ރާއްޖެ ހިމެނޭ ގޮތަށް 80 ގައުމަކަށް ގަތަރުން ހިލޭ ވިސާ ދޫކުރަން ފަށައިފި

ރާއްޖެ ހިމެނޭ ގޮތަށް 80 ގައުމަކަށް ގަތަރުން އޮން އެރައިވަލް ވިސާ، ހިލޭ ދޫކުރަން ފަށައިފި އެވެ.

ގަތަރުން ހިލޭ ވިސާ ދޫކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާފައިވާއިރު، ރާއްޖެ އަކީ ސައޫދީ އާއި ގަތަރާ ދެމެދު އުފެދުނު ސިޔާސީ ނުތަނަވަސްކަމުގައި ގުޅުން ކަނޑާލި އެއް ގައުމެވެ. އަދި ގަތަރާ ގުޅުން ކަނޑާލި ގައުމުތަކުގެ ތެރެއިން ހިލޭ ވިސާގެ ފުރުސަތު ދިން ހަމައެކަނި ގައުމަކީ ވެސް ރާއްޖެ އެވެ.

ހިލޭ ވިސާ ދޫކުރާނެ ކަމަށް ގަތަރުގެ ޓޫރިޒަމް އޮތޯރިޓީން އިއުލާނު ކޮށްފައިވާ ލިސްޓު ވަނީ ދެ ގިންތިއަކަށް ބަހާލައިފަ އެވެ. އޭގެ ތެރެއިން ރާއްޖެ ހިމެނެނީ ދެ ވަނަ ގިންތީގަ އެވެ. އެ ގިންތީގައި ހިމެނެނީ އެމެރިކާ އާއި އިނގިރޭސި ވިލާތް ފަދަ ގައުމުތަކެވެ.

“ގަތަރުން އަލަށް 80 ގައުމަކަށް ހިލޭ ވިސާ ދޫކުރަން ފެށުމުން މިހާރު މި ސަރަހައްދުގެ އެންމެ ހުޅުވިފައިވާ ގައުމަކީ ގަތަރު. އެ ގައުމުތަކުގެ ބޭފުޅުންނަށް ދައުވަތު އަރުވަން ގަތަރަށް ތަޖުރިބާ ކޮށްލަން ވަޑައިގެންނެވުމަށް،” ގަތަރުގެ ޓޫރިޒަމް އޮތޯރިޓީގެ ޗީފް ޓޫރިޒަމް ޑިވެލޮޕްމަންޓް އޮފިސާ ހަސަން އަލް އިބްރާހީމް ވިދާޅުވި އެވެ.

ގަތަރުގެ ލިސްޓުގައި އެއް ވަނަ ދަރަޖާގައި 33 ގައުމެއް ހިމަނާފައި ވެ އެވެ. އެ ގައުމުތަކުގެ މީހުންނަށް އޮން އެރައިވަލްގައި ގަތަރުން ހިލޭ 180 ދުވަހުގެ ވިސާ ޖަހައިދޭނެ އެވެ. ނަމަވެސް ކޮންމެ ދަތުރެއްގައި ވެސް އެންމެ ގިނަ ދުވަހު ހުރެވޭނީ 90 ދުވަހު އެވެ.

ރާއްޖެ ހިމެނޭ ދެ ވަނަ ގިންތީގައި 47 ގައުމެއް ހިމެނެ އެވެ. ދެ ވަނަ ގިންތީގައި ހިމެނޭ ގައުމުތަކުގެ މީހުންނަށް އޮން އެރައިވަލްގައި ހިލޭ ދެނީ 30 ދުވަހުގެ ވިސާ އެވެ. ނަމަވެސް މުއްދަތު އިތުރުކުރަން ބޭނުން ނަމަ 30 ދުވަސް އިތުރު ކޮށްދޭނެ އެވެ.

ގަތަރުން މީގެ ކުރިން ވަނީ ހަތަރު ދުވަހުގެ ޓްރާންސިޓް ވިސާ ހިލޭ ދޫކުރަން ފަށައިފަ އެވެ. އެ ބަދަލުގެ ދަށުން ހިލޭ ވިސާ ލިބޭނީ ގަތަރު އެއާވޭސްގެ ފަސިންޖަރުންނަށް އެކަންޏެވެ.