ތާޝާ (13 ވަނަބައި)

އަހަރެން ދާން ހިނގައިގަތް ވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ ތާޝާ ދެންމެ ލިޔަންއިން ފޮތެވެ. އަހަރެން އެފޮތް ނަގާ ބަލައިލީމެވެ. އަހަރެން އަތުގައި އެފޮތް އޮތްތަން ފެނުމުން ތާޝާ އަހަރެންގެ އަތުން އަތުލެވޭތޯ އުޅުނެވެ. ތާޝާ އަތުލަން އުޅުމުން އަހަރެން ގަސްތުގައި އޭނަ ރުޅިއަރުވާލަން ދިޔައީ އެފޮތް ހިފައިގެންނެވެ.

އެރޭ އިޝާ ނަމާދުން ފައިބައިގެން އައިސް އަހަރެން އަވަސްވެގަތީ ތާޝާގެ ނޯޓު ފޮތް ކިޔާލާށެވެ. މިރޭ ކާހިތެއްވެސް ނެތެވެ. މޭޒުމަތީ އޮތް ފޮތް ހިފައިގެން އަހަރެން އެނދަށް އަރާ ހަމަޖެހިލީމެވެ. އަދި ފޮތް ހުޅުވާލީމެވެ. ”މަރިޔަމް ތާޝާ“ ފުރަތަމަ ގަނޑުގައި މިހެން ލިޔެލާފައި އިނީ ސާދާ އަތު ލިޔުމަކުންނެވެ. ކިޔާލަން ފަސޭހަ އަދި ބަލާލަންވެސް ރީތި ލިޔުމެކެވެ. ހަމަގައިމުވެސް އަހަރެންގެ ލިޔުމަށްވުރެ ތާޝާގެ ލިޔުން ރީއްޗެވެ. އަހަރެން ގަނޑު އެއްލައި ކިޔަންފެށީމެވެ……
ވިއްސިވިހާލި ވެފައިވަނީ އަހަރެންގެ ހިތް އެކަންޏެއް ނޫނެވެ. އަހަރެންގެ ހުވަފެންތަކާއި ދެލޮލުގެ ނިދިވެސް ވަނީ ވިއްސިވިހާލިވެފައެވެ. މިއީ ކޮންކަހަލަ އިންސާފެއް ހެއްޔެވެ؟ އަހަރެންވެސް އެހެން ކުދިން ފަދައިން ހިނިތުންވާން ބޭނުމެވެ. ހުވަފެންތަކުގައި ކުލަ ޖައްސަން ބޭނުމެވެ. ގިނަ ރައްޓެހިން ބޭނުމެވެ. ކިޔަވާ މޮޅު މީހަކަށް ވާން ބޭނުމެވެ. ދުނިޔޭގެ އުފަލަކީ އެހެން މީހުންނަށް ހައްގު އެއްޗެއް ހެއްޔެވެ؟ އަހަރެންގެ ހުވަފެންތަކުގައި ކުލަ ޖައްސައިދޭނެ މީހެއް ހަމަ މިދުނިޔެމަތީ ނެތީ ހެއްޔެވެ؟
އަހަރެންގެ ބައްޕައަކީ ހާދަ ނުބައި މީހެކެވެ. އަހަރެން ލައްވައި ގަދަކަމުން އެތައް ފިރިހެނުންނެއްގެ ގައިގައި އަތް ހާކުވައެވެ. އެމީހުންނަށް ވެގެންދާ އަރާމަކީ އަހަރެންނަށް ލިބޭ ވޭނެކެވެ. ހިތް ހަލާކުވެގެންދާ އެތައްކަމެއް ކޮންމެ ދުވަހަކު އަހަރެންނާއި ކުރިމަތިލާން ޖެހެއެވެ. އެންމެ ފަހުން ބައްޕަގެ އެންމެ ގާތް އެކުވެރިޔާ އާދަނު އަހަރެންގެ އިއްފަތްތެރިކަންވެސް ފޭރިގަތީއެވެ. އެރޭ އަހަރެން ހާދަ ރުއިމެވެ. ބައްޕައަށް ހާދަ ވަރަކަށް ގޮވީމެވެ. ބާއްޕާއޭ އަހަރެން ސަލާމަތް ކުރާށޭ ގޮވުން ވަރެއްވެސް ނޭންގެއެވެ. އަހަރެންނަށް ހާދަ ތަދެއް ވިއެވެ. ހިތައް ހާދަ އަސަރެއް ކުރިއެވެ. ނަމަވެސް އަޅާލާނީ ކާކު ހެއްޔެވެ؟ ކުރެވޭހާވެސް ކަމަކީ މާމަ ކައިރީ އިނދެގެން ފަތިސްވާންދެން ރުއިމެވެ. މާމަ އަހަރެންގެ ހާލާއިމެދު ވަރަށް ދެރަވެއެވެ. ނަމަވެސް މުސްކުޅިވެ ގައިބާރު ދެރަވެގެން އެނދުމަތިވެފައިވާ މީހަކަށް ކޮށްދެވޭނީ ކޮންކަމެއް ހެއްޔެވެ؟

އޭގެ ފަހުން އަހަރެންނަށް ފަރުވާކުޑަ ކުރެވެނީ ކަމަށްބުނެ، މީހުން ބައްޕަ ކައިރީ ޝަކުވާ ކުރަނީއޭ ކިޔާފައި އަހަރެންނަށް އަނިޔާކުރަން ބައްޕަ ފެށިއެވެ. މާތްކަލާކޯއެވެ. ދުނިޔެ ދޫކޮށްފައި އެތައް ފަހަރަކު ދާން ހިތައް އެރިއެވެ. ނަމަވެސް ފުރާނަ ލެއްވިފަރާތުން ފުރާނަ ގެންދަވަންދެން އަހަރެމެން އިންސާނުން ޖެހޭނީ ކެތް ކުރާށެވެ. އަހަރެން އޭރު ދުޢާ ކުރީ އަހަރެންގެ ފުރާނަ އަވަަހަށް ގެންދިއުމަށެވެ.

އެގެޔަކީ އަހަރެންނަށް ނަރަކައެކެވެ. އެމީހުން އަހަރެނަށް ހާދަ ގޯނާއެއް ކުރެއެވެ. އަހަރެންގެ ގައިގައި އަތްލާ ހަދާއިރު އަހަރެންގެ ބައްޕަ ހެވިފައި ބަލާން ހުރެއެވެ. މަންމަ ދުނިޔޭގައި ހުރިނަމަ އަހަރެންގެ ހައްގުގައި ބަސްބުނާނެކަން ޔަގީނެވެ. އަހަރެންގެ ބަދު ނަސީބުކަން ދެކިބަލާށެވެ. އެމީހުން ހެދި ގޮތެއް ހަދަންދެން އަހަރެން ޖެހެނީ ހުންނާށެވެ. އަމިއްލަ ނިކަމެތިކަމާއި މެދު އަހަރެން ހާދަ ހިތާމައެއް ކުރަމަވެ. ހިތައް ކިރިޔާވެސް ހިތްހަމަ ޖެހުމެއް ލިބެނީ ހަވީރުގަޑީގައި ގޮނޑުދޮށުގައި އިންނަ ގަޑީގައެވެ. އެގަޑީގައި ހިތައް ހާދަ ހަމަޖެހުމެއް ލިބެއެވެ. އަހަަރެންގެ ހިތުގެ ހަމަޖެހުން ގޮނޑުދޮށާއި ދާއިމަށް ގުޅުނީ އެނުދަންނަ ޒުވާނާ އަހަރެންނަށް ފެނުން ދުވަހުން ފަށައިގެންނެވެ. ކޮންމެ ދުވަހަކު އެތާ ހުރެގެން އަހަރެންނަށް ބަލާގޮތުން އަހަރެންވެސް ހައިރާންވިއެވެ. ނަމަވެސް އަހަރެން އޭނާއަށް ކަމުދާންވީ ކީއްވެގެން ހެއްޔެވެ؟

އެޒުވާނާ ފެނުންފަހުން އަހަރެން މުޅިން ކަހަލައިން ވިސްނަނީ އޭނައާއި ދޭތެރޭއެވެ. އޭނަ އަހަރެންގެ ފުރަގަހުގައި ހުންނަހާ ހިނދަކު އަހަރެންގެ ހިތް އޮބިނޯންނަ ވަރަށް ތެޅެއެވެ. އެންމެ ފަހުން ކެތް ނުވެގެން ކޮންމެ ދުވަހަކު އަހަރެން ޖެހެނީ ގެޔަށް ދާށެވެ. މޫނުމަތިން ވަރަށް ސާދާ ވައްތަރުޖަހައެވެ. ހަމުގެ ކުލަ އަލިވެފައި އެހާމެ ރީތި މޫނެކެވެ. ލޯވެސް އެހާ ހިތްގައިމެވެ. ބޮލުގެ އިސްތަށިކޮޅުގައި އަހަރެންވެސް ކުޅެލަން ބޭނުންވެއެވެ. ލާފައި ހުންނަ އެއްޗެހި އޭނަޔާ ވަރަށް ގުޅެއެވެ. ބަޔެއް ދުވަސް ދުވަހު އަޅައިފައި ހުންނަ އަވި އައިނުން އިތުރަށް މީހާގެ ފުރިހަމަކަން ދައްކުވާދެއެވެ. އެއީ ހުރިހާ ގޮތަކުންވެސް ހާދަ ފުރިހަމަ ޒުވާނެކެވެ. ނަމަވެސް އަހަރެންގެ ނަސީބުގައި އެޒުވާނާ ވާނެހެއްޔެވެ؟ އަހަރެންނަކީ އަހަރެންގެ ބައްޕަގެ ”ޕަޕެޓް“އެކެވެ……

އެހާ ހިސާބަށް ކިޔައި ނިންމައިފައި އަހަރެން ކުޑަކޮށް މަޑުޖެހެލީމެވެ. ހަމަ އަސްލުވެސް އަހަރެން ފެނިފައި ތާޝާއަށް ގޮތް ތަކެއް ވި ހެއްޔެވެ؟ އަހަރެން އުފަލުން އެނދުމަތީ ފުރޮޅިލީމެވެ. އަހަރެންނަށް އެވަރަށް ތަޢުރީފް ކޮށްފައި އޮތުމުން އުފާ ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ދެވަނަ ސިކުންތުގައި އަހަރެންގެ ހިނިތުންވުން ފިލައިގެންދިޔައީ އޭގެ ކުރިން ތާޝާ ލިޔެފައި ހުރި އެއްޗެހި ހަނދާންވުމުންނެވެ. ތާޝާ ހާދަ ވަރަކަށް ކެތްކޮށްފިތާއެވެ. އެހުރިހާ އެއްޗެއް ކިޔަމުންދިޔައިރު އަހަރެންނަށް ހީވީ އަހަރެންގެ ކުރިމަތީ ހިނގަމުން ދިޔަ ކަންތައްތަކެއް ހެންނެވެ. މިހާރު އަހަރެންނަށް ވިސްނިއްޖެއެވެ. އާދަމްބެ ފެނުމުން ތާޝާ އެވަރަށް ބިރުގަތީ ތާޝާގެ އިއްފަތްތެރިކަން ފޭރިގަތީ އޭނާ ކަމަށް ވާތީއެވެ. އެއީ ހާދަ ނުބައި މީހެކެވެ. އަހަރެންނަށް އެދުވަހު އިނގުންނަމަ އޭނަގެ ދުވަސް ދުއްވާލީމުހެވެ. އަހަރެން އަނެއްކާވެސް ފޮތް ހުޅުވާލުމަށްފަހު ކިޔަންފެށީމެވެ….
އަހަރެން އެފަދަ ނަޒަރަކުން މީހަކާ ދިމާލަށް ބަލައިލިކަން އިނގުނަސް ބައްޕަ އަހަރެންގެ ދެލޯ ނަގާނެއެވެ. މާތްކަލާކޯއެވެ. އަހަރެންނަށް މި ބަލަންފެށުނީ ކޮންކަހަލަ ބިރުވެރި ހުވަފެނެއް ހެއްޔެވެ.
ނިވިފައިވި އަހަރެންގެ ހުޅުކޮޅު އަލުން ދިއްލުނީ އެއްދުވަހު އެޒުވާނާ އަމިއްލަޔަށް އައިސް އަހަރެންނާއި ވާހަކަ ދެއްކުމުންނެވެ. އެޒުވާނާ އަހަރެން ކައިރީ ފުރަތަމަ ބުނި ޖުމްލަވެސް އަހަރެން ހަނދާން އެބަހުއްޓެވެ. ފުރަތަމަވެސް ގޮވައިލީ އަހަރެންގެ ނަމުންނެވެ. އަހަރެން ބަލައިލުމުން އޭނަގެ ނަންވެސް އިއްވާލިއެވެ. ”މާޒް“ އެދުވަހުން ފެށިގެން އެނަން އަހަރެންގެ ހިތުގައި ބިންވަޅު ނަގާފައި ހަރުލިއެވެ. އެނަމަކީ އަހަރެންގެ ހިތުން ދުވަހަކުވެސް ފިލުވޭނެ ނަމެއް ނޫނެވެ. އެއީ ހެޔޮ ހިތުން އަހަރެންނަށް އަމިއްލަ ނަފްސު ތައާރަފް ކޮށްދިން ފުރަތަމަ މީހާއެވެ. އަހަރެން ދާން ހިނގައިގަތުމުން އެއަތުން އަހަރެންގެ ކަނާއަތުގައި ހިފާލިއެވެ. އެވަގުތު ލިބިގެންދިޔަ ހިތްހަމަޖެހުމުގެ މައްޗައް އަހަރެން ރުޅިވެރިކަން އިސްކޮށްލީމެވެ. އެދުވަހުވެސް އަހަރެންގެ ހިތް ނެގިނެގިފައި ޖެހުނެވެ. ނަމަވެސް އަހަރެންގެ އިހުސާސްތައް ފޮރުވީ އަހަރެންނަކީ އޭނަޔާއި އެކަށީގެންވާނެ މީހެއް ނޫންވީމައެވެ. އެދުވަހު މާޒް އަހަރެންނަށް ފާރަލީކަންވެސް އަހަރެން ދެނަހުރީމެވެ. ހިނގަމުން ދިޔައިރު ދެފައި އޮޅިގެން ވެއްޓިދާނެހެންވެސް ހީވިއެވެ. އޭނަޔަށް ބަލަން ގޮނޑުދޮށުގައި ތާއަބަދަށް އިނދެވޭނެ ނަމައޭވެސް ހިތައް އެރިއެވެ. ނަމަވެސް އެވަގުތު ފިޔަވައި އަހަރެންނަށް ބޭރަށް ނިކުންނަން ހުއްދައެއް ނޯވެއެވެ.

އެރޭ އަހަރެންނަށް ބައްޕަގެ އަނިޔާ ލިބިގެން ދިޔައީ މާޒް އަހަރެން ހޯދަން ގެޔަށް ދިއުމުންނެވެ. އެރޭ އަހަރެން މާޒްދެކެ ވަރަށް ރުޅިއައެވެ. ހިތުން ހާދަ އެއްޗެއް ގޮވީމެވެ. އަހަރެންގެ ހިތް ހިބަކޮށްދިން ހަމައެކަނި ފަރާތުގެ ސަބަބުން ބައްޕަގެ އަތުގެ ހޫނުކަން އަހަރެންނަށް އިހުސާސް ވެގެންދިޔައެވެ. އަހަރެން އެރެޔަށްފަހު ގޮނޑުދޮށަށް ނުދާން ނިންމީމެވެ. ހުރިހާ ގެއްލުމެއް ލިބޭނީ އަހަރެންނަށެވެ. އެއްވެސް އިންސާނަކު އަހަރެންދެކެ ލޯބި ވެވިގެން ނުވާނެއެވެ. އަހަރެންމީ އެއްވެސް އިންސާނަކަށް ހައްގުވެގެންވާނެ މީހެއް ނޫނެވެ. ނޫނެކެވެ؟ އެއީ ކީއްވެގެން ހެއްޔެވެ؟ ހަމަ އަހަރެންނަށްވެސް ލޯބި ވެވިދާނެއެވެ. އެލޯބީގައި ދީވާނާވާންވެސް އަހަރެން ބޭނުމެވެ. އެހެންމީހުންގެ ލޯތްބާ އަޅާލުންވެސް އިންތިހާޔަށް ބޭނުމެވެ. ނަމަވެސް އަަހަރެންގެ ހަޔާތް ބައްޕަ އެދޭހާ ގޮތަކަށް ކުރިޔަށްގެންދާންވީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ބޭނުންވާ މީހެއްދެކެ އަހަރެންނަށް ލޯބި ނުވެވޭންވީ ކީއްވެގެން ހެއްޔެވެ؟ މާޒްއެވެ. އަހަރެން މިހުރިހާ ކަމަކުން ސަލާމަތް ކުރާށެވެ. އަހަރެންމީ ކިހާ ބޮޑު މޮޔައެއް ހެއްޔެވެ. އިއްޔަ ފެނުން މީހަކާ ދޭތެރޭ މިވަރަށް އުއްމީދު ކުރަންވީ ކީއްވެގެން ހެއްޔެވެ؟ އޭނައަކީ ކާކު ކަމެއްވެސް އަހަރެންނަކަށް ނޭންގެއެވެ. އޭނަ އަހަރެންގެ އަތުގައި ހިފީ އޭނަގެ ގޮތެއް ނެތީމައި ކަމަށްވެސް ވެދާނެއެވެ. އެހެން މީހުން ފަދައިން އަހަރެންގެ ރީތިކަން ފެނިފައި އަހަރެންގެ ބޭނުންކޮށްލަަން ހިތައް އެރީނޫންކަމެއްވެސް ނޭންގެއެވެ.
އެރޭ އަހަރެނަށް އެހެންޏާ ދުވަހަކުވެސް ނުފެންނަ ކަހަލަ ހުވެފެނެއް ފެނުނެވެ. އާދަނާއި ހުސޭނު އަހަރެން ބިންމަތީ ދަމާފައި ގެންގޮސް ކޮންމެވެސް ނުލަފާ ފިރިހިނަކާ ހަވާލު ކުރެއެވެ. އެމީހާ އަހަރެންގެ ބައްޕަ އަތައް ބައިވަރު ފައިސާދެއެވެ. ހޭނެތިގެން އަހަރެންގެ ދެލޯ މެރެމުންދިޔަ ވަގުތު މުޅިތަން އަލިވެގެންދެއެވެ. އަހަރެން ލޯހުޅުވާލީމެވެ. އަހަރެންގެ ކުރިމަތީ ހުރީ އަހަރެން ދެލޯ އެންމެ ދެކެންބޭނުންނާ މާޒްއެވެ. އަހަރެންގެ ބޮލުގައި މާޒް ވަރަށް ލޯބިން ފިރުމާލައެވެ. އަދި އަހަރެން މިއައީ ތާޝާ ސަލަމާތް ކުރަން ކަމަށްވެސް ބުނެއެވެ. މާޒްގެ ފިރުމުންތަކުން ވީ އަރާމެއްގެ ބޮޑުކަމުން އަހަރެންނަށް ނިދިގެން ދިޔައެވެ. ދެން ހޭލެވުނީ ބައްޕަގެ ހަޅޭކުގެ އަޑަށެވެ. ފުރާން ތައްޔާރުވާށޭ ބައްޕަ ބުންޏެވެ. އަހަރެން އެއްވެސް ތާކަށް ނުދާނަމޭ ބުނުމުން އަނގަމަތީ ޖެހިޖެހީނުން އަހަރެންގެ އެއް ދަތްވެސް ހެލޭންފެށިއެވެ. މާތްކަލާކޯއެވެ. މިވަރު ކަމެއް އެހެން ކުއްޖަކަށް މިންވަރު ނުކުރައްވާށިއެވެ.

ނިކަމެތި އަންހެން ކުއްޖަކު ހަޔެއްކަ ފިރިހެނުންވެގެން ދޯންޏަކަށް އަރުވައިގެން މާލެ ގެނެސް މުއްސަންޖަކަށް ވިއްކާލައެވެ. އެކުއްޖާގެ އިޒްނަޔަކާ ނުލައެވެ. އެކުއްޖާގެ އެއްވެސް އާދޭހަކަށް ބެލުމެއްނެތި ފައިސާގެ އަވާގައި ޖެހިގެން އަމިއްލަ ބައްޕަވެސް ހުރީ ޖާހިލުވެފައެވެ. ތާޝާގެ ދިރިއުޅުމަކީ މިއީ އެވެ. މިވަރުން ބާއްޖަވެރި ދިރިއުޅުމަކަށް އެދޭނީ ކިހިނެއް ހެއްޔެވެ؟ އެންމެ ހުވަފެނެއް ފެނިގެން އުންމީދުތަކެއް ހިތުގައި އުފެދުނެވެ. ނަމަވެސް އެ އުންމީދުތައް ގުޅިފައިވަނީ ނަމަކާއެވެ. ގޮނޑުދޮށުން ފެނުން ނުދަންނަ މީހަކާއެވެ. އޭނަ އަހަރެން ސަލާމަތް ކުރަން އަންނާނެ ހެއްޔެވެ؟ އޭނަ އަހަރެން މަތިން ހަނދާން ހުރި ކަމެއްވެސް އަހަރެންނަކަށް ނޭންގެއެވެ. އަހަރެން މާލެ ގެނެސް ވެއްދި ގެޔަށް އެޅި ފުރަތަމަ ފިޔަވަލާއި އެކީ އަހަރެންގެ ހިތް ބާރަށް ތެޅެންފެށިއެވެ. އުންމީދީ އޮއިވަރެއް ހިތުގައި އުފެދުނެވެ. ނޭންގޭ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ނަމަވެސް އެއީ ކީއްވެގެން ހެއްޔެވެ؟ މިގެޔާއި އަހަރެންގެ ހިތުގެ ވިންދާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ މައްޗައް އެރުމަށްފަހު އަހަރެން ކައިރީ ބައްޕަ ވަންނާށޭ ބުނި ދޮރުގެ ކުރިމައްޗައް ހުރި ދޮރަށް އަހަރެން ބަލައިލީމެވެ. އެވަގުތު ހިތުގައި ގޮތް ނޭންގޭ ޝޫއޫރު ތަކެއް އުފެދިގެން ދިޔައެވެ. އެއިރުއްސުރެ އަހަރެން އެދޮރުން އެތެރެޔަށް ވަދެލަން ވަރަށް ބޭނުންވިއެވެ. ނަމަވެސް އެއީ ވެސް ހަމަ ހުވަފެނެކެވެ.
ބައްޕަ އަހަރެން ވިއްކާލީވެސް ހަމަ އެފަދަ ޖަނަވާރަކަށެވެ. އަހަރެންނަށް ލިބެމުންދިޔަ އަނިޔާތައް އިތުރުވެގެން ދިޔައެވެ. ރޭގަނޑަށް އަހަރެންގެ ކޮޓަރިޔަށް ވަދެ އަހަރެންގެ ގަޔަށް އަތްލާވެސް ހަދައެވެ. ރޯލަ ރޯލާ އޮތުން ނޫން ގޮތެއް އަހަރެންނަކަށް ނެތެވެ. ބާރުގަދަ އަތެއްގެ ދަށުވެފައި އަހަރެން އޮންނަނީ ހަދާނެ ގޮތެއްވެސް ނޭންގިފައެވެ. އަހަރެންނަށް ހަމަ މިނޫން ގޮތެއް ނެތީ ހެއްޔެވެ؟ އެފަދަ ކޮންމެ ވަގުތަކު މާޒް އައިސް އަހަރެން ސަލާމަތް ކުރާނެ ނަމައޭ އަހަރެންގެ ހިތައް އެތައްފަހަރަކު އަރަޔެވެ. އެކަމަކު މާޒްއަށް މިތަނަށް އާދެވޭނީ ކިހިނެއް ހެއްޔެވެ؟ މި ނަރަކައިގައި ކެތް ކުރުން ނޫން ގޮތެއް އަހަރެންނަކަށް ނެތެވެ. ކެތްތެރިކަން ކޮޅުންލައިގެން ގޮސް އެއްދުވަހު ގަދަ ދައްކާފައި ނަމަވެސް ގެއިން ނިކުމެގެންދާން އަހަރެން ހިތައް އެރިއެވެ. އެދުވަހު އެތައް އިރަކު ރޯން އިނުމަށްފަހު ކޮޓަރިން ބޭރަށް ނިކުންނާން އެޅި ފުރަތަމަ ފިޔަވަޅުމަތީ އަހަރެންނަށް ހުރެވުނީ ކުރިމަތިން ފެންނަމުންދިޔަ މަންޒަރު ގަބޫލުވެސް ނުކުރެވިގެންނެވެ. އަހަރެންގެ ހިތުގެ ވިންދު ގުޅިފައިވި ގަނޑުދޮށުގެ ބައިވެރިޔާ ހުރީ މިގޭ ތެރޭގައެވެ. އިލްޔާސްއާއި އެކީއެވެ. ފެނުނުން މަންޒަރުން އަހަރެންގެ ހިތުގައިވި މަގްސަދުވެސް ހަނދާން ނެތުނެވެ. ވަށައިގެންވި ހުރިހާ އެއްޗެހި އެނބުރޭންފެށިހެން ހީވިއެވެ. ދެފައިން ވާގިދާން އުޅުމުން އަވަހަށް ކޮޓަރިއަށް ވަދެ ދޮރުޖެހީމެވެ. މާޒްއަކީ އިލްޔާސްގެ ކާކު ހެއްޔެވެ؟ މިގޭގައި އޭނަ ކުރަން އޮންނާނީ ކޮންކަމެއް ހެއްޔެވެ؟ މާޒްއަށް އަހަރެން ފެނުމުން ގޮތްތަކެއް ވިއެވެ. ނަމަވެސް އޭނަގެ ހިތުގައި ހިނގާނީ ކޮންކަހަލަ ޝުއޫރުތަކެއްބާއެވެ؟ ބޯހާސްވާން ފަށައިފިއެވެ. އަހަރެންނަށް އެވަގުތު ނިދިގެން ދިޔައީ……….
އެހާ ހިސާބުން އެފޮތުގައި އެއްވެސް އެއްޗެއް ލިޔެފައެއް ނެތެވެ. އަހަރެން ފޮތް ހުސްވަންދެން ގަނޑު އުކީމެވެ. ތާޝާއަށް އެހާހިސާބަށް ލިޔެވުމާއި އެކު އަހަރެން އެކޮޓަރިޔަށް ވަނުުމުން ހުއްޓާލީއެވެ. ކިޔައި ނިމުންއިރު އަހަރެންގެ ލޮލުގައި ޖަމާވެފައި ހުރި ކަރުނަތަށް ފައިބަން ފަށައިފިއެވެ. އިލްޔާސްވެސް އޭނަ އާއި ބެހެނީއެވެ. ތާޝާ އަހަރެންނާއި މެދު އުންމީދު ކުރާވަރު އިނގުމުން އަހަރެން އުފާވިއެވެ. އަހަރެންނާއި ދޭތެރޭ ވިސްނާގޮތުން އަހަރެން ކައިރިޔަށް ހިނިވެސް އަޔެވެ. ތާޝާ އަހަރެންނާއި ގަޔާވާކަމީ އަހަރެންނަށް ލިބުނު އިތުރު ހިތްވަރެކެވެ. ތާޝާގެ ހުރިހާ އުއްމީދެއް ގުޅިފައިހުރީ އަހަރެންނާއެވެ. ވީހާވެސް އަވަހަކަށް އިލްޔާސްގެ ގައިދުން ތާޝާ ސަލާމަތް ކުރަންވީއެވެ. އަހަރެން ކޮންމެ ގޮތެއް ހަދައިފައިވެސް އެކަން ކުރާނަމެވެ. ތާޝާގެ ވިއްސިވހާލިވެފައިވާ ހުރިހާ ހުވަފެނަކު އަހަރެން ކުލަ ޖައްސައިދޭނަމެވެ. (ނުނިމޭ)

ކިޔުންތެރިންގެ ޚިޔާލު

Your email address will not be published. Required fields are marked *