އަލީ ވަޙީދުގެ އިސްތިއުފާގެ ފަހަތުގައި އޮތީ ކޮންސަބަބެއް؟

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމުން އަލީ ވަޙީދު މިވަނީ ހޯމަ ދުވަހު އިސްތިއުފާ ދެއްވާފައެވެ. އަދި އިދިކޮޅު ހުރިހާ ފަރާތްތަކެއް އެކުވެގެން އުފައްދާފައިވާ އިއްތިހާދުގެ ޑެޕިއުޓީ ލީޑަރު ކަމުން ވެސް އޭނާ ވަނީ އިސްތިއުފާ ދެއްވާފައެވެ. އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމާއި އަލީ ވަޙީދު ހަވާލުވެ ވަޑައިގެންނެވީ 2014 ވަނަ އަހަރުގެ އޮގަސްޓް 30 ވަނަ ދުވަހުއެވެ. އޭނާ ވަނީ 821 ދުވަހު ނުވަތަ ދެއަހަރާއި ދެމަހާއި 29 ދުވަހު އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމު އަދާކުރައްވާފައެވެ.

އަލީ ވަޙީދުގެ ކުއްލި އިސްތިއުފާ އާއި އެކު ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިގެން ގޮސްފައެވެ. ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ތެރޭގައި މިހާރު ހުރި ކިރިޔާ ވެސް އެއްޗެއް ވިދާޅުވާ ދެތިން ހަތަރު ބޭފުޅުންގެ ތެރެއިން އެއްބޭފުޅަކު ނަމަވެސް ފެއަށް ޖެހިވަޑައިގެންނެވުމަކީ އިދިކޮޅު ފަރާތްތަކަށް ސަޕޯޓް ކުރާ ރައްޔިތުންނަށް އުފާވެރި ޚަބަރެއް ނޫނެވެ.

އެމްޑިޕީގެ ޗެއާޕާސަން ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އަލީ ވަޙީދު ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާ ދެއްވީ އަރުވާލެވިގެން އުޅުއްވަން ޖެހިވަޑައިގަތުމުން ރާއްޖޭގައި ހުރި ބޭފުޅަކަށް ފުރުސަތު ދެއްވަން ކަމަށެވެ. ނަމަވެސް އަލީ ވަޙީދުގެ އިސްތިއުފާގެ ހަމައެކަނި ސަބަބަކީ މިއީތޯ ސުވާލު އުފެދެއެވެ.

އިދިކޮޅު އިއްތިހާދުން ނަތީޖާއެއް ނުނެރެވުން؟

އިދިކޮޅު ހުރިހާ ފަރާތްތަކެއް އެއްބައިވެ އިއްތިހާދެއް އުފެއްދުމަކީ ސަރުކާރަށް ވަރަށް ބޮޑު ޕްރެޝަރަކާއި ކުރިމަތިވާނެ ކަމެއް ކަމަށް ކުރިން ލަފާކުރެވުނު ނަމަވެސް އެމަންޒަރެއް ނުފެނުނެވެ. އެއިއްތިހާދަށް މިކުރެވޭހާ ވެސް ކަމަކީ ނޫސްބަޔާނެއް ނެރެލޭ ޓްވީޓެއް ކޮށްލުމެވެ. ސަރުކާރު ހިނގަމުން މިދަނީ ސަރުކާރުގައި ތިއްބެވި ބޭފުޅުން ސަރުކާރު ހިންގަން ބޭނުންވާ ގޮތަށެވެ. އިދިކޮޅު އިއްތިހާދުގެ ޕްރެޝަރު ބޮޑުވެގެން ސަރުކާރުގެ ސިޔާސަތަކަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭ ވަރަށް އިއްތިހާދުގެ ހަރަކާތްތަކެއް ކުރިއަކަށް ނުގެންދެވުނެވެ.

ނޫނީ ޖަމީލް ފަދަ ލީޑާޝިޕް ނުދެއްކެވޭ ބޭފުޅަކާއި އެކު ނަމަކަށް މަގާމެއްގައި ހުންނަން ބޭނުން ނުވީކަމަށް ވެސް ވެދާނެއެވެ.

އެހެންކަމުން އަލީ ވަޙީދުގެ އިސްތިއުފާގެ ސިޓީގައި ކިތަންމެ ފަށުއި އިބާރާތްތަކެއް ލިޔުއްވާފައި ވީނަމަވެސް އިސްތިއުފާގެ ހަޤީޤީ ސަބަބަކީ އިދިކޮޅު އިއްތިހާދުގެ ސިޔާސީ އެޖެންޑާ ފެއިލް ވުން ކަމަށް ވެދާނެއެވެ.

އަލީ ވަޙީދުގެ އަމާޒު 2018 އަށް؟

އިދިކޮޅު ފަރާތްތަކުގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނަވާނެ ބޭފުޅަކު އަދި ނެތެވެ. ބައެއް ބޭފުޅުން ބަންދުގައި ތިއްބެވުމާއި އަދި ޙުކުމްތަކެއް އައުން އެކަށީގެންވާ ބައެއް ކަންކަމުގެ ތުހުމަތު ގިނަ ބޭފުޅުންގެ މައްޗަށް ކުރެވިފައި ވުމުން ދެން އޮންނަަ ރިޔާސީ އިންތިޚާބަކަށް ނިކުންނަން އިދިކޮޅު ފަރާތްތަކުން މިވަނީ ތަފާތު ގޭމެއް ކުޅެން ޖެހިފައެވެ.

އަލީ ވަޙީދު ވެސް މިގޭމްގައި ބައިވެރިވެ ވަޑައިގެން އިއްޔެ ދެއްވި އިސްތިއުފާ އަކީ ސަރުކާރަށް އޮޅުވާލާ އޭނާ ސިޔާސީ މައިދާނުން އެއްފަރާތައް ޖެހިވަޑައިގެންފި ކަމަށް ގަބޫލު ކުރެވޭ ފަދަ ޑްރާމާއެއް ކުޅުމަށް ފަހު ކުއްލިއަކަށް 2018 ގެ ރިޔާސީ އިންތިޚާބަށް ނިކުންނެވުމަށް ކުރެއްވި ކަމަކަށް ވެދާނެއެވެ.

އަލީ ވަޙީދު ސިޔާސީ މައިދާނުން ގެއްލުމުން އޭނާގެ ވާހަކައެއް އެއްވެސް މީހަކު ނުދައްކާނެއެވެ. އެހެންކަމުން މިފުރުސަތުގެ ބޭނުން ހިފާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ޕްލޭންތައްކޮށް، ފަންޑް ހޯދާ، އިދިކޮޅު ލީޑަރުންގެ ތާއިދު ސިއްރުން ހޯދާ، ރިޔާސީ އިންތިޚާބަށް ނިކުންނެވުމުގެ ޕްލޭނެއް އަލީ ވަޙީދު ގެންގުޅުއްވަފާނެއެވެ.

ފަޅި ބަދަލު ކުރެއްވީ؟

އަލީ ވަޙީދު ސިޔާސީ މައިދާނަށް ވެންނެވީ އިދިކޮޅު ޑީއާރްޕީގެ ތަރުޖަމާނެއްގެ ގޮތުގައެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކެމްޕޭން ތެރޭގައި ޑީއާރްޕީގެ ދިފާޢުގައި އަދި ރައީސް މައުމޫންގެ ދިފާޢުގައި އޭނާ ދެއްކެވި ޖޯޝުން ފުރިގެންވާ ވާހަކަތައް ކޮންމެހެން މިވަގުތު ހަނދާނަށް ގެނައުމުގެ ބޭނުމެއް ނެތެވެ.

އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނަވާ “ބޫމް ބޫމް” އާއި އެކު އަލީ ވަޙީދު ސިޔާސީ އުދަރެހުން މައްޗަށް އަރައިގެން ދިޔައީ ވަރަށް ބާރަށެވެ. އެމްޑީޕީ އަށް އަދި ރައީސް ނަޝީދު އަށް ފާޑުވިދާޅުވުމުގައި އަލީ ވަޙީދު ވަރުގެ އެހެން ބޭފުޅަކު އޭރަކު ނުހުންނާނެއެވެ. ނަމަވެސް ފަހުން އެފާޑުކިޔުން ފަރިއްސާއި، ހެޔޮ ބަސްތަކާއި، ތައުރީފަށް ބަދަލުކުރައްވާ އަލީ ވަޙީދު އެމްޑީޕީގެ ކޮޅަށް އަރައިވަޑައިގެންނެވީއެވެ.

ރައީސް ނަޝީދުގެ ވެރިކަން ވެއްޓި ރައީސް ވަޙީދުގެ ވެރިކަމާއި ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އަލީ ވަޙީދު ހުންނެވީ އެމްޑީޕީ ގައެވެ. ނިކަން ދޫހެލޭ އަޑުގަދަ ބޭފުޅެއްގެ ގޮތުގައެވެ. އިނގިރޭސިވިލާތައް ވަޑައިގެން އެގައުމުގައި ހުންނަވާ އިރުވެސް އަލީ ވަޙީދުގެ އަޑުމަޑެއް ނުވެއެވެ. ރާއްޖޭގައި ތިއްބެވި ބޭފުޅުންނަށްވުރެ އޭނާގެ އަޑު މާގަދައެވެ. ނަމަވެސް އެކަމަށް މިހާރު މިވަނީ ނިމުން އައިސްފައި ކަމަށް ބެލެވިދާނެއެވެ.

އަލީ ވަޙީދުގެ ސިޔާސީ ހަޔާތްޕުޅުގައި ކޮޅު ބަދަލުކޮށްލާ ކުރިން ގޯސް ކަމަށް އޭނާ ދެކެވަޑައިގެންނެވި ކަންކަން ފަހުން ރަނގަޅު ކަންތައް ކަމުގައި ސާބިތުކޮށްދެއްވަން އަލީ ވަޙީދު މީގެ ކުރިން ކުރެއްވި މަސައްކަތްޕުޅަށް ބަލާއިރު ރައީސް ޔާމީންގެ ވެރިކަމުގެ ދިފާޢުގައި އަލީ ވަޙީދު ނިކުންނެވުމަކީ ވެސް ވެދާނެ ކަމެކެވެ.

އެއީކީ އަލީ ވަޙީދު ނުކުރައްވާނެ ނުވަތަ ކުރައްވަން ކެރިވަޑައިގަންނަވާނެ ކަމެއް ނޫނޭ ބުނާނެ ފުރުސަތެއް އޭނާގެ ސިޔާސީ ހަޔާތްޕުޅަށް ބަލާއިރު ނެތެވެ. އެހެންކަމުން އަލީ ވަޙީދުގެ އިސްތިއުފާ އަކީ އޭނާ ރައީސް ޔާމީންގެ ކޮޅަށް އަރައިވަޑައިގަތުމުގެ ފުރަތަމަ ފިޔަވަޅަށް ނުވެ ހިނގައިދާނެ ހެއްޔެވެ؟

އަލީ ވަޙީދުގެ ސިޔާސީ ހަޔާތް ނިމުނީ؟

ބޮޑު ކަމެއް ކާމިޔާބު ކުރަން ބޭނުންނަމަ އަތުގައި އޮތް އެންމެ ބޮޑު އެއްޗެއް ޤުރުބާން ކުރަން ޖެހުން އެއީ ބައެއް ފަހަރު ކުރަން ޖެހޭ ކަމެކެވެ. ނިކަން އަވަހަށް ސިޔާސީ މެދުއުޑުގައި ފިޔަޖަހަން ފެށި އަލީ ވަޙީދު އޭނާގެ ޒުވާން ސިޔާސީ ހަޔާތް ޤުރުބާން ކުރެއްވީ “މުއްސަނދިކަމާއި ފައިސާއަށް” ކަމަށް މީހުން ކިޔައި އުޅެއެވެ.

މާލެ އިން ގޯއްޗެއް ބައްލަވައިގަތް ކަމަށާއި އެއީ ޕާޓީ ބަދަލުކުރެއްވުމުން ލިބުނު ހަދިޔާއެއް ކަމަށް ވެސް ބުނެއުޅެއެވެ. އެހެންކަމުން އަލީ ވަޙީދުގެ މައްޗަށް ވެސް ކޮރަޕްޝަންގެ ތުހުމަތު ކުރާބަޔަކު އެކަން ކުރެއެވެ. އަލީ ވަޙީދު ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ދިފާޢު ނުކުރެއްވި ސިޔާސީ ދާއިރާ އިން ފަހަތައް ސޮއްސާލީ އެއްސަބަބަކީ އެތުހުމަތުތަކެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ހޮވިވަޑައިގެންނެވުމުން ވެސް ސިޔާސީ ދާއިރާ އިން އެމްޑީޕީ އަށް ކާމިޔާބު ހޯއްދެވުމުުގައި އަލީ ވަޙީދު ވަނީ ފެއިލް ވެފައެވެ. ޕާޓީގެ ހުންގާނު ސީދާ ކުރައްވާ އިންތިޚާބުތަކަށް ތައްޔާރުވުމުގައި ހޯއްދެވުނު ކާމިޔާބެއް ނެތެވެ. އެހެންކަމުން ދެން އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއް ވެސް އަލީ ވަޙީދަށް ކާމިޔާބު ކުރެއްވުން އެއީ ވުން ވަރަށް ދުރުކަމެކެވެ.

އެކަން އަލީ ވަޙީދު ވެސް އެންމެ ފަހުން ގަބޫލު ކުރައްވާ ތާއިދު ނެތް މަގާމެއްގައި ހުންނެވުމުގެ ބޭނުމެއް ނެތް ކަމަށް ވިސްނިވަޑައިގެން ފަހަތައް ޖެހިވައިގެންނެވީ ކަމަށް ވުން ވެސް އެކަށީގެންވެއެވެ.