“ފުވައްމުލަކު ނަންއިވޭ، މެދުއަޑިފެން ހެޔޮރަށޭ، ރާޅުވަށާފުއްޓަރޭ”

ޒަމާނުއްސުރެވެސް ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ބެހިފައި އޮންނަ ގޮތަށް ބަލާލާއިރުވެސް ފުވައްމުލައް މިވަނީ ތަފާތު ރަށަކަށެވެ. ޖިއޮގްރަފީގެ ގޮތުން ބަލާއިރުވެސް މިކަން އޮތީ މިހެންނެވެ. އެއް ރަށް ހިމެނުނުކަމުގައިވީނަމަވެސް މިއީ އަތޮޅެކެވެ. މީގެ ކުރިން ކާށިދޫއާއި މަކުނުދޫ ފަދަ ރަށްތަތަކީ މިރަށްފަދައިން ވަކި އަތޮޅުތައް ކަމުގައިވީނަމަވެސް، މިހާރު މިއީ ހަމައެކަނި ފުވައްމުލަކަށް ލިބިގެންވާ ހާއްސަ ސިފައެކެވެ.

ހޭޅި ފަށުން މިއީ އުސް ރަށެކެވެ. ރަށުތެރެ އޮތީ މެދަށް ފެންފައްސިޔަކޮށެވެ. އެހެނަސް އުތުރު ފަރާތް ވަނީ ތިރިކޮށެވެ. ހޭޅި ފަށުން އެންމެ ތިރި ކޮށްއޮތީ ރަށުގެ “ބަނޑަހާ” ފަންނާއި ދިމާލުންނެވެ. އެންމެ އުހީ ދިގުވާޑު އަވަށެވެ. މިރަށަކީ ފެން ހެޔޮ، ފަސްގަނޑު ރަގަޅު ދަނޑުވެރި ރަށެކެވެ. ހޭޅި ފަށުގައި ހުރީ މަގުލާއި ދިވެހި ރުކެވެ. ރުއް އެންމެ ގިނައީ ހޭޅި ފަށުގައެވެ. ރަށުތެރޭ ގައި ބިޔަ ދަނބާއި ފުނަގަސް އަދި އެންމެ ހާއްސަގޮތެއްގައި އަނބުގަސް ގިނަ އަދަދަކަށް ހުއްޓެވެ. އެހެން ނަމަވެސް ކުރިއާއި އަޅައި ބަލާއިރު މިފަދަ ގަސްތައް މިރަށުގައި ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މިރަށުގެ ޗަސްބިންތަކުގައި އޮޅުއަލަ ހައްދައި އުޅުމަކީވެސް ވަރަށް އާންމު ކަމެކެވެ.

ފުވައްމުލައް – ވަގުތު އިމޭޖްސް : އަމީން ފަހްމީ
ފުވައްމުލައް – ވަގުތު އިމޭޖްސް : އަމީން ފަހްމީ

 

މިރަށް އިދާރީގޮތުން ބެހިފައިވަނީ ދޫނޑިގަން، ފުނާޑު، މިސްކިތްމަގު، މާލެގަން، މާދަޑު، ދިގުވާޑު، ދަޑިމަގު އަދި ހޯދަޑަށެވެ. މީލާދީގޮތުން 12 ވަނަ ގަރުނުގެ ކުރިން ފުވައްމުލަކުގައި މީހުން ދިރިއުޅެފައިވާކަމުގެ ހެކި މިއަދާއި ހަމައަށްވެސް ފެންނާންހުރިއިރު، މިރަށަކީ ދިގު ތާރީހެއް އޮތް ރަށެއްވެސްމެއެވެ. 1800 ގެ ކުރީކޮޅުގައިވެސް މިރަށުގައި 350 އަށްވުރެ ގިނަ މީހުން ދިރިއުޅުނުކަމަށްވެއެވެ. އެހެން ނަމަވެސް އެކި ފަހަރުމަތިން މިރަށް ފަޅުވެފައިވާކަންވެސް ތާރީހުން އެނގެއެވެ. އެހެން ނަމަވެސް އޭގެ އަދަދާއި ބެހޭގޮތުން އެކި މީހުންގެ ހިޔާލު ތަފާތެވެ. ބައެއް މީހުން މިރަށް 4 ފަހަރު ފަޅުވި ކަމަށް ބުނާއިރު، އަނެއްބަޔަކު ބުނަނީ ރަށް ފަޅުވީ 3 ފަހަރެއްގެ މަތިން ކަމަށެވެ.

ގިނަ އަދަދަކަށް ފެންފޯއްރުއް މިހާރުވެސް ހުރި، މިރަށު ގިނަ ބަޔަކު އިއްތިފާގުވާގޮތުގައި، މިރަށަށް ފުވައްމުލަކުގެ ނަމުން ނަންދެވުނީ ރަށުގައި ގިނަ އަދަދަކަށް ފެންފޯއް ހެއްދޭތީއެވެ.

ފުވައްމުލައް – ވަގުތު އިމޭޖްސް : އަމީން ފަހްމީ
ފުވައްމުލައް – ވަގުތު އިމޭޖްސް : އަމީން ފަހްމީ

ކުރީ ޒަމާނުގައި ބުދުދީން އޮތް މިރަށުގެ މީހުނަށް އިސްލާމްދީން އުންގަންނަވައިދެއްވީ އައްޑުއަތޮޅަށް ނިސްބަތްވާ މީހެއް ކަމަށްވެއެވެ. އެ ޒަމާނުގައި ހުރިކަމަށް ބެލެވޭ ބޮޑެތި ބުދުފައްޅިތަކުގެ ނިޝާންތައް މިހާރުވެސް ފެންނާން އެބަހުއްޓެވެ. ރަށް އިސްލާމްވުމަށްފަހު އެންމެ ފުރަތަމަ ބިނާކުރެވުނު މިސްކިތަކީ ގެން މިސްކިތްކަމަށްވެއެވެ. އެ މިސްކިތް ހުރިތަނުގައި އަދިވެސް ފެންނާންހުރިއިރު، މިސްކިތް މަރާމާތުކޮށް އަދިވެސް ދަނީ ބޭނުންކުރަމުންނެވެ. މި މިސްކިތާއި މާ ދުރުނޫން ހިސާބެއްގައިހުރި، ފުވައްމުލަކުގެ އާސާރީ ތަނެއް ކަމަށްވާ ހަވިއްތައަކީ ކުރީގައި ބުދުފައްޅިއެއްހުރި ތަނެއް ކަމަށް ތާރީހުން އެނގެއެވެ.

އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތެއްގެ ގޮތުން ފުޅާދާއިރާއެއްގައި ދަނޑުވެރިކަންކޮށް އުޅޭ މިރަށަކީ ފަލަމަޑީގެ ބާވަތްތަކާއި ތަރުކާރީއާއި މޭވާ ހައްދާ ރަށެކެވެ. މީގެ ކުރިން މިރަށުގައި އަލަނާސިއާއި ނާރިންގާއި އޮރެންޖްވެސް ހެއްދިއެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ކާބޯތަކެތި ލިބުމުގެ ދަތިކަން މުޅި ރާއްޖެއަށް ކުރިމަތިވިއިރުވެސް މިރަށަކީ އެންމެ ކުޑަކޮށް އެކަމުގެ އަސަރުކުރި ރަށް ކަމުގައިވަނީ ދަނޑުވެރިކަމުގެ ރޮނގުން މިރަށް އެންމެ ކުރީގައި އޮތުމުންނެވެ.

ފުވައްމުލައް – ވަގުތު އިމޭޖްސް : އަމީން ފަހްމީ
ފުވައްމުލައް – ވަގުތު އިމޭޖްސް : އަމީން ފަހްމީ

ރާއްޖޭގައި، ވެލިގަނޑަށް އެންމެ ފުރިހަމައަށް ރާޅު ބިންދާ ރަށަކީ ވެސް ފުވައްމުލަކަށްވާއިރު، މިއީ އެންމެން ބަލައިލާން ބޭނުންވާ ހިތްގައިމު މަންޒަރެކެވެ. މި މަންޒަރު އިތުރަށް ފުރިހަމަކޮށްދެނީ ފުވައްމުލަކު ތުނޑީގެ ހުދުހުދު ވިދާ ވެލިގަނޑެވެ. އެތަށް ބަޔަކު ފުވައްމުލަކު ތުނޑީގެ ޖާދުވީ ރީތިކަމުގެ ވާހަކަ ދައްކަމުން ދާއިރު އިނގިރޭސިވިލާތުގެ ޓްރެވެލް މެގަޒިނެއް ކަމަށްވާ ވޮންޑަލަސްޓުން ހޮވި، އެޝިއާ ސަރަހައްދުގައި މީހުންނަށް ނޭނގި ހުރި އެންމެ ހިތްގައިމު “ސިއްރު” 19 ގޮނޑުދޮށުގެ ތެރެއިން 9 ވަނަ އަށް, ފުވައްމުލަކު މި ހިތްގައިމު ތުނޑި ހޮވިފައވަނީވެސް މި ސަބަބަށްޓަކައެވެ.

ފުވައްމުލަކު މަގެއްގެ މަތިން ބަޔަކު ސައިކަލް ދުއްވާފައި ދަނީ – ވަގުތު އިމޭޖްސް : އަމީން ފަހްމީ
ފުވައްމުލަކު މަގެއްގެ މަތިން ބަޔަކު ސައިކަލް ދުއްވާފައި ދަނީ – ވަގުތު އިމޭޖްސް : އަމީން ފަހްމީ

ފުވައްމުލަކުގެ ރީތިކަމުގެ ވާހަކަދެކެވޭއިރު، މިރަށުގެ އެންމެ ހާއްސަ ސިފައަކީ މިރަށު ރައްޔިތުންގެ ހިތްހެޔޮކަމާއި ރަށަށް އަރާ މެހުމާނުންނަށްދޭ މެހުމާންދާރީއޭ ބުނުން ގޯހަކަށް ނުވާނެއެވެ. ޒަމާނުއްސުރެ މިއަދާއި ހަމައަށްވެސް އެކަން ބަދަލުވުމެއް ނެތި ފުވައްމުލަކުގެ ހިތްހެޔޮ ރައްޔިތުންގެ ފަރާތުން ފެންނާންއޮތްއިރު އެއީ ރާއްޖޭގެހުރިހާ ރައްޔިތުންވެސް އެކަމުން މިސާލު ހޯދަންވީ ރިވެތި ސިފައެކެވެ.

ނޯޓް : މިއީ ވަގުތު އޮންލައިން އިން ނަކަލު ކޮށްފައިވާ ލިޔުމެކެވެ.