ތަހުޒީބުވަނީ މީހާގެ ފޭރާންތޯއެވެ؟ އިހަށް ދިރިއުޅުއްވާ ވެށި ސާފުކުރައްވާށެވެ!

ފުވައްމުލައް ރީތި ތަނެއްގެ ގޮތުގައި ބޭއްވުމަށް ރަށުގެ ސާފުތާހިރުކަމަށް ސަމާލުކަންދޭން އެބަޖެހެއެވެ. ރަށަކީ ބޮޑުރަށެކެވެ. ގާތްގަނޑަކަށް ރަށުގެ ހުރިހާ ސަރަހައްދެއްގައިހެން މީހުން ދިރިއުޅޭ ފުވައްމުލަކަކީ އާބާދީވެސް ބޮޑު ރަށެކެވެ.

ފުވައްމުލަކު މީހުން ހިތްހަމަޖައްސާލާ ހިތް އުފާކޮށްލުމަށް އާންމުކޮށްދާ އެއް ސަރަހައްދަކީ ރަށުގެ ކޮޅުގައި އޮންނަ ތުނޑީ ސަރަހައްދެވެ. މިހާރު ތުނޑި ސަރަހައްދު ވެފައިވަނީ ރަށުގެ އެންމެ ގިނަ މީހުން އެއްފަހަރާ ޒިޔާރަތްކުރާ ސަރަހައްދަށެވެ. އާއިލީ ބައްދަލުވުންތަކާ ކެއުންތަކާ ޕާޓީތަކާ މަޖާކުރުމުގެ އެކި ކަންކަން ތުނޑި ސަރަހައްދުގައި ކުރިއަށްދެއެވެ. ތުނޑިއަށް ދާ މީހުންނަށް ފަސޭހަވާނޭހެން އިށީންނާނެ ތަންތަނާއި ބާބަކިއު ހެދޭނެ އިންތިޒާމާއި މަޑުކޮށްލާ ހަޓުތައް ތުނޑީގައި ހަދާފައިވެއެވެ. ނަމަވެސް މި ހުރިހާ ފަސޭހަތަކެއްގެ ތެރެއިންވެސް އަޅުގަނޑުމެންނަށް މަދުންނަމަވެސް ހަނދާން ނައްތާލެވެނީ އެ ތުނޑިއަށް އަޅުގަނޑުމެން އަދާކޮށްދޭންޖެހޭ ވާޖިބެވެ. އެތަން ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށް އެތަނަށް ޒިޔާރަތްކުރާ މީހުން ސަމާލަންދޭން އެބަޖެހެއެވެ. ޕިކުނިކުގޮސް ކުޅެ މަޖާކޮށް ކައި ހަދާއިރު އެތަން މިތަނަށް ކުނި އަޅާފަ ހުންނަ މަންޒަރު ވަރަށް ގިނައިން ފެނެއެވެ. މިކަމުގެ ސަބަބުން އަމިއްލަ ރަށުގެ ސާފުކަން ގެއްލިގެންދަނީއެވެ. ތުނޑީގެ އެކި ސަރަހައްދުތަކުގައި ކުނި އެޅުމަށް ޚާއްސަ ވަށިގަނޑުތަކެއް ބެހެއްޓިފަ ހުއްޓަސް، ފަސޭހަކައަށް ނަމަވެސް ގެންގުޅޭ ކޮތަޅުގަނޑުވެސް ވެލިގަނޑު މައްޗަށް އެއްލާލެވެނީއެވެ. ތެދެކެވެ. އެތަން ސާފުކޮށް ކުނިކަހަން ތިބޭ މީހުން ހަވީރު ދަޅަޔަށް އައިސް ކުނިކަހާނެތާއެވެ. ނަމަވެސް އަޅުގަނޑުމެންގެ ފަރުދީ ޒިންމާ ކޮބައިތޯއެވެ. އަމިއްލަ ދަރިފުޅު ކައިރީގައި ބަހައްޓައިގެން ދައްކައިދެވެނީ ނުރަނގަޅު މަންޒަރެކެވެ. ތުނޑީގެ ހިތްގައިމުކަން ދެކެލުމަށް ދިޔުމަށްފަހު އެނބުރި ދެވެނީ އެތަން ހަޑިކޮށްލާފައެވެ. މިކަމާމެދު ވިސްނަވާށެވެ.

22

 

ރަށުގެ އެހެން ސަރަހައްދަކަށް ވިސްނާލަމާތޯއެވެ. ފުވައްމުލަކުގެ މޫނުމައްޗެއް ކަމަށް ބެލެވޭ ބަނދަރު ސަރަހައްދުވެސް ހަޑިކޮށްލެވެނީ ހަމަ އަޅުގަނޑުމެންގެ އަތްތަކުންނެވެ. މަސްވެރިން މަހުން ލެފުމަށްފަހު މަސްމާރުކޭޓަށް ގޮސް މަސްވިއްކުމުގެ ބަދަލުގައި ތޮށިގަނޑު މަތީގައި މަސްވިއްކަން ތިބޭ މަންޒަރުވެސް ފެންނަނީ މަދެއްކޮށެއް ނޫނެވެ. މަސްވިއްކާލުމަށްފަހު ގެއަށްދެވެނީ އެތަނަށް އެޅިފައި ހުރިނަމަ ހުރި ހުރިހާ ލެޔެއެއް އެގޮތަށް ބަހައްޓާފައެވެ. ނަތީޖާއެއްގެ ގޮތުން ރޭގަނޑަށް މުޅި ސަރަހައްދުގެ ވައިގައި ހިފާފައި ހުންނަނީ ނޭވާލާން އުނދަގޫކަހަލަ ވަހެކެވެ. ނެތެކެވެ. އެތަންވެސް ބަލަހައްޓަން ބަޔަކާ ހަވާލުކޮށްފަ ވާނެއެވެ. ނަމަވެސް އަޅުގަނޑުމެންނަކީ ހަމަ ހެޔޮ ވިސްނޭ މީހުން ނޫންތޯއެވެ. އަޅުގަނޑުމެންގެ ގޭ ތެރޭގައި ނުބައި ވަހެއް ދުވާނަމަ އަޅުގަނޑުމެންނަށް އުނދަގޫ ވޭ ނޫންތޯއެވެ. ހަމަ އެގޮތަށް މަސްކެނޑުމަށްފަހު އުކާލާ ހުރިހާ އެއްޗެއް އެތަންމިތަނަށް އުކާލުމުގެ ސަބަބުން މާރުކޭޓު ސަރަހައްދުގެ މާހައުލުވަނީ ތަޣައްޔަރުވެފައެވެ. މިއީ ވިސްނާލަންވެއްޖެކަމެކެވެ.

ފުވައްމުލަކުގެ ވަށައިގެން އެކި ސަރަހައްދުތަކަށް މީހުން މޫދަށް އެރިއުޅެއެވެ. ކުޑަކުދިންނާ ބޮޑެތި މީހުންނެވެ. ނަމަވެސް ރަށުގެ ބައެއް ސަރަހައްދުތަކުން މޫދަށް ފައިބާން ނުކެރޭވަރަށް ކުނި އަޅާފައިހުރެއެވެ. ޚާއްސަކޮށް ހަލާކުވެ ނުބައި ވަސް ދުވާ ޒާތުގެ ކުނިން ފުވައްމުލަކުގެ ހިތްގައިމު އަތިރިމަތިތައް ވަނީ ޚަރާބުކޮށްލާފައެވެ. ހަމަގައިމުވެސް މިކުނިތަކަކީ އޭގެ ޒާތުގައި އެތަނަށް އަންނަ ކުނިތަކެއް ނޫނެވެ. ބަޔަކު އެތަންތަނަށް އަޅާ ކުންޏެވެ. މިކަމުން އުނދަގޫވާނީވެސް ހަމަ ރަށުގެ ރައްޔިތުންނަށެވެ. ރަށުގެ ދަރިންނަށެވެ. މިފަދަ އެންމެހާ ކަންކަމަކީވެސް ކޮށްގެން ނުވާނެ ކަމެއްކަން ނޭނގޭ އެކަކުވެސް ހުންނާނެހެނެއް ހިޔެއް ނުވެއެވެ. ނަމަވެސް މިފަދަ ކަންތައް މަދުންނަމަވެސް ފާހަގަކުރެވެއެވެ. ފަހަރުގަ ކުނި އުކަން ބިދޭސީއެއްގެ އަތަށް ހަވާލުކުރެވެނީކަމަށްވެސް ވެދާނެއެވެ. ނަމަވެސް އޭނައަށް ކުނި އުކާލަންޖެހޭ ތަން ބުނެދިނުމަކީ ކުނި އުކަން ހަވާލުކުރާ މީހެއްގެ ޒިންމާއެކެވެ.

ހަމަ މިގޮތަށް ރަށުގެ ޗަސް ބިން ސަރަހައްދުންވެސް، އަދި ކުޅި ސަރަހައްދުންވެސް ކުނި އަޅާފައިހުންނަ މަންޒަރު ފެނެއެވެ. މިތަންތަނަކީވެސް ރަށުގެ ހިތްގައިމު ތަންތަނުގެ ގޮތުގައި ފާހަގަކުރެވޭ ތަންތަނެވެ. ރަށުގެ އެތަން މިތަނަށް ކުނި އެޅުމުން ދައްކައިދެނީ ކަންނެތްކަމެވެ. ތަހުޒީބު ނުވާކަމެވެ. ތަރައްޤީ ނުވާކަމެވެ. އަމިއްލަ ވަޒަނަށް ލޯބި ނުވާކަމެވެ. އެހެންކަމުން މިފަދަ ކަމެއް ތަކުރާރު ނުކުރުމަކީ ކޮންމެ ފަރުދެއްގެ ފަރުދީ އުފަލެއްކަމަށް ހަދަންޖެހެއެވެ. އަދި މިފަދަ ނާތަހުޒީބު މަންޒަރެއް ފެންނަ ހިނދު އެކަމެއް ހުއްޓުވުމަކީ ފަރުދީ ޒިންމާއެއް ކަމަށްވެސް ހަދަންޖެހެއެވެ. އެންމެން އެކީ ގުޅިގެން ރަށުގެ ތަރައްޤީއަށް މަސައްކަތްކުރަންޖެހެއެވެ.