ވިޔާނުދާ އަންހެނަކާއި ކައިވެނިކުރާކަށް އެއްވެސް ފިރިހެނަކު ބޭނުމެއް ނުވާނެ

ދުވަސްވީ ރައްޓެއްސެކެވެ. ދުވަސްގަނޑަކަށްފަހު މަގުމަތިން ދިމާވެގެން ހާލު އަހުވާލު އޮޅުންފިލުވާ ލީމެވެ. ނަމަވެސް ހައިރާންވީ މީގެ ކުރިން އަބަދުވެސް އައްޓަމަހެއްހެން އޭނާގެ ގައިގައި ތަތްކޮށްލާފައި ހުންނަ ފިރިހެން ކުއްޖާ ފެންނަން ނެތުމުންނެވެ. އޭނާ ކޮބައިތޯ ސުވާލު ކޮށްލީމެވެ. އަޅުގަނޑުގެ އަނގައިން ސުވާލު ބޭރު ވުމާއިއެކު އޭނާގެ މުޅި މޫޑު ބަދަލުވެއްޖެއެވެ. ވަރަށް ދެރަވެފައި “އޭނާ އަށް މަށަށް ވުރެ ރަނގަޅު އަންހެނަކު ފެނިގެން އިނދެފި” އޭ ބުނެފިއެވެ. އަދި “ތިކަހަލަ ކޫޑި އަކާ އިންނާނީ ކާކު ހޭ” އެފިރިހެން ކުއްޖާ ބުނި ކަމަށްވެސް ބުނެފިއެވެ.

ހައިރާންވިއެވެ. އަންހެން ކުއްޖާއަކީ ރަނގަޅު ކުއްޖެކޭ ނުބުނާނަމެވެ. ނަމަވެސް އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ވަކި ރަނގަޅު މީހަކާ ނޫނެވެ. ލަނޑަޔާ ވާނީ ލަނޑަޔާއެވެ. ދެން މިބުނާ “ރަނގަޅު އަންހެނަކީ” ކާކުތޯ ބަލާލުމުގެ ޝައުޤުވެރިކަން ހިތުގައި އުފެދިއްޖެއެވެ. ކުޑަކޮށް މައުލޫމާތު ސާފުކޮށްލި އިރު މި ފިރިހެން ކުއްޖާ އިނދެގެން އުޅެނީ މިއަންހެން ކުއްޖާއާ މުޅިން ތަފާތު އަންހެނާކާއެވެ. ކުޑަކޮށް ދަންނަ ކުއްޖަކަށް ވުމުން، އެއީ އޭނާއާ ގުޅޭ ގޮތުން ގޯސް އަޑެއް އަރާފައިނުވާ ކުއްޖެއް ކަމުގައި ބުނެދޭން އެނގެއެވެ.

ދެން ހިތުގައި އުފެދުނު ސުވާލަކީ މިއީއެވެ. ވިޔާނުދާ އަންހެނުންނާ ކައިވެނި ކުރަން ފިރިހެނުން ބޭނުން ނުވަނީ ކީއްވެބާއެވެ؟ އަޚްލާޤު ރަނގަޅު ފިރިހެނުން އަންހެނުންގެ ކިބައިން ހަމަ އެފަދަ އުންމީދެއް ކުރުމަކީ ޤަބޫލު ކުރެވޭ ކަމެކެވެ. ނަމަވެސް ވިޔާނުދާ، ވައި ކުޅަނދުރު ތަކެއް ހެން އެނބުރޭ ފިރިހެނުން، އެފަދަ އަންހެނުންގެ ބަދަލުގައި ރަނގަޅު އަންހެނުން ހޯދަން ބޭނުންވުމަކީ ކުޑަކޮށް ވިސްނާލަން ޖެހުނު ކަމެކެވެ.
ހަމަގައިމުވެސް ޔަޤީނާގާތަށް ބުނެދޭން އެނގޭ އެއްޗަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އިރު، ކޮންމެހެން ރަނގަޅު އަންހެނަކު ހޯދާކަށް ބޭނުން ނުވާކަމެވެ. ބޭނުންވަނީ ފަސޭހައިން “ސެޓު” ވާކަހަލަ އަންހެން ކުދީންނެވެ. ތަންކޮޅެއް “ކޫލް” ނުވަތަ “ހޮޓް” އަންހެނެކެވެ. މައިންބަފައިންނާއި ވަގަށް ވިޔަސް ބުނިވަގުތަކު ބުނާ ތަނަކަށް ދާން ކެރޭ “ގަޓު” ހުންނަ އަންހެން ކުދީންނެވެ.

މިކަހަލަ ދެމީހަކު ގުޅިގެން އުޅޭ އިރު ވަރަށް ލޯބިން ކަމަށް ހަމަގައިމުވެސް ހީވެއެވެ. ފޭސްބުކް ފޮޓޯތަކުންނާއި އެކަކު އަނެކަކަށް ރައްދުކޮށްދީފައި ހުންނަ މެސެޖް ނުވަތަ ސްޓޭޓަސް ތަކުން އެދެމީހެންގެ ދެމެދުގައި އޮތް ވަރުގަދަ ލޯބި ބަޔާންކޮށްދެވޭނެ ފަދަ ބަސްތަކެއް ރަދީފުގައިވެސް ނުވާހެން ހީވެ އެވެ.

ނަމަވެސް ހަޔާތެއް ފަށަން ފިރިހެން ކުއްޖާ ވިސްނާއިރު، އެއްކަލަ ލޯބިން އުޅުނު އަންހެން ކުއްޖާ ކަމަކު ނުދިޔައެވެ. ފޭސްބުކްގަ “ބޮޑު ގުޅަ” މީހަކަށް ވީތީއެވެ. ހުރިހާ ފިރިހެނުންނާއި އެކު ރެސްޓޯރެންޓުތަކަށް ދާ މީހަކަށްވެސް ވެއްޖެއެވެ. މާފިރިހެން ރައްޓެހިން ގިނަ އަންހެނަކަށް ވުމުން އިތުބާރު ނުކުރެވޭނެ ކަމަށް ބުނަން ފަށައިފިއެވެ. ދަންވަރު ބޭރަށް ނުކުންނަން ކެރުނު ކުއްޖާ މިއަދު ވިޔާނުދާ ވެއްޖެއެވެ. ދެން ބޭނުންވީ މައިންބަފައިން ދެކެ ޖެހިލުންވާ، ކިޔަމަންތެރި ކުއްޖެކެވެ.

ކަން މިހެން ހުރުމުން އަޅުގަނޑުވެސް މިވާގޮތެއް ބަލާލުމަށްޓަކައި ޒުވާން ފިރިހެން ކުދިން ކޮޅެއްގެ ޚިޔާލު ހޯދާލީމެވެ. ޖަވާބަކަށްވީ “ދެން ކޮންމެ މީހަކުވެސް އިންނަން ބޭނުންވާނީ ރަނގަޅު މީހަކާ އެންނު؟” މިއެވެ.

ރަނގަޅު ނޫން މީހަކާ އިންނަން ބޭނުން ނުވާއިރު އެކަހަލަ ކުދިންނާއި ލޯބީގެ ގޮތުން ގުޅެނީ ކީއްކުރަންތޯ އަހާލުމުން ގިނަ ޒުވާނުން ބުނީ އެއީ ހަމަ “ޓައިމް ޕާސް” ކޮށްލަން ކަމަށެވެ.

“އެކަހަލަ އަންހެންނުންނާ ކިހިނެތް އިނދެގެން އުޅެނީ؟ ރައްޓެހިވެގެން އުޅުނު އިރު އުޅޭ ގޮތް އެންމެ ރަނގަޅަށް މަށަށް ދޯ އެނގޭނީ. އިނދެގެންވެސް ހަމަ އުޅޭނީ އެހެން. އެކަހަލަ މީހުން އެއީ ވައި ވެފަ ތިބޭ އިރު މަޖަލަކަށް ޖައްސާ މީހުން.” ހިނިގަނޑެއް ޖަހާލަމުން ވިއްސަކަށް އަހަރުގެ ޒުވާނަކު ޖަވާބު ދިނެވެ.

ވާހަކަ ދައްކާލެވުނު ގިނަ ޒުވާނުން ބޭނުންވަނީ ޒަވާޖީ ހަޔާތެއް ފެށުމަށްފަހު، ލިބޭ ދަރިންގެ މަންމައަކީ އެކުދީންނަށް ރަނގަޅު ތަރުބިއްޔަތެއް ދެވޭފަދަ ހަރުދަނާ މީހަކަށް ވުމަށެވެ. އަދި ހަމަ ފެންނަހާ މީހަކާ ނީނދެވޭނެ ކަމަށާއި ބޭނުންވަނީ ކައިވެނީގެ ޒިންމާ އުފުލަން އެނގޭ މީހަކު ކަމަށްވެސް ވާހަކަ ދައްކާލެވުނު ހުރިހާ ޒުވާނުން ވަނީ ބުނެފައެވެ.

“އެހާ ބިޓުން ގިނަ، ޕާސްޓް އެހާ ހަޑި މީހަކާ އިންނާކަށް މަށެއް ބޭނުމެއް ނޫން. މަ ކައިރިއަށް އަންނަން މަންމަ ކައިރީ ދޮގު ހެދިވަރު މަށަށް އެނގޭ. ކިހިނެތް އެނގެނީ މަކައިރީ އެކަހަލަ ބޮޑެތި ދޮގު ހަދާފަ އެހެން މީހެއް ކައިރިއަށް ނުދާނެ ކަމެއް” މިއީ ވެސް ޒުވާނެއްގެ ޚިޔާލެކެވެ.

ނަމަވެސް އަންހެން ކުއްޖަކު ވިޔާނުދާވުމުގައި ފިރިހެނުންގެ ހިއްސާއެއް ނެތޭވެސް އަޅުގަނޑެއް ނުބުނާނަމެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އަންހެނުން ވިޔާނުދާ ކަމުގައި ބުނާ ފިރިހެނުންނަކީ ވަކި ހަތް ފެނުން ފެން ވަރައިގެން ތިބި މީހުނެއްވެސް ނޫނެވެ. ހަމަ އަންހެނުންނެކޭ އެއްފަދައިން ފިރިހެނުންވެސް ރައްޓެހިވެގެން އުޅޭ އިރު އުޅެނީ ދާދި އެއްގޮތަކަށެވެ.

ނަމަވެސް ފަހު ވަގުތު އެންމެންގެ ކުރިމަތީގައި އަގު ވެއްޓެނީ އަންހެން ކުއްޖާގެއެވެ. ބޮޑު ކަމެއް ހިނގައިފި ނަމަ ބޭޒާރުވެ ފަޟީހަތް ވަނީވެސް އަންހެން ކުއްޖާއެވެ. ފިރިހެން މީހާ ގިނަ ފަހަރަށް ކުށްވެރިވާ ތަނެއް ނުފެނެއެވެ. ތެދެކެވެ. ގެއްލިއްޖެ އަބުރަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ.

އެހެންކަމުން ކޮންމެ އަންހެނަކުވެސް އެމީހެއްގެ އަބުރެއް ވާކަން ދަނެގެން، އެމީހެއްގެ އިއްޒަތް ރައްކާތެރި ކުރުމަށް ސަމާލުވެ ތިބުމަކީ މުހިންމު ކަމެކެވެ.