މައިދައިތަ

މަންމަގެ ވާހަކަ އަހަންނަކަށް ގަބޫލެއް ނުކުރެވުނެވެ. ދެކޮޅު ނުޖެހޭތީއެއްނޫނެވެ. ނަޒީހާ އެފަދަ ކަމެއް ކޮށްފާނެހެން ހަމަ ހީނުވަނީއެވެ. އޭނާ އަކީ ފައިސާއާ ހެދި މޮޔަވާ މީހެއްނޫނެވެ. އަހަރެންގެ މުސާރަ އޭނާއާ ހަވާލު ކުރަން ޖެހެނީވެސް ގަދަކަމުންނެވެ. ވީއިރު ބައްޕަގެ އަލަމާރިން ލާރިތަކެއް ނަގަން ނަޒީހާ ހިތަށްވެސް އަރަންވީ ކީއްވެގެން ހެއްޔެވެ؟ އެކަމަކު އެކަން ގަބޫލު ކުރަން ނަޒީހާ އާ ދެކޮޅަށް ހުރި ހެކިތަށްވެސް ފުދޭވަރުވެއެވެ. އެހެން ނަމަވެސް އަހަރެން މިކަން ގަބޫލު ކުރާނީ ނަޒީހާ އެކަމަށް އެއްބަސް ވުމުންނެވެ. އެއީ އަހަރެން ނަޒީހާއަށް ފުރިހަމައަށް އިތުބާރު ކުރާތީއެވެ.

ނަޒީހާ އޮފީހުން އައުމުން އަހަރެން އޭނާއާ އެ ސުވާލު ކުރީމެވެ. ނަޒީހާގެ އަނގަ ހުޅުވުނު ގޮތަށް ލައްޕަންވެސް ނޭގިފައި ހުއްޓެވެ. އެއީ ނަޒީހާގެ ފިރިމީހާގެ ފަރާތުން މިފަދަ ސުވާލެއް ނަޒީހާއަށް އަމާޒުވީތީ ކަމަށްވެސް ވެދާނެއެވެ. ނަޒީހާ މިކަމަށް އެއްބަހެއް ނުވިއެވެ. އޭނާ ހަމަ ގިސްލާފައި ރޮނީއެވެ. އެފަދަކަމެއް އޭނާ ނުކުރާކަމަށް ބުނަމުންދެއެވެ. އަހަރެން އެލާރިތަށް ނަޒީހާގެ އަލަމާރީގެ ހެދުންތައް ދަށުން ނަގައި އެނދުގައި ރޯންއޮތް ނަޒީހާއާ ދިމާއަށް އުކަމުން ސުވާލަކަށްފަހު ސުވާލެއް ކުރަމުން ދިޔައީމެވެ. މިއީ ކިހިނެތް މިތަނަށް އައިސްހުރި ފައިސާ އެއްހެއްޔެވެ؟ މިއެއްޗެހި ނަޒީހާގެ ހެދުންތަކުގެ ދަށުގައި ހުންނަންވީ ކީއްވެގެން ހެއްޔެވެ؟ މިހުރިހާ ފައިސާތަކެއް ލިބުނުގޮތް ކިޔައިދިނުމަށް އަހަރެން އެދުނީމެވެ.

އަހަރެން އޭނާ ރުއިމަށް ދޫކޮއްލީމެވެ. ނަޒީހާ ހުއްޓާ ލެއްވުމަށް އަހަރެން ބޭނުން ނުވާތީކީ ނޫނެވެ. ހަޤީޤަތް ހޯދުމަށް އަހަރެން ބޭނުންވާތީއެވެ. ގަޑިން އެގާރަގަޑި ބައިވުމުން ކޮޓަރިތެރެއިން ބޭރަށް ނިކުމެލީމެވެ. ހިތަށް ލިބިފައިވާ ނުތަނަވަސްކަން ފިލުވައިލައި ޖެހެމުންދާ ވައިރޯޅި ތަކުން އުފާހޯދުމުގެ ބޭނުމުގައެވެ. އޭރުވެސް ނިދުމުގެ ތެރެއިން ނަޒީހާގެ ގިސްލުމުގެ އަޑު އިވެމުން ދެއެވެ.

އަހަރެން ބޭރަށް ނިކުތުމާއިއެކު މަޑު ވައިރޯޅިތައް އަހަރެންގެ ހިތްހަމަ ޖައްސައިދިނުމަށް މަސައްކަތް ފެށިއެވެ. އެވަގުތު އަހަރެންގެ ކަންފަތަށް ސައިކަލެއްގެ އަޑު އިވުނެވެ. އަހަރެން އެދިމާއަށް ބަލައިލީމެވެ. އެވަގުތު ބައްޕަގެ  ކަރުން ޓައީ ނައްޓަމުން ގެއަށް ވަންނަތަން ފެނުނެވެ. އަނެއްކައިވެސް އެހިޔާލުތައް އަހަންނަށް އުދަގޫ ކުރަން ފެށިއެވެ. އެހެން ކަމުން އަހަރެން އެނބުރި ކޮޓަރިއަށް ދިއުމަށް ހިނގައި ގަތީމެވެ.

” ހާދިމް، އަހަރެމެން ދެމީހުންގެ މަސައްކަތް ކާމިޔާބު ވާނެކަމުގެ މަލަމަތި ފެންނަން ފަށައިފި!” އެއީ މަންމަގެ ކޮޓަރިން އިވުނު އަޑެކެވެ. އަހަރެންނަށް އެކޮޓަރިއާއި ކައިރިއަށް ޖެހިލެވުނެވެ. ” އާ! ވަރަށް ރަނގަޅު! އެ ނަޒީހާ މިގެއިން ނެރެވޭނެ ގޮތެއް އޮތިއްޔާ އައިސާފުޅު ކުރާތި! ހުމައިދުގެ ހިތުގައިވާ ނަޒީހާއަށް އޮތްލޯބި ނަފްރަތަށް ބަދަލު ކުރޭ! ” މިފަހަރު އެއީ ބައްޕަގެ އަޑެވެ. އަހަރެންގެ ފައިދަށުން ބިންގަނޑު ދަމައިގަތްހެން ހީވިއެވެ.  އަހަރެންނަށް ހުރެވުނު ތަންވެސް ހަނދާން ނެތުނެވެ.

އަހަރެންނަށް ކޮޓަރިއަށް ދެވުނީ ކިރިއާއެވެ. އަހަރެން އެނދުގައި އޮށޯވެވުމާއިއެކު ރޯންފެށުނެވެ. ތެދެކެވެ. އަހަރެމެން ދެމީހުންގެ ގުޅުމާއިމެދު މަންމަމެން ފުރަތަމަ ނުރުހުންވިއެވެ. މަންމަ އާއި ބައްޕަ ބޭނުންވަނީ އަހަރެން މާލޭގެ މުއްސަންޖަކާއި ކައިވެނި ކުރުމަށެވެ. އެހެންނަމަވެސް އަހަރެން ނަޒީހާ އާއި ނޫނީ ކައިވެނި ނުކުރާނޭ ކަމަށް ބުނުމުން ދެމީހުންވެސް އެއްބަސްވިއެވެ. ނަމަވެސް މިފަދަކަމެއް ކޮށްގެން އަހަރެމެން ދެ މީހުންގެ ގުޅުން ރޫޅާލަން މަސައްކަތް ކުރާނޭ ކަމަށް ފަހަރެއްގައިވެސް އަހަރެން ހިތަކަށް ނާރައެވެ.

އަނެތް ދުވަހުގެ ހެނދުނުގެ ސައިގަޑީގައި އަހަރެން އެމައްސަލަ ހިލުވައިލީމެވެ. މަންމަ އާއި ބައްޕަ ކޮޓަރީގައި ތިބެގެން ދެއްކި ވާހަކަ އަޑު އިވުނުވާހަކަ ބުނީމެވެ. މަންމަ އާއި ބައްޕަގެ ރޭވުން ފެއިލްވީ ވާހަކަ އަހަރެން ބުނީމެވެ. ނަޒީހާގެ ބޮލުގައި އެފަދަ ތުހުމަތެއް އެޅުވީ އޭނާގެ ކޮންކުށެއް އޮވެގެންތޯ އަހަރެން ސުވާލު ކުރީމެވެ. އެ ވާހަކަތަށް އަޑު އަހަމުން ދިޔައިރު ނަޒީހާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދެއެވެ.

މަންމަ އާއި ބައްޕަ ކުށަށް އިއުތިރާފް ވިއެވެ. މާފަށްވެސް އެދުނެވެ. އަހަރެމެން ދެމަފިރިންގެ ކިބައިންނެވެ. އަހަރެމެން އެކުށަށް މާފްކުރީމެވެ. މަންމަ އާއި ބައްޕައަށް ވީތީއެވެ.

 

” މިއީ މުޖުތަމައުގައި ވަރަށް ގިނައިން ހިނގަމުންދާކަމެކެވެ. މައިދައިތައިންގެ ފަރާތުން އެމީހުންގެ ދަނބިދަރިން ނުވަތަ ޅީ ދަރިންނަށް ނަފްރަތު ރައްދުވަނީ ކީއްވެގެން ހެއްޔެވެ؟ މިއީ މިހާރު ޖަވާބު ހޯދަން ވެފައިވާ ސުވާލެއް ކަމަށް ދެކެމެވެ. “