ސީއެންއެންގެ މި އަހަރުގެ އެންމެ މަގުބޫލް ރިސޯޓަކަށް ސޮނޭވާ ޖާނީ!

ދުނިޔޭގެ އެންމެ ބޮޑު އެއް ނިއުސް ޗެނަލް ކަމަށްވާ ސީއެންއެންއިން ކޮންމެ އަހަރަކު ހޮވާ އެންމެ މަގުބޫލް ރިސޯޓް، ހޮޓާތަކުގެ އެއްވަނަ މަގާމު މިފަހަރު ސޮނޭވާ ޖާނީ އަށް ލިބިއްޖެއެވެ.

ނ. މެދުފަރުގައި ތަރައްގީ ކޮށްފައިވާ ސޮނޭވާ ޖާނީއަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު ހުޅުވި ރިސޯޓެކެވެ. މި ރިސޯޓުގައި 18 ވިލާގައި 36 އެނދު ހުރެއެވެ.

ފަސްތަރީގެ ފެންވަރަށް ތަރައްގީކޮށްފައިވާ އެ ރިޒޯޓަކީ އެންމެ މަތީ ފަންތީގެ ޓުައަރިސްޓުންނަށް ހާއްސަކޮށްފައިވާ ރިޒޯޓެކެވެ. އެ ރިސޯޓުގައި ބީޗް ރެސްޓޯރެންޓަކާއި ކްލަބް ހައުސްއަކާއި ސްޕާ އަކާއި ސިނަމާއެއްގެ އިތުރުން ވޯޓާ ސްޕޯޓްސް އަދި ޑައިވް ސްކޫލެެއްވެސް ހުރެއެވެ.

އެއާޕޯޓުން ފުރައިގެން 30 މިނެޓްގެ ތެރޭގައި ސީޕްލޭނެއްގައި ދެވޭ ސޮނެވާ ޖާނީއަކީ ރާއްޖޭގެ އެހެން ރިޒޯޓްތަކާއި ތަފާތުކޮށް، ރިސޯޓުގައި ވިލާތައް ހުންނަނީ ފަސް ކިލޯ މީޓަރު ދުރަށް އަތުރާލާފައިއެވެ.  އެ ވޯޓާވިލާތަކަށް ދެވޭނީ ކުޑަ ދޯންޏެއް ނުވަތަ ޑިންގީއެއް ޒާތުގެ އެއްޗެއްގައެވެ.

ސޮނެވާ ކުންފުނީގެ ރާއްޖޭގައި ތަރައްގީކޮށް ހިންގަމުން އަންނަ ފުރަތަމަ ރިޒޯޓަކީ “ސޮނެވާ ފުށި” އެވެ. އަދި ތައިލޭންޑްގައި “ސޮނެވާ ކިރި”ނަމުގައި ރިޒޯޓެއް އެ ކުންފުނިން ހިންގައެވެ. އެކުންފުނިން ފުރަތަމަ ރާއްޖޭގައި ރިސޯޓެއް ހުޅުވީ 1995 ވަނަ އަހަރުއެވެ.

 

ސީއެންއެންގެ ދެވަނަ ރިސޯޓެއްގެ ގޮތުގައި ހިމަނާފައި ވަނީ ވިއެޓްނާމްގެ ރިސޯޓެކެވެ. އެއީ އެގައުމުގެ ހޮއި އަންގެ އައްސޭރިފަށުގައި ތަރައްގީކޮށްފައިވާ 100 އެނދުގެ ފޯސީޒަން ރިސޯޓް ދަ ނަމްހައި އެވެ.