މުސްލިމުން “ހޯދަން” ފޭސްބުކް، ގޫގްލް، އަދި އެޕަލް އިން ޓްރަމްޕް އަށް އެހީއެއް ނުވާނެ

އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައިވާ ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެމެރިކާގައި ދިރިއުޅޭ މުސްލިމުން ދެނެގަނެ މުސްލިމުން ޓްރެކް ކުރަން ކުރާ އެއްވެސް މަސައްކަތަކަށް އެއްވެސް އެހީއެއް ނުވާނެ ކަމަށް އެންމެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތައް ކަމަށްވާ ފޭސްބުކް، ގޫގްލް، މައިކްރޯސޮފްޓް އަދި އެޕަލް އިން ބުނެފިއެވެ.

“އިންޓަރަޕްޓް” އިން އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ އެމެރިކާގެ އެންމެ ބޮޑެތި ނުވަ ޓެކްނޮލޮޖީގެ ކުންފުނީގެ ތެރެއިން އަށް ކުންފުނިން ވަނީ މުސްލިމުން ޓްރެކް ކުރަން ސަރުކާރަށް އެހީ ނުވާނެ ކަމަށް ބުނެފައެވެ. މުސްލިމުން ޓްރެކް ކުރަން އެމެރިކާ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭ ގޮތުން އަދި މިހާތަނަށް ވަކި އެއްޗެއް ނުބުނެ އޮތީ ޓްވިޓާ އިން އެކަންޏެވެ.

އައިބީއެމް އާއި އެސްއާރްއައި އިންޓަނޭޝަނަލް އަދި ސީޖީއައި އިން ވެސް ވަނީ މުސްލިމުން ޓްރެކް ކުރަން އެހީ ނުވާނެ ކަމަށް ބުނެފައެވެ.

އެމެރިކާގައި ދިރިއުޅޭ މުސްލިމުން ރަޖިސްޓްރީކޮށް މުސްލިމުން އެމެރިކާ އަށް ވަނުން މަނާ ކުރުމަކީ ޓްރަމްޕްގެ ރިޔާސީ ވައުދެކެވެ.

އެމެރިކާގެ ބޯހިމެނުން ކުރިއަށް ގެންދާއިރު ވެސް އަދި ދައުލަތުގެ އެއްވެސް ވުޒާރާ އަކުން އެއްވެސް މައުލޫމާތެއް ހޯދާއިރު މީހަކު ގަބޫލު ކުރަނީ ކޮން ދީނެއްތޯ ސުވާލު ކުރުމަކީ މަނާ ކަމެކެވެ. އެހެންކަމުން އެމެރިކާގައި އެއްވެސް ދީނެއްގެ މީހުންގެ ސީދާ އަދަދެއް ނޭނގެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި މިހާރު އެންމެ ފަސޭހައިން މީހުން ގަބޫލުކުރާ ދީން ދެނެގަނެވޭނީ އިންޓަނެޓް މެދުވެރިކޮށް ހޯދާ މައުލޫމާތު އެއްކޮށްގެންނެވެ. އެމައުލޫމާތު އިންޓަނެޓް ބޭނުންކުރާ މީހާ އަށް ނޭނގި ވެސް އެއްކުރެވިދާނެއެވެ.

ނަމަވެސް ޓެކްނޮލޮޖީގެ ކުންފުނިތަކުން މިކަމުގައި ޓްރަމްޕްގެ ސަރުކާރަށް އެހީތެރިކަން ނުދޭނެ ކަމަށް ބުނުމުން ދެން މިމައުލޫމާތު ޓްރަމްޕްގެ ސަރުކާރުން ހޯދާނީ ކިހިނެއްތޯ މިހާރު މިވަނީ ސުވާލު އުފެދިފައެވެ.