ހަޤީޤީ ވާހަކަ: ފޮށެވުނު އަންހެން ކުއްޖާގެ ސަބަބުން ތައުބާވި ޒުވާނާ

އޭނާގެ ވާހަކަތައް ކިޔަިދެމުން ދިޔައިރު މޫނުމަތިން ދެރަވުމުގެ ކުލަވަރު ފެންނަން ހުއްޓެވެ. އޭނާ ބުނަމުން ދިޔައެވެ. “އަހަރެން ނަމާދުކޮށެއް ނޫޅެން. ފާފަ ކުރަމުން ދިޔައީ އެއްވެސް އަސަރެއް ނެތި. އަޅާލުމެއް ނެތި. އަހަރެންގެ އަމިއްލަ ޟަމީރާ މެދު އެއްވެސް ފަރުވާލެއް ނުބަހައްޓަން. މިއިން އެއްވެސް ކަމަކީ އަހަރެންނާވާ ބެހޭކަމެއް ނޫންކަހަލަ. އެކަމަކު އަހަރެންނަކީ މުސްލިމެއް. ހަމައެކަނި ނަމުގައި މުސްލިމެއް. ރަމަޟާން މަސް އަތުވެއްޖެއްޔާ ރޯދަ ހިފާ ނަމާދުކޮށް އަހަރެން އުޅުނިން. އަހަރެންނަކީ ރަމަޟާން މަހަށް އަޅުކަން ކުރާ ރަމަޟާން މަހުގެ އަޅެއް ފަދަ. އަހަރުގެ އެހެން ދުވަސްތަކުގައި ނަމާދުގެ މަތިވެރި ޝިޢާރާއި މަތިވެރިކަން ހަނދުމަ ނެތް ކަހަލަ.

އެއާއެކު އަހަރެން އުޅެމުން ދިޔައީ މިސްކިތުގެ އަވައްޓެރިއްގެ ގޮތުގައި ވިޔަސް ދުވަހަކުވެސް ނަމާދު ނުކުރަނީ ކީއްވެތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްނުލަން. ހަވީރުގެ ފިންޏަށް ނުބައި އެކުވެރިންނާއެކު ނުކުންނަ ގޮތަށް ދަންވަރުގެ ވަގުތުތަށް ހޭދަކޮށްލަނީ އުރެދުމުގައި. ބޭރުތެރޭގައި. އަހަރެންގެ ޢުމުރުން 35 އަހަރު ފަހަނަ އަޅައި ކާވެންޏަކާ މެދު ފިކުރެއް ނުކުރަން. އާދަވެ ގޭ ކައިރިން މިސްކިތައް ހިނގާ އަންހެން ކުއްޖަކާ ފޮށި ހަދަން. ޚާއްސަކޮށް ޢަޞުރު ވަގުތަކީ އަހަރެންގެ އުނދަގޫ އެ އަންހެން ކުއްޖާއަށް ބޮޑު ވަގުތެއް. އެއީ ޙިޖާބުވެ ފޮރުވިގެން ހުރި އަންހެން ކުއްޖެއް. ހިނގައިފައި ދާއިރު ފާރުގައި ޖެހިގެން ހިނގަމުންދާ ލަދުވެތިކަން ބޮޑު އަންހެން ކުއްޖެއް. އަހަރެން ވާހަކަދައްކާ، ގޮވާ، ފޮށިހަދާއިރު ދުވަހަކުވެސް އަހަރެންނަކާ ވާހަކައެއް ނުދައްކާ. ބަހެއްވެސް ނުބުނެ.”

އެ ޒުވާނާ ވާހަކަ ކުރިއަށް ގެންދަމުން ކިޔައިދިނެވެ. “ޒަމާންތަކާއި ދުވަސްތައް ދިގުވެ އަހަރެންގެ އުނދަގޫ އިންތިހާއަށް ގޮސް މިސްކިތައް ހިނގާގޮސް އުޅުން އެ އަންހެން ކުއްޖާއަށް ދަތިވުމުން އެއްދުވަހަކު އޭނާގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެ. އެ އަންހެން ކުއްޖާ އަހަރެންނާ ދިމާލަށް ބުނި. އަހަރެންގެ ކިބައިން ކޮންކަމެއް ބޭނުންވެގެންތަ ތިއުޅެނީ؟”

އެ ޒުވާނާ ކިޔައިދިނެވެ. “އަހަރެން އަވަހަށް އުފަލުން ޖަވާބު ދިނިން. އާދޭ މި ގެއަށް. މި ގޭގަ އެހެން އެކަކުވެސް ނޫޅޭނެ. ވާހަކަ ދައްކާލަން އާދޭ. ވަރަށް އަދަބުވެރި ކަމާއެކު އެ އަންހެން ކުއްޖާ ބުނި. އަހަރެން ބޭނުންވާ ކަމެއް އެބައޮތް. އެކަން ކޮށްދީފިއްޔާ ވަދެވިދާނެ. އަހަރެން ވަރަށް ފޯރީގައި ބުނެލިން. ބުނޭ. ބޭނުން ކޮންމެ ކަމެއް ބުނޭ. އެ އަންހެން ކުއްޖާ ވާހަކަ ދައްކަން ފެށި. އަހަރެން ބޭނުންވަނީ ތިބާ ސާޅީސް ދުވަސް ވަންދެން ކޮންމެ ދުވަހަކުވެސް ފަސް ނަމާދު މިސްކިތުގައި ޖަމާޢަތުގައި ކުރުން. އަދި ޢަޞުރު ފަހުން އޮންނަ ދަރުސް ތަކުގައި އިށީނުން. އަހަރެން ދެރަ ނުވާންވެގެން އާއެކޭ ބުނެ އެކަން ފުރިހަމަ ކޮށްދޭނެކަމުގެ ޔަޤީންކަން ދިނިން.

އެ ޒުވާނާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. “އަހަރެން ފުރަތަމަ ފަހަރަށް އަޞުރު ނަމާދު ޖަމާޢަތުގައި ކުރުމަށް މިސްކިތައް ދިޔައިން. އޭގެ ފަހުން ދުވަސްތައް އަހަރެން ގުނަ ފަށައިފިން. އެއީ އެ އަންހެން ކުއްޖާއާ ބައްދަލުވުމުގެ އުއްމީދުގައި. ނަމާދަކަށް ފަހު ނަމާދަކަށް އަދި ދަރުސަކަށް ފަހު ދަރުސަކަށް ޙާޟިރުވާ މީހަކަށް އަހަރެން ވެއްޖެއިން. ދެ ހަފްތާއެއްހާ ދުވަސް ވާންވީއިރަށް ޙާލަތު މުޅިން ބަދަލުވެއްޖެ. އަހަރެންނަކީ މިސްކިތުގައި ވަގުތުތައް ހޭދަކުރާ މިސްކިތުގެ އަހުލުވެރިއަކަށް ވެއްޖެ. ތައުބާ ލިބުމުގެ އެދުމުގައި. ދަރުސްތަކުން ދީނުގެ ޙުކުމްތައް އެނގެން ފަށައިފި. ނަމާދު އެޅުމަކީ ކަނޑައެޅިގެން ޙަރާމް ކަމެއް ކަމާއި ކާފިރުވާނޭ ޢަމަލެއްކަން އަހަރެންނަށް އެނގުނު. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘެއްގައި ވާފަދައިން އަހަރެމެންނާއި އެބައިމީހުންނާ ދެމެދުގައިވާ ޢަހުދަކީ ނަމާދެވެ. އެ ނަމާދު އަޅައިފި މީހާ ފަހެ ހަމަކަށަވަރުން ކާފަރު ވެއްޖެއެވެ.”

“އަހަރެންގެ ނަފްސާއި މެދު ޙިސާބުކޮށް ބެލެން ފަށައިފި. ޙަޔާތުން އެތައް ދުވަހެއް ބޭކާރު ކޮށްލެވުނު ކަމާމެދު ހިތާމަކުރެވެން ފަށައިފި. ސާޅީސް ދުވަހުގެ މުއްދަތު ކައިރިވާން ވެފައިވަނިކޮށް މިސްކިތައް ދިޔަ މަގުމަތިން އެއްކަލަ އަންހެން ކުއްޖާއާ ދިމާވެއްޖެ. އަހަރެން އިސްދަށަށް ޖަހާލިން. އަދިވެސް އަހަރެން ހުރީ ކުރިން އުއްމީދުކޮށްގެން ހުރި އެދުމުގައިތޯ އޭނާ ސުވާލުކުރި. އަހަރެން ކުއްލިއަކަށް ސިއްސައިގެން ގޮސް ޖަވާބު ދިނިން. ﷲ ރައްކާތެރި ކުރައްވާށި. އަހަރެންނަކީ މިހާރު ތައުބާ ވެގެން ހުރި މީހެއް. އަހަރެންނަކީ ކުރެވުނު ފާފަތަކާމެދު ދެރަވެ ހިތާމަކުރާ މީހެއް. އަހަރެން ނަމާދުތަކަށް ދާން ފެށީ ތިޔަ އަންހެން ކުއްޖާގެ ބޭނުމުގައި. އަހަރެން މިއަދު ނަމާދުތަކާއި ދަރުސްތަކުގައި މި އިންނަނީ ﷲ އަށް ބިރުވެތިވެ، ތައުބާވެ އެކަލާނގެ ވަޖުހުފުޅު އަދައިގެން. ﷲ ތިބާއަށް ހެޔޮ ޖަޒާ ދެއްވާށި. އަހަރެންގެ ފުށުން ތިބާއަށް ލިބުނު ގޯނާއަކަށް މަޢާފަށް އެދެން. އެކަންކަމަށް ﷲ ގެ ޙަޟްރަތުގައި އެކަންކަމަށް އަހަރެން އަސްތަޣުފާރު ކުރަން. އެވަގުތު އެ އަންހެން ކުއްޖާ އަހަރެންނާ ދިމާލަށް ބުނި. އޭ އަޚާ! އެ ދުވަހުން ފެށިގެން ތިބާއަށް ތެދުމަގު ދެއްކެވުން އެދި ކޮންމެ ނަމާދެއްގެ ފަހުގައި އަހަރެން ދުޢާ ކުރިން. އަދި މިއަދު އެ މަގު ފެނުމަށްފަހު ޘާބިތުކަން ދެއްވުން އެދި ދުޢާ ކުރަން. އޭ އަޚާ! ކެތްތެރިވޭ. ދުނިޔެއަކީ ހަމައެކަނި އޮތް ފުރުސަތު. ސުވަރުގެއާއި އާޚިރަތުގެ މަތިވެރިކަން ޙާސިލްކުރުމަށް ހަމައެކަނި އޮތް ފުރުސަތަކީ ދުނިޔެމަތީގައި ކެތްތެރިވުން.”

އެ ޒުވާނާ އިތުރަށް ކިޔައިދިނެވެ. “މި ވާހަކަތަކާއެކު އަހަރެން އެނބުރި ހިނގައްޖެއިން. އަހަރެންގެ ދެ ލޯ ވަނީ ކަރުނުން ފުރިފަ. ބޯ ތިރިކޮށްގެން ހުރެ އަހަރެން ގޮސްވަނީ މިސްކިތައް. އެއީ އީމާން ތެރިކަން. އޭގެ ފޮނިކަން. އަހަރެންނަށް މިވަނީ އޭގެ ފޮނިކަން އެންމެ ފުރިހަމަގޮތުގައި އިޙްސާސްކުރެވިފައި.”

ޝައްކެތްނެތެވެ. އީމާންތެރިކަމުގެ ފޮނިކަން އިޙްސާސްކުރަން އެދޭނަމަ ފަސްވަގުތުގެ ނަމާދަށް ރައްކާތެރިވާންޖެހޭނެއެވެ. 30 އަހަރުގެ އެ ޒުވާނާއަށް ދަސްނުވެ އޮތްކަމެއް އެ މާތް އަންހެން ކުއްޖާ އަންގައި އެދިނީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އަމިއްލަ އެދުމުން ފޯވެގެން އުޅޭ ކޮންމެ ފިރިހެނަކު ފޮށި ގޯނާ ކުރާ ކޮންމެ އަންހެން ކުއްޖަކީ އެފަދަ އުޚުތެއް ނަމަ ކޮންފަދަތޯއެވެ!

ކިޔުންތެރިންގެ ޚިޔާލު

Your email address will not be published. Required fields are marked *