ހަޔާތުގެ ޑައިރީ އޭނާގެ ގަލަމުން (ހަތްވަނަ ބައި)

ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް އަހަރެންގެ ހިތުގައިވާ އާސިފުގެ ލޯބި ދިޔައީ އިތުރުވަމުންނެވެ. ހިތުގައި އުފެދޭ ލޯބީގެ ޖަޒުބާތުތައް ކެތްތެރިކަމާއެކު އަހަރެން ކޮންޓްރޯލް ކުރަމެވެ. އާސިފުފަދަ މާތް އިންސާނަކުދެކެ ލޯބިވުމުގެ އެއްވެސް ހައްޤެއް އަހަންނަށް ލިބިގެން ނުވެއެވެ. އަހަރެންނަކީ ފާފަވެރިއެއްކަމުގައި ޚުދު އަހަރެން ދެކެމެވެ. އަދި އަހަރެންގެ ހަށިގަނޑަކީ އެފަދަ މާތް އިންސާނަކާއި އެކަށީގެންވާފަދަ ސާފުތާހިރު އެއްޗެއް ނޫންކަންވެސް އަހަންނަށް އެގެއެވެ. މިހުރިހާކަމެއް ތެދުހިތުން ޤަބޫލުކުރުމާއެކުވެސް އޭނާދެކެ އިންތިހާއަށް އަހަންނަށް ލޯބިވެއެވެ. އާސިފަކީ އަހަރެންގެ ފިރިމީހާއެވެ. ނަމަވެސް އަހަންނަށް އޮތީ އާސިފު އޭނާގެ އަންބެއްގެ ގޮތުގައި ހުރިހާ ގޮތަކުންވެސް އަހަރެން ޤަބޫލުކުރާނެ ދުވަހަކަށް އިންތިޒާރު ކުރުމެވެ.

ޝާލީ ބޮޑުވަމުން ދިޔަވަރަކަށް އޭނާގެ ހަގީގީ ބައްޕަޔާއި ވައްތަރުވަމުން އައެވެ. އެތޫނު ދެލޮލުގެ ވިދުވަރު ޝާލީގެ ލޮލުން ފާޅުވެއެވެ. ޝާލީގެ ރީތިކަމާ އޭނާ ހުންނަލެއް ލޯބިކަމުން ފެންނަ ކޮންމެ މީހަކުވެސް އޭނާ ދެކެ ލޯބިވެއެވެ. އަހަރެންގެ ހިތުގައިވާ ޒަޚަމްތައްވެސް ޝާލީގެ ލޯބިން ފަސޭހަވެ،ދިރިއުޅުންދެކެ ލޯބިޖެހެން ފަށައިފިއެވެ. އަހަރެންގެ ކުޑަކުޑަ ޢާއިލާ ދިރިއުޅެމުންދަނީ ވަރަށް އޮމާންކަމާ، އުފާވެރިކަމާ އެކުގައެވެ. ދުވަސްތައް މިގޮތުގައި ފާއިތުވަމުންގޮސް އަހަރެންގެ ޕައްޕަވެސް މިފަނާވަނިވި ދުނިޔެއާއި އަލްވަދާޢު ކިޔައިފިއެވެ. ޝާލީ ވަރަށް ބޮޑަށް ދެރަވެ ރޮޔެވެ. އޭނާގެ ކާފަދެކެ އޭނާ ވަރަށް ލޯބިއެވެ. ބައްޕަ މިދުނިޔެ ދޫކޮށް ދިއުމުން އަހަންނަށް ވަރަށްބޮޑަށް އެކަނިވެރިކަން އިޙްސާސްވިއެވެ. މިދުނިޔޭގައި އަހަރެންގެ މީހަކަށް ހުރި ހަމައެކަނި އިންސާނަކީ އަހަރެންގެ ބައްޕައެވެ. ބައްޕަގެ ހިޔާވަހިކަން އަބަދަށްޓަކައި އަހަންނާއި އަލްވަދާޢު ކިއުމުން އަހަންނަށް ބަރުދާސްތު ނުކުރެވޭފަދަ ފުން ހިތާމައެއް ލިބުނެވެ.

ރޮއިރޮއި އަހަރެން އޮތީމެވެ. ޝާލީ ނިންދަވަންދާނެ ހިތްވަރެއްވެސް ނެތިފައެވެ. އާސިފު ޝާލީ ގޮވައިގެން އަހަރެންގެ ކޮޓަރީގައި އޮތެވެ. އަހަރެން އޮތީ އާސިފްގެ ކޮޓަރީގައެވެ. ފަހަކަށް އައިސް އަހަރެން ގިނައިން ނިދަނީވެސް އެކޮޓަރީގައެވެ. ބޮލުގައި ރިއްސާވަރުން ވާނުވާވެސް ނޭގޭފަހަރު އާދެއެވެ. މަޑުމަޑުން ދެލޯމެރޭފަހަރުވެސް އާދެއެވެ. އާސިފް އައިކަމެއްވެސް އަހަންނަކަށް ނޭގެއެވެ.

“ނީޝާ. ނީޝާ” އާސިފް ގޮވާއަޑަށް ކިރިޔަކިރިޔާ ތަންދޮރު އޮޅުން ފިލަންފެށިއެވެ. އާސިފް އަހަރެންގެ ނިތްކުރީގައި ފިރުމަމުން ދިޔައެވެ. އަދި އަރެންގެ އިސްތަށިގަނޑާ ކުޅެމުން އަހަންނަށް ގޮވަމުން ދިޔައެވެ. އަހަންނަށް އަޑުއިވެއެވެ. ނަމަވެސް ލޮލެއް ނުހުޅުވެއެވެ. އާސިފުގެ އަޑުގައިވަނީ މޮޅިވެރިކަމުގެ އަސަރެވެ. އޭނާ އަހަރެންގެ ނިތްކުރީގައި ބޮސްދެމުން، އަހަރެންގެ ކޮލުގައި މަޑުމަޑުން ތަޅަތަޅާފަ އަހަންނަށް ގޮވަމުން ދިޔައެވެ. އޭނާގެ ހޫނު ކަރުނަ ތިއްކެއް އަހަރެންގެ އެސްފިޔާގައި ޖެހިއްޖެއެވެ. ގަދަކަމުންވެސް ލޯހުޅުވާލެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. އެއްމެފަހުން ލޯހުޅުވިއްޖެއެވެ. ސީދާ އާސިފްގެ ލޮލަށް އަހަރެން ބަލައިލީމެވެ.

“ނީޝް އަހަރެންގެ އަޑު އިވޭތަ؟”

“އާނ އާސިފް. މިހާރު އެބައިވޭ”.

“ހަމަ ތެދެއްތަ!” އާސިފް އުފަލުން އޭނާގެ މޭގައި އަހަރެން ޖައްސައި ބާރުކޮށްލިއެވެ. އާސިފްގެ ހަށިގަނޑުގެ އާދަޔާ ޚިލާފް ހޫނުކަން އަހަންނަށް އިޙްސާސްވިއެވެ. އަހަރެން އޭނާއާއި ސުވާލުކުރީމެވެ.

“އާސިފް ބަލިވެތަ ތިއުޅެނީ”

“ނޫން. ނީޝް” އާސިފްގެ ޖަވާބު ވަރަށް ކުރެވެ.

” ކޮބާ ޝާލީ”

“ކިރުތަށި ބޮއެގެން ނިދައިފި”

” އަހަރެން ނެތިގެން މައްސަލައެއް ނުޖައްސާތަ”

” އާނ. އަހަރެން ވާހަކަ ކިޔައިދީގެން ނިންދެވީ. ބަނޑުހައެއް ނުވޭތަ؟ ހިނގާބަލަ ކާން”

“އަހަރެން ކާހިތެއް ނެތް”

” ނީޝްގެ ހާލު މާ ރަގަޅު ހެނެއް ހިޔެއްނުވޭ. ނިދާލާ އަހަރެން ނީޝްގެ ބޯ މޮޑެދޭނަން” .

އާސިފް ބޭސްގުޅައެއް ދީފަ އަހަރެންގެ ބޯ މޮޑެދޭން ފެށިއެވެ. އަހަރެން އިންކާރު ނުކުރަމެވެ. އާސިފްގެ އެފަދަ ބީހުންތަކަށް އަހަރެންވަނީ ފެންބޮވާގެންފައެވެ.