. ނަމާދުކުރުމެއް ޤުރްއާން ކިޔެވުމެއް އަމުދުން އެއީ ދަންނަވެސް ކަމެއްނޫނެވެ.

— ނުނިމޭ —

ކިޔުންތެރިންގެ ޚިޔާލު

Your email address will not be published. Required fields are marked *