6.9 ކިލޯގެ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި

ފުލުހުންނާއި މޯލްޑިވްސް ކަސްޓަމްސް ގުޅިގެން ހިންގި ތަފާތު ތިން އޮޕަރޭޝަނެއްގައި ރާއްޖެ އެތެރެކުރަން އުޅުނު 6.9 ކިލޯގެ މަސްތުވާތަކެއްޗާއެކު ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

މި އޮޕަރޭޝަންތަކުގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ ފިރިހެނަކާއި އުމުރުން 25 އަހަރުގެ ފިރިހެނަކާއި އުމުރުން 23 އަހަރުގެ ފިރިހެނެއްގެ އިތުރުން އުމުރުން 26 އަހަރުގެ އަންހެނަކާއި އުމުރުން 27 އަހަރުގެ އަންހެނެކެވެ.

އެގޮތުން އެ މީހުންގެ ތެރެއިން އުމުރުން 21 އަހަރުގެ މީހާއާއި 25 އަހަރުގެ މީހާއާއި 23 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މިދޔަ މަހުގެ 23 ވަނަ ދުވަހުގައެވެ.

އަދި ފުލުހުން އިތުރަށް ބުނި ގޮތުގައި އުމުރުން 26 އަހަރުގެ އަންހެން މީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. އިންޑިއާއިން ރާއްޖެއައި ދިވެހި އަންހެނެއްގެ ފޮށިތަންމަތި ކަސްޓަމްސް އޮފިސަރުން ބަލައިފާސްކުރިއިރު އޭނާ ގެނައި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ޕެކެޓް ފެނިފައިވާ ކަމަށާއި އެތަކެތީގެ ބަރުދަނުގައި 2.74 ކިލޯ ގްރާމް ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އުމުރުން 27 އަހަރުގެ އަންހެން މީހާ ހައްޔަރުކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުގެ 12:15 ހާއިރުއެވެ.