ފުވައްމުލަކު މީހުންގެ ހިތްހެޔޮކަން ރަށުގެ ސަޤާފަތާއި ގުޅިފައި

ފުވައްމުލަކު ސިޓީ) އެކަކު އަނެކަކަށް ޤަދަރު ކުރުމާއި، އިޙްތިރާމް ކުރުން އަދި ހެޔޮކޮށް ހިތުމަކީ، އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އަބަދުވެސް އޮންނަ ކަމެކެވެ. ދިވެހިންނަކީ ޒަމާނުއްސުރެވެސް އަހުލާގު ރަނގަޅު ބައެއްކަމަށް ތާރީހީ ފަތްފުށްތައް ހެކިދެއެވެ. މި ވާހަކަތަކަކީ މުޅި ދުނިޔެއަށްވެސް އެނގޭ މަޝްހޫރު ވާހަކަތަކެވެ. ދިވެހިންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަމުގެ މިރީތި އާދަކާދައިގެ މިސާލުން މިސާލު ނަގާ މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ އުޅުމަކީ މިކަމުގެ ހެއްކެވެ.

ދިވެހިންގެ މެހެމާންދާރީ އަދާކުރުމުގެ ރިވެތި ގޮތްތަކަކީ ރާއްޖެއަށް ޒިޔާރަތްކުރާ ބޭރުމީހުން އެންމެ ގިނައިން ދައްކާ އެއް ވާހަކައެވެ. ޒަމާންތައް ބަދަލުވެގެން އައިއިރު ދިވެހިވަންތަ އެ ރިވެތި އާދަތައް ދިވެހި ފަސްގަނޑުން މިއަދު ފޮހެވެމުންދާކަމީ ޤަބޫލުކުރާންޖެހޭ ހިތި ހަޤީޤަތެވެ. ދިވެހިންގެ އެއްބައިވަންތަ ކަމުގެ މި ސަޤާފަތް ނެތި ދިއުމަކީ މުޅި ޤައުމަށްވެސް ލިބޭނޭ ދެރައަކަށްވާއިރު، ކާބަފައިން ދައްކައިދިން ރީތި ނަމޫނާގައި ހިފަހައްޓައިގެން ތިބި ބަޔަކުވެސް މިޤައުމުގައި އެބަ ތިއްބެވެ. މުޅި ޤައުމުގެ މަސްލަހަތާއި ކަރާމާތާއި ގުޅިފައިވާ ކަމަކަށްވާތީއެވެ. ޤައުމު އެކަމަކަށް ފަހުރުވެރިވާ މުހިންމު ސިފައަކަށްވެސް ވާތީއެވެ.

ފުވައްމުލަކު "ހޭރިޔާ"ގެ ތެރެއިން - ވަގުތު އިމޭޖަސް: އަމީން ފަހުމީ
ފުވައްމުލަކު “ހޭރިޔާ”ގެ ތެރެއިން – ވަގުތު އިމޭޖަސް: އަމީން ފަހުމީ

ފުވައްމުލަކަކީ ތަފާތު ތަނެކެވެ. ރާއްޖޭގައިވެސް އެކަނިމާއެކަނި ވަކި ފަސްގަނޑަކަށް އޮންނަ ހަމައެކަނި އަތޮޅެވެ. ދުނިޔޭގެ އެންމެ އުފާވެރި އެއް މަންޒިލެވެ. މިރަށު ރައްޔިތުންގެ ހިތްހެޔޮކަމުގެ ވާހަކައަކީވެސް ގިނަ ބަޔަކަށް އަޑުއިވިފައި އޮންނާނޭ ވާހަކައެކެވެ. ފެށުނީއްސުރެންވެސް މިއީ މިރަށުގެ ރައްޔިތުންގެ ހާއްސަ ސިފައެއްކަމުގައި މަޝްހޫރުވެފައި އޮންނަނީ ސަބަބުތަކެއް އެކަމުގައި ވާތީކަން ޔަޤީނެވެ. މިރަށް އެންމެ ހާއްސަވަނީ ރަށުން ބޭރުން އަންނަ މީހުނަށް މެހެމާންދާރީ އަދާކުރުމުގައި ކަން ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އެއީ މިރަށުގެ އެންމެ މުހިންމު ސަޤާފަތްކަމަށް މިރަށުގެ ރައްޔިތުން އަބަދުވެސް ދަނީ ދެކެމުންނެވެ.

މިކަމާއި ގުޅިގެން “ވަގުތު ހޭރިޔާ” ޓީމުން މިރަށުގެ ކައުންސިލްތަކާއި އާންމު ފަރާތްތަކާއިވެސް ވަނީ ބައްދަލުކޮށް ސުވާލުކޮށްފައެވެ. މިރަށަކީ ރާއްޖޭގެ އެހެން ގިނަ ރަށްތަކާއި ޚިލާފަށް ސަޤާފީ ކުޅިވަރުތައް ނެތް ރަށެއްކަމުގައި ވީނަމަވެސް، މެހެމާންދާރީ އަދާކުރުމުގެ ރިވެތި އާދައަކީ މިރަށުގެ ސަޤާފަތްކަމުގައި ރަށުގެ ރައްޔިތުން ޤަބޫލުކުރަނީ ފަހުރުވެރިކަމާއެކުގައެވެ. މިކަންތައް ފެށިގެން އައި ހިސާބެއް ބުނެދޭން އެނގޭ މީހެއް ނެތެވެ. ހަނދާން ހުންނަން ފެށީއްސުރެވެސް މިއީ އެއްބައިވަންތަ އަހުވަންތަކަމަށް ލޯބިކުރާ ރައްޔިތަކު އުޅުނު ރަށެކެވެ.

ފުވައްމުލަކު "ހޭރިޔާ"ގެ ތެރެއިން - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް
ފުވައްމުލަކު “ހޭރިޔާ”ގެ ތެރެއިން – ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

“މީހުން މީހުނާ ވާހަކަ ނުދައްކައި ނުތިބޭނެ، ރަށަށް އަންނަ މެހެމާނުންނާއި އިސްވެ ވާހަކަ ދައްކައި އެކުވެރިކަން އިސްކުރާނެ. އަދި ފުދުންތެރިކަން ހުރި މިންވަރަކުން އެ މެހެމާނަކަށް ހިދުމަތްކޮށްދޭނެ. ކާން ދިނުމާއި ދޮވެ އިސްތިރިކޮށް ދިނުމާއި ހަމައަށްވެސް ހިދުމަތް ފުރިހަމަކޮށްދެވޭތޯ ބަލާނެ. މިއީ ރާއްޖޭގެ އެހެން ގިނަ ރަށްތަކުން އެހައި ބޮޑަށް ފެންނަ މަންޒަރެއް ނޫން” މަޢުލޫމާތުދެމުން އާންމު ފަރާތަކުން ބުންޏެވެ.

އޭނާ ބުނީ ރަށަށް އަރާ މެހެމާނުންނަށް މިރަށުމީހުން ކަމޭހިތައި އަޅާލަނީ އެއީ ވަކި މީހަކަށް ވުމުން ނޫން ކަމަށާއި، ގިނަ ފަހަރަށް އެގޮތަށް ޒިޔާރަތްކުރާ މީހުން އާއިލާގެ ގޭގެޔަށް ގެންގޮސް އަލަށް އުފެދޭ ރަހުމަތްތެރިކަމުގެ ގުޅުން ވަރުގަދަ ކުރުމަށް މިރަށު މީހުން އިސްކަންދޭކަމަށެވެ.

ރަށަށް ޒިޔާރަތްކުރާ މީހުންނަށް ހިނިތުންވުމާއެކު މަރުޙަބާ ކިއުމާއިއެކު ގޭގެޔަށް ގެންގޮސް ކާންދީ ކަމޭހިތުމަކީ، ގިނަ ބަޔަކަށް ފެނި ތަޖުރިބާކުރެވިފައިވާނޭ ކަމެކެވެ. ރަށަށް ޒިޔާރަތްކުރާ މީހުން އަދި ނުދަތަކަސް މިރަށުގެ ރައްޔިތުން އެމީހުނާއިމެދު ބަހައްޓާ ގާތްކަމާއި އެކުވެރި އަދި އޯގާތެރިކަމުގެ ވާހަކައަކީ އާވާހަކައެއް ނޫނެވެ. ހަމަ ގައިމުވެސް އަޅުގަނޑުމެންގެ ޓީމުން މިވަނީ އެކަން ވަރަށް ފުރިހަމައަށް ތަޖުރިބާކޮށްފައެވެ.

ކެންގަރޫ ކިޑްސް ސްކޫލްގެ ސްޕޯޓްސް ޑޭ ހަރަކާތްތަކުގެ ތެރެއިން - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް
ކެންގަރޫ ކިޑްސް ސްކޫލްގެ ސްޕޯޓްސް ޑޭ ހަރަކާތްތަކުގެ ތެރެއިން – ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އެހެން ނަމަވެސް ދިވެހިންގެ ތެރޭގައި އިހުގައި އޮތް ގާތް ގުޅުމާއި ލޯބި މިއަދު ފެންނާން މިއޮތީ ކުރިއާއި ވަރަށް ބޮޑުތަން ތަފާތުކޮށްކަމުގައި ވާއިރު، މިރަށުގެ ރައްޔިތުން ފަހުރުވެރިވާ ހިތްހެޔޮ ކަމާއި އެއްބައިވަންތަ، އަޚުވަންތަ މި ސަޤާފަތަށްވެސް ހީނަރުކަން އަންނަމުންދާކަން ރައްޔިތުންގެ ދުލުން ހާމަކުރަނީ ކަންބޮޑުވާހާލުގައެވެ.

އެހެންކަމުން މިއަދު މިރަށުގެ އެންމެންގެވެސް އުންމީދަކީ، ޤަދީމީ ޒަމާނުއްސުރެ މިރަށުގައި ހަރުލާފައިވާ މި މާތް ސަޤާފަތް ނެތި ނުދިއުމެވެ. ރަށުގައި ރަނގަޅު އާދަތައް ހަރުލެއްވުމާއެކު ލިބިފައި އޮތް ރީތި ނަން، މިރަށުން ބީވެގެން ނުދީ ދެމެހެއްޓުމެވެ.

މިރަށު ރައްޔިތުން ބޭނުންވަނީ މުޖުތަމަޢުގައި ހުރި ކުނިބުނިތައް ނައްތާލައި އޭރުވެސް، އަދި މިހާރުވެސް ދިވެހިންނަށް ދިވެހިވަންތައް ރީތި ސަޤާފަތުން މިސާލުދެއްކުމެވެ.

“ވަގުތު” އިން ފުވައްމުލަކަށް ކުރަމުންދާ “ވަގުތު ހޭރިޔާ” ދަތުރުގެ ސްޕޮންސަރުންނަކީ ސޮނީ ސްޕޯޓްސް، އެމްއެކްސް ސައިން، ފައިސަލް ފައުންޑޭޝަން އަދި ރޯޔަލް ރެސްޓޯރެންޓް އެވެ.

ނޯޓް : މިއީ ވަގުތު އޮންލައިން އިން ނަކަލު ކޮށްފައިވާ ލިޔުމެކެވެ.

ކިޔުންތެރިންގެ ޚިޔާލު

Your email address will not be published. Required fields are marked *