ތާޝާ (11 ވަނަބައި)

މަންމާ އަހަރެން ތާޝާ މިގޭގައި ބެހެއްޓިޔަސް އޯކޭ ދޯ؟“ އަހަރެން މިހެން ބުނުމުން މަންމަ ވަގުތުން ބޯ ޖަހައިލިއެވެ. ”އެކަމަކު މިކޮޓަރިޔަކު ނުހުރެވޭނެ!“ މަންމަ މިހެން ބުނުމުން އަނެއްކާވެސް އަަހަރެންނަށް ހެވުނެވެ. ”މަންމަ ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރީގައޭ… ސާބަސް މަންމައަށް!“ އަހަރެން ހެމުން ހެމުން އިއްވާލީމެވެ. ”އޯކޭ އެބަ އަންނަން ކުޑަކޮށް ސާފު ކޮށްލާފަ..“ މިހެން ބުނުމަށްފަހު މަންމަ އަހަރެންގެ ކޮޓަރިން ނިކުމެގެން ދިޔައެވެ. އަހަރެން ތާޝާގެ މޫނަށް ބަލައިލުމަށްފަހު ހީލީމެވެ.
”މާޒް އަހަރެން ދެން އުޅޭނީ މިގޭގަތަ؟“ ވަރަށް މައުސޫމް ގޮތަކަށް ތާޝާ މިހެން ބުނެލިއިރު އެމޫނުމަތިން އަހަރެންނަށް ފެނުނީ އިންތިހާ ދަރަޖައިގެ ހިތްހަމަ ޖެހުމެވެ. އަހަރެން އަވަސް އަވަހަށް ބޯޖަހައިލީމެވެ. ކުޑައިރުކޮޅެއްފަހުން މަންމަ ތާޝާ ގޮވައިގެން ދިއުމުން އަހަރެން ދެން އަވަސްވެގަތީ މެންދުރު ނަމާދު ކުރާށެވެ. އަހަރެން މިސްކިތައް ގޮސްފައި އައިިއިރު މަންމަ އުޅުނީ ދޮވުން އެއްޗެހި ހިއްކާން އަޅާން ބެލްކަނީގައެވެ. އަހަރެން އަވަސް އަވަހަށް ދިޔައީ ތާޝާގެ ކޮޓަރިއަށެވެ. އޭރު އެނދުމަތީ އެއްއަރިޔަކަށް އޮށޯވެލައިގެން ތާޝާ ނިދާފައި އޮތެވެ. އަހަރެން އެނދު ކައިރީ މަޑުމަޑުން އުޑުފައިން އިށީންދެލީމެވެ. އަދި ތާޝާގެ މޫނުމައްޗައް އެޅިފައި އިން އިސްތަށިކޮޅު ކަންފަތްދޮށަށް ލައްވައިލީމެވެ. މިވަރުގެ މައުސޫމްކަމެއް އަދި އަހަރެން ނުދެކެމެވެ. މިފަދަ ރީތިކަމެއްވެސް އަހަރެން ކުރިޔަކުން ނުދެކެމެވެ. އަހަރެންނަށް މިއުޅެވެނީ ހުވަފެނަކު ހެއްޔެވެ؟ މީގެ ހަފްތާއެއް ކުރިން އަހަރެންނަށް ނުފެނިގެން އުޅުން ކުއްޖާ މިއަދު މިއޮތީ އަހަރެންގެ ގޭގައި އަރާމުކޮށް ނިދާލާފައެވެ. އަހަރެންނަށް ލިބިފައިވާ އުފާވެރިކަން ބަޔާންކޮށްދޭނީވެސް ކިހިނެއް ހެއްޔެވެ؟ އަހަރެންނަކީ މިއަދު މިދުނިޔެމަތީގައި ހުރި އެންމެ އުފާވެރި މީހާއޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. ތާޝާގެ މޫނަށް ބަލަން އިނުމަށްފަހު އަހަރެން އެއަތުގައި މަޑުމަޑުން ހިފައިލީމެވެ. އަދި ކުޑަކޮށް ފޫހިއްލާލާފައި ގުދުވެލުމަށްފަހު އެއަތުގައި އަހަރެންގެ ތުންފަތް މަޑުމަޑުން ޖައްސައިލީމެވެ. ކުޑައިރުކޮޅަކު މިގޮތައް ބަލަން އިނުމަށްފަހު އަހަރެން އެކޮޓަރިން ނިކުމެގެން ދިޔައީ އަހަރެންގެ ފޯނަށް އިޔާޒްގެ މެސެެޖެއް އައުމުންނެވެ. އިޔާޒް އެދުނީ ތިރިޔަށް ފޭބުމަށެވެ. އަހަރެން އަވަސް އަވަހަށް ފޭބިއިރު އިޔާޒް ހުރީ ގޭ ދޮރުމަތީގައެވެ. އަހަރެން ދެން ދިޔައީ އިޔާޒްއާއި އެކީ ބޭރަށެވެ. އިޔާޒްއާއި އަހަރެން ޖެހިއްޖެނަމަ ދެން މުޅި ދުވަހުވެސް ބޭރުގައި ހޭދަކޮށްލެވިދާނެއެވެ.
އަހަރެން އެރޭ ގެޔަށް އައިއިރު ގަޑިން 11ވެސް ޖަހައިފާނެއެވެ. އަހަރެން ގެޔަށް އައީ ކައިގެންނެވެ. ނަމަވެސް މަންމަ ކާންހަދައިފައި ހުންނާނެ ކަމުގެ ޔާގީންކަމާއި އެކީ އަހަރެން ކާގެއަށް ދިޔައީމެވެ. އާނ އެކެވެ. އަހަރެން ގެޔަށް އައުން ލަސްވެސްޖެނަމަ މަންމަ ނިދާނީ އަހަރެން އަންނާނެ އިރަކުން އައިސް ކެވޭނެގޮތަށް ހަދާފައެވެ. މިވަރުގެ މަންމައެއް މީހަކަށް ނުލިބޭނެއެވެ. އަހަރެން ފެންތައްޓެއް ބޯލުމަށްފަހު ކޮޓަރިޔަށްވަދެ ނިދާން އޮށޯވެލީމެވެ. މިފާއިތުވި ޗުއްޓީ މަސްތެރޭ އަހަރެން ނިދައި އުޅުނީ ވަރަށްވެސް ލަހުންނެވެ. ނަމަވެސް ކުރިން ހޭލުމުގެ އާދަ ގެއްލިފައިވުމުން މިރޭ ކޮންމެގޮތެއް ހަދާފައިވެސް ކުރިން ނިދާން އެބަޖެހެއެވެ. އެވަގުތު އަހަރެން ތާޝާ މަތިން ހަނދާންވިއެވެ. ތާޝާ ދެކިލަން ހިތްއެދުނެވެ. ނަމަވެސް މިހާރު ތާޝާ ނިދައިފާނެއެވެ. މާދަން ބައްދަލުވާނެތީ އަހަރެން ހިތްހަމަޖެހުނެވެ.
އަހަރެން ލޯމަރައިލައިގެން އޮއްވައި ފޯނަށް މެސެޖެއް އައުމުން އަހަރެން ފޯނުނަގާ ބަލައިލީމެވެ. މެސެޖު ފެނުމުން އަހަރެންގެ ނިދިވެސް ފިލައިގެން ދިޔަކަހަލައެވެ.
”ހޯޕް ޓު ސީ ޔޫ ޓްމޯރޯ…“ އެމެސެޖް ފެނުމުން އަހަރެންގެ މޭ ކަރައިގެން ދިޔައެވެ. މާދަން އަހަރެން އޮފީހަށް ދާތަނުން ލީނާ އަހަރެންނާއި އެތައް ސުވާލެއް ކުރާނެކަން ޔަގީނެވެ. ތާޝާ ފެނުންފަހުން އަހަރެން އެއްވެސް ވަރަކަށް ލީނާ އަކާއި ގުޅުމެއް ނުބާއްވަމެވެ. ޝާކުވާއިން ފުރިގެންވާ އެތައް މެސެޖެއް އަހަރެންގެ ފޯނަށް އާދެއެވެ. ނަމަވެސް އަހަރެން މާބޮޑަކަށް އަޅަޔެއް ނުލަމެވެ. ބަޔެއްފަހަރު ލިޔެފައި ހުންނަ އެއްޗެހިން އަހަރެން ލީނާއަށް ގުޅައިލަންވެސް އުޅެމެވެ. ނަމަވެސް ހިތްނޭދޭތީ ނުކުރެވެނީއެވެ. ފޭސްބުކުގައިވެސް އަހަރެންނަށް ނިސްބަތްކޮށް އެތައް ”ސްޓޭޓަސް“އެއް ލިޔެއެވެ. ނަމަވެސް އަހަރެން މާބޮޑު ފަރުވާލެއް ނުބަހައްޓަމެވެ.
އަނެއްދުވަހު ހެނދުނު އަހަރެން އޮފީހަށް ދިޔައީ ބައިގަޑިއިރު ކުރިންނެވެ. އަހަރެންނަކީ ގިނަފަހަރަށް އެންމެކުރިން އޮފީހަށްދާ މީހާއެވެ. އަހަރެން އުފާވެފައި ހުރީ އޮފީސް އެކުވެރިންނާއި މަސްދުވަސް ފަހުން ބައްދަލުވާނެތީއެވެ. އަހަރެންގެ ކެބިންގެ ދޮރު ހުޅުވާލިތަނާ އަހަރެން ސިއްސައިގެން ދިޔައީ އަހަރެންގެ ގޮނޑީގައި ލެނގިލައިގެން އިން ލީނާ ފެނުމުންނެވެ. އަހަރެން ފެނުމުން ދުވެލާފައި އައިސް އަހަރެންގެ ގައިގައި އޮޅުލައިގެތެވެ. ”އައި މިސްޑް ޔޫ ސޯ މަޗް“ އަހަރެންގެ ގައިގައި ބައްދާ ބާރުކޮށްލަމުން ލީނާ ބުނެލިއެވެ. އަހަރެން މަޑުމަޑުން އަހަރެންގެ ގަޔާއި ލީނާ ދުރުކޮށްލީމެވެ. އަދި މަޑުމަޑުން ގޮސް އަހަރެންގެ ގޮނޑީގައި އިށީންދެލީމެވެ. ”6 ޖަހާއިރު އައިސްފިން ހަމަ މާޒް ދެކިލާހިތުން ކެތް ނުވެގެން.. ރޭ ނުވެސް ނިދޭ!“ އަހަރެންގެ ކުރިމަތީ ހުރި މޭޒުގެ އަނެއް ފަރާތުގައި ހުރި ގޮނޑިއެއްގައި އިށީންދެލަމުން ލީނާ ބުނެލިއެވެ. އަހަރެން ވަކި އެއްޗެއްނުބުނެ ފޯނު ނަގައި ކުޅެން ފެށީމެވެ. އަހަރެން ސިއްސައިގެން ދިޔައީ ގޮނޑީގެ އެއް އަތްގަނޑު ކައިރީ ލީނާ އައިސް އުޑުފައިން އިށީންދެލުމުންނެވެ. ”ވައި ސޯ މަޗް އޮފް ޗޭންޖް؟ މާޒް އިޓްސްމީ ލީން.. މާޒްގެ ލީން… ކީއްވެ ލީން އިގްނޯ ކުރަނީތި؟“ ލީނާގެ އަޑު ހުރީ ކުރަކިވެފައެވެ. ލީނާއަށް ރޮވޭގޮތް ވުމުން އަހަރެން ގޮނޑިން ތެދުވެލާ ދެޖީބަށް އަތް ޖަހާލުމަށްފަހު އަނެއްފަރާތަށް އެނބުރެލީމެވެ. އަހަރެން ހުރީ ހަމަ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. ލީނާ ކުރާ ސުވާލުތަކަށް އަހަރެން ދޭނެ ހަމަ އެއްވެސް ޖަވާބެއް ނެތެވެ. ލީނާދެކެ އަހަރެންނަށް ހަގީގީ ލޯބި ވެވުންނަމަ އަހަރެންނަކަށް ތާޝާދެކެ ލޯތްބެއް ނުވެވޭނެއެވެ. ލީނާ ފެނުމުން ނުވާ އެތައްކަމެއް ތާޝާފެނުމުން އަހަރެންނަށް ވެގެން ދިޔައެވެ.
”މާޒް“ ލީނާ އަހަރެންގެ އަތުގެ މުލައްދަނޑީގައި ހިފާލިއެވެ. ”ސޮރީ ލީން އައި ކާންޓް ޑޫ ދިސް!“ ލީނާގެ އަތް ފޮޅުވާލަމުން އަހަރެން އިއްވާލީމެވެ. އަނެއްކާވެސް އަހަރެންގެ ގޮނޑީގައި ހަމަޖެހިލީމެވެ.
”ބިކޯސް އޮފް ދެޓް މިސްޓީރިއަސް ގާލް؟“ ލީނާ މިހެން ބުނެލުމުން އަހަރެން ލީނާގެ މޫނަށް ބަލައިލީމެވެ. އެދެލޮލުން އަހަރެންނަށް ފެނުނީ ހިތާމައެވެ. ”މިސްޓީރިއަސް ގާލް“ގެ ވާހަކަ އޮފީސް ހުރިހާ އެންމެންނަށް ވެސް އިނގޭނެއެވެ. އަހަރެން ތާޝާގެ ފޮޓޯއެއް ސްނެޕް ކުރިދުވަހު އޮފީސް ކުދިންގެ ވަައިބާރ ގްރޫޕްގައިވެސް އަހަރެންނާއި ދިމާކޮށް ހެދިއެވެ. ނަމަވެސް ގްރޫޕްތެރޭ ލީނާ އެކަމަކާ އެއްވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް އަހަރެން ކައިރީ ވަކިން އެވާހަކަ އެހި އަދަދެއްވެސް އަހަރެންނަކަށް ނޭންގެއެވެ. އެ އެއްވެސް ސުވާލަކަށް އަހަރެން ޖަވާބެއް ނުދެމެވެ. އަހަރެން ކުއްލިއަކަށް ސިއްސައިގެން ދިޔައީ ދޮރު ޖެހުން އަޑަށެވެ. އަހަރެން ބަލައިލިއިރު ލީނާ ދާމަންޒަރު ބިއްލޫރި ދޮރުން ފެނިގެން ދިޔައެވެ. އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ.
މޭޒުމަތީ އޮތް ބަރާއި އަހަރެން ކުޅެލީމެވެ. އަހަރެންގެ ހިޔާލަށް އައީ ލީނާ މިއޮފީހަށް އައި ފުރަތަމަ ދުވަހެވެ. އެއީ މީގެ 6 މަސް ކުރިންނެވެ. އެދުވަހު އަހަރެންގެ ކެބިންއަށް ބައިވަރު ގަނޑުތަކެއް ހިފައިގެން އައިސް ދޮރުން ވަތް ގޮތަށް ފައިފުރުޅާލައިގެން ވެއްޓުނީއެވެ. އެދުވަހު އަހަރެންނަށް ހެވުމުން އަހަރެންނާއި ދިމާލަށް ވަރަށް އެއްޗެހި ގޮވާލުމަށްފަހު ނިކުމެގެން ދިޔައީއެވެ. އަޖައިބެއް ކަހަލަ ކުއްޖެކޭ އަހަރެންގެ ހިތައް އެރިއެވެ. އޮފީހުގެ ”އޭޑީ“ ދެކެވެސް ބިރު ގަންނަ ކުއްޖެއް ނޫނެވެ. އޭގެ ފަހުން އޮފީސްތެރެއިން އަހަރެންނާއި ލީނާ ވަރަށް ގިނައިން ބައްދަލުވެއެވެ. މިހެން އުޅުމުގެ ތެރޭގައި އަހަރެންނަށް ލީނާ ކަމުދާންފެށިއެވެ. ލީނާގެ އަމަލުތައް ހުންނަގޮތުން ލީނާއަށްވެސް އަހަރެން ކަމުދާކަން އިނގުނެވެ. އޭގެފަހުން އޮފީހުން ބޭރުގައިވެސް އަހަރެމެން ސިއްރު ބައްދަލުވުންތައް ބާއްވަންފެށީމެވެ. ދެމީހުން އަބަދު ތިބެނީ މެސެޖުގެ ޒަރިއްޔާއިން ގުޅާލާފައެވެ. އަހަރެމެންގެ ގުޅުމަކީ އެހެންމީހުންގެ ލޯތަކަށް ވަގަށް ކުރިޔައް ގެންދަމުންދިޔަ ގުޅުމެކެވެ. މިގުޅުމަކީ އެކުވެރި ކަމަށްވުރެ މަތިވެރި ގުޅުމެކެވެ. ނަމަވެސް މިގުޅުމަށް އިތުރު ނަމެއްދޭން އަހަރެން ބޭނުންނުވީ ލީނާގެ އާއިލާއިން ލީނާގެ ކައިވެނި އެހެން ކުއްޖަކާ ހަމަޖައްސައިފައިވާ ކަމަށް ލީނާ ބުނުމުންނެވެ. ނަމަވެސް ލީނާ ބޭނުންވީ އަހަރެންނާއި ގުޅުން ބާއްވާށެވެ. އަހަރެންނާއި ދިމާވިތާ ތިންމަސް ތެރޭ ލީނާގެ ކައިވެނި ކުރެވިގެންދިޔައެވެ. އެދުވަހު އަހަރެން ވަރަށް ދެރަވިއެވެ. ނަމަވެސް އެންމެ ކަރުނަ ތިއްކެއްވެސް އަހަރެންގެ ލޮލަކުން ނާދެއެވެ. ތާޝާ ރޯތަން ފެނުމުން ދެރަވާ ވަރަށް ދެރައެއްވެސް ނުވެއެވެ. ލީނާ އެކައިވެންޏާ ކިތަންމެ ނުގަބޫލު ވިޔަސް ލީނާގެ އާއިލާއަކީ ނުފޫޒުގަދަ އާއިލާއެއް ކަމުން އޭނާ ޖެހުނީ އެކައިވެނި ކުރާށެވެ. އަނެއްދުވަހު އަހަރެން ކައިރީ އައިސް ރޮއެރޮއެފައި އާދޭސްކުރީ އަހަރެމެން ދެމީހުންގެ މެދުގައިވާ ގުޅުން ކުރިޔައް ގެންދިއުމަށެވެ. އަހަރެންނަކީ ވެސް މިނިވަން މީހެއް ކަމުން އަހަރެން އެގުޅުން ގެންދަން އެއްބަސްވީމެވެ. އަހަރެން ޗުއްޓީގައި ރަށަށްދަންދެން އަހަރެންމެންގެ މި ސިއްރު ގުޅުން އެގޮތުގައި ދެމިއޮތެވެ. ނަމަވެސް ތާޝާއައި ފަހުން މިގުޅުމަށް ހީނަރުކަން އައިސް މިއޮތީ ވާފަށް ކެނޑޭ ހިސާބުގައެވެ. ނަމަވެސް އަހަރެން ލީނާއާއި ދޭތެރޭ މާބޮޑަށް ދެރައެއް ނުވެއެވެ. ލީނާއަކީ މީހެއްގެ އަންބެކެވެ. މީހެއްގެ އަންބަކަށްވެ ހުރެ އޭނާ ވަނީ އަހަރެންނާއި ވަރަށް ގައިގޯޅިކޮށް އުޅެފައެވެ. އޭރުދެން އަހަރެންނަށްވެސް ނުވިސްނުނީއެވެ. ހިތުގައި ޒުވާންކަމުގެ ލޭ އެންމެ ގަދަޔަށް ކެކިގަތް ދުވަހު އޭގެ ބޭނުންވެސް ހިފާލަންވާނެތާއެވެ. އެކަމަކު ދެން މިކުޅިގަނޑު މިހާ ހިސާބުން ނިމުނީއެވެ. އަހަރެންނަށް ޖެހޭނީ ލީނާއާއި ހަމަ އެއްކޮށް ގުޅުން ކަނޑާލާށެވެ. ތާޝާ ނޫން އެހެން މީހެއް އަހަރެންގެ ހާޔާތަކު އަހަރެން ބޭނުމެއް ނޫނެވެ.

”މާޒް ބުރޯ! ވެލްކަމް ބެކް!“ އަހަރެން ސިއްސައިގެން ދިޔައީ ނަބީލް އައިސް ހަޅޭތްލަވާ ގަތުމުންނެވެ. އަހަރެންވެސް ތެދުވެ ނަބީލް ގައިގައި ބައްދައިލީމެވެ. މަޑުމަޑުން އޮފީހުގެ މުވައްޒަފުން އަންނަން ފެށިއެވެ. ކޮންމެ މީހެއްވެސް އެންމެ ފުރަތަމަ އަންނަނީ އަހަރެންގެ ކެބިންއަށެވެ. މިވެސްދެން ކުޑަކުޑަ އާއިލާއެކެވެ. މިތާ އުޅޭ ކުދިން އަހަރެންދެކެ މިވާ ލޯތްބަކުން އަހަރެން މިތާ މަސައްކަތްކުރަނީ ވަރަށް ކުރާހިތުންނެވެ.
ޗުއްޓީއަށްފަހު އޮފީހަށް ނިކުތުމުން މިއަދު އަހަރެންނަށް ވަރަށް ބުރަވިއެވެ. ގެޔަށް އާދެވުނީ ރޭގަނޑު 9 ވެސް ޖެހިފަހުން ބައްދަލުވުމެއްވެސް ނިންމާލައިފައެވެ. އަހަރެން ލަސްވެގެން މަންމަވެސް ހަވީރު ދެފަހަރަކު ގުޅިއެވެ. ނަމަވެސް އަހަރެން ލަސްވާނެ ކަމަށް ބުނުމުން ދެން ނުގުޅައެވެ. އަހަރެން ގެޔައް އައިސް ވަތްއިރު މަންމައިނީ ސޯފާގައެވެ. ބައްޕަވެސް ހަށަން ބަނދެލައިގެން އިނެވެ. އަހަރެން ވަދެގެން ދިޔައިރު މިމާހައުލު ރަނގަޅު ނޫން ކަމުގައި ހިތް ބުނެލިއެވެ. ދެމީހުންވެސް އިސްޖަހާލައިގެން ތިބިގޮތުން ކަމެއް ވެއްޖެކަން އަހަރެންނަށް އިގުނެވެ. އަހަރެންގެ ހިތް ބާރަށް ތެޅިލިއެވެ. އަހަރެން އައިސް ބަލަން ހުރިތަން ފެނުމުން ބައްޕަ ކޮޅަށް ތެދުވެލިއެވެ. ހަމަ އެވަގުތު މަންމަވެސް ތެދުވިއެވެ.
”މާޒް“ މަންމަ އަހަރެން ކައިރިޔަށް ހިނގައިގަތުމުން ބައްޕަ މަންމަގެ އަތުގައިހިފާ ހުއްޓުވިއެވެ. މަންމަ ހުރީ ރޮވޭން ކައިރިވެފައެވެ. އާނ އެކެވެ. މިގޭތެރޭގައި ވަރަށް ބޮޑުކަމެއް ހިނގައިފިކަން ޔަގީނެވެ. ”މާޒް އަހަރެންމީ މާޒްއަށް ހިލޭ މީހެއްތަ؟“ ބައްޕަ އަހަރެން ކުރިމައްޗައް އަރައި މިހެން ބުނެލުމުން އަހަރެންނަށް ހިންދިރުވާލެވުނެވެ. ބައްޕަ މިކިޔަނީ ކީކޭ ހެއްޔެވެ؟ އަހަރެން މަޑުމަޑުން ބޯ ހޫރާލީމެވެ. ދެން އަހަރެންނަށް ފެނުނީ ރަތްވެގެންދިޔަ ބައްޕަގެ ދެލޮލެވެ. ބައްޕަ އެހުރީ ވަރަށް ރުޅިއައިސްފައިކަން ޔަގީނެވެ. ”ދެން މިގެޔަށް ބޭރުމީހެއް ވެއްދި އިރު އަހަރެން ކައިރީ އަހާލަންވެސް ނޭންގުން ދޯ؟“ ބައްޕަ އަހަރެންނާއި ދިމާލަށް ހަޅޭތްލަވާގަތެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. ބައްޕައަށް ތާޝާ މިގޭގައި އުޅޭކަން އެނގުނީތާއެވެ. ”ނަދީމް އޭނަޔާ ރީތިކޮށް ވާހަކަ ދައްކަބަލަ.. ކަންތައް ވެގެންދިޔަ ގޮތް އަހާބަލަ އިހަށް.. ރުޅި މަޑުކޮށްފަ..“ މަންމަ އައިސް ބައްޕަގެ އަތުގައި ހިފާލުމުން ބައްޕަ އަތް ފޮޅުވައިލިއެވެ. ”މީ މިރުޒާގެ ކަންތަކޭ! އެންމެ ފަހަރަކުވެސް އަހަރެން ކައިރީ ބުނެލާކަށް ނޭންގުން.. މިއަދު ކަލޭމެން ދޭމީހުންނާ ހުރެ މިގެޔަށް ޕޮލިހުންވެސް ވަންނަން ޖެހުނީ!“ ބައްޕަ މަންމައަށް ނިސްބަތްކޮށް ބުނެލި ޖުމްލަ ނިންމައިލީ އަހަރެންނާއި ދިމާލަށްވެސް އިނގިލި ދިއްކޮށްލަމުންނެވެ. ”ޕޮލިސް؟“ އަހަރެން ސުވާލުގެ ނަޒަރަކުން ބުނެލީމެވެ. ”އާނ ޕޮލިސް…“ މިހެން ބުނުމަށްފަހު ބައްޕަ އެދިޔަގޮތަށް ވަނީ ކޮޓަރިޔަށެވެ. ބައްޕަ ދިޔުމާއި އެކީ އަހަރެން މަންމަ ކައިރިޔަށް ޖެހިލީމެވެ. ”މަންމާ ޕޮލިސް؟ ކޮބާ ތާޝާ؟“ އަހަރެންނަށް އަހައިލެވުނެވެ.
”އިރު އޮއްސުން ވަގުތު މަންމަ ކާގޭގަ އުޅެނިކޮށް އިލްޔާސް އައީ ޕޮލިހުން ގޮވައިގެން… މިގޭގައި އޭނަގެ ބެލުމުގެ ދަށުގަ ހުންނަ ކުއްޖެއް އަހަރެމެން ފޮރުވައިގެން އުޅެނީއޭ ކިޔާފަ… ބައްޕަވެސް އުޅުން އޭރުގަ.. މަންމަ ހަދާނެ އެއްޗެއް ނޭންގިގެން ބައްޕަ ކައިރީ ކިޔާދިނީ ހުރިހާ ވާހަކައެއް….. ބައްޕަ އެދިޔަގޮތައްގޮސް ތާޝާ ކޮޓަރިން ނެރިފަ އެމީހުންނާ ހަވާލުކުރީ… މަންމަ ވަރަށް މަސައްކަތްކުރިން ބައްޕަ ހުއްޓުވޭތޯ! އެކަމަކު ބައްޕަ ހުރީ އެޔަށްވުރެ މާ ރުޅިއައިސްފަ… ދަރިފުޅާ އިލްޔާސް ތާޝާ ގެންގޮސްފި!“ އަހަރެންނަށް ސޯފާ މައްޗައް ވެއްޓިގަނެވުނެވެ. މިއަދު ހެނދުނު އަހަރެން ހުރީ ކިހާ އުފަލުން ހެއްޔެވެ؟ އެހާ އަވަހަށް ނިމުނީ ހެއްޔެވެ؟
”ދަރިފުޅާ އިލްޔާސް ތާޝާ ގެންގޮސްފި!! ތާޝާ ގެންގޮސްފި!!“ މަންމަގެ އެންމެ ފަހު ބަސްކޮޅު އަހަރެންގެ ކަންފަތުގައި ގުގުމާލިއެވެ. އައިރުޅިން އަހަރެންނަށް ދުއްވައިގަނެވުނީ އަހަރެންގެ ކޮޓަރިއަށެވެ. ދިޔަގޮތައް ބާރަށް ދޮރުޖެހުމަށްފަހު އެނދުމައްޗައް ވެއްޓިގަތީމެވެ. އެއިރު މަންމަ އަހަރެންނަށް ގޮވަމުން ދޮރުގައި ތަޅަމުންދިޔައެވެ. އިރުގަނޑަކު ތެޅުމަށްފަހު މަންމަގެ އަޑު ކެނޑުމުން އަހަރެން ފާހާނާއަށް ވަދެލީމެވެ. މޫނު ދޮންނަ ތަށި ކައިރީ އަމިއްލަ ސޫރައަށް ބަލަން ހުރުމައްފަހު އިސްކުރު ދޫކޮށްލުމަށްފަހު ދެތިން އަތްގޮށީގެ ފެން މޫނަށް ޖަހާލީމެވެ. އައިރުޅިން އަހަރެންނަށް ލޯގަނޑުގައިވެސް ޖަހައިލެވުނެވެ. ދެން އަހަރެން ފާހާނާއިން ނިކުތުމަށްފަހު އެއްޗެހި ބަދަލުކޮށްލީމެވެ. އަދި އަވަސް އަވަހަށް ގެއިން ނިކުމެކެން އިލްޔާސް އުޅޭ ބައިގެ ދޮރުގައި ހިފައިލީމެވެ. ނަމަވެސް ދޮރު ހުރީ ތަޅުލާފައެވެ. އަހަރެން ބާރަށް ދޮރުގައި ތަޅައިގަތީމެވެ. އެއިރު އަހަރެން ހުރީ ދާހިތްލައި ފޯވެފައެވެ. ދޮރު ހުޅުވީ ކޮންމެވެސް އަންހެން ކުއްޖެކެވެ. އެއީ އަހަރެން ކުރިން ކޮންމެވެސް ތާކުން ދެކިފައިވާ ކުއްޖެއްހެން އަހަރެންނަށް ހީވިއެވެ. އެކުއްޖާ ހީވަނީ ތާޝާމެން އުމުރުގެ ކުއްޖެއް ހެންނެވެ. ހަށިގަނޑުވެސް ހުރީ ހަމަ އެވަރަށެވެ. ނަމަވެސް ހަމުގަ ކުލަ ވަރަށް އަނދިރިއެވެ. ތާޝާހައި ރީއްޗެއްވެސް ނޫނެވެ. ”ކޮބާ ތާޝާ؟“ އަހަރެންނަށް ފުރަތަމަވެސް އަހައިލެވުނީ މިހެންނެވެ. ”ކޮން ތާޝާއެއް؟“ އެކުއްޖާ މިހެން ބުނުމުން އަހަރެން ކައިރިޔަށް ރުޅިއަންނަގޮތްވިއެވެ. އެކުއްޖާ ފޮޅާލުމަށްފަހު އަހަރެން ދޮރު އެކީ ހުޅުވައިލީމެވެ. އަދި ބާރުބާރަށް އެތެރެޔަށް ވަތްއިރު އަހަރެން ސިހިގެން ދިޔައީ އިލްޔާސްއާއި ޖެހި ފިތިގެންެެއިން ތާޝާ ފެނުމުންނެވެ. އިލްޔާސްގެ އެއްއަތް ވަނީ އޭނާގެ ކޮނޑުމަތީ ވަށާލައިފައެވެ. އަނެއްއަތުގައި މޭބިސްކަދުރު ކޯޅިއެއް އޮތެވެ. އަދި ގަދަކަމުން ތާޝާއަށް ކާންދޭން އުޅުން މަންޒަރުވެސް އަހަރެންނަށް ފެނުނެވެ. އަހަރެން ފެނުމުން އިލްޔާސް ފާޑަކަށް ހޭންފެށިއެވެ. އެއިންގޮތަށް އިނދެފައި ތާޝާއަދި އެޔަށްވުރެ ބޮޑަށް އޭނާ ކައިރިޔަށް ދަމައިލިއެވެ. އަހަރެން މުއްކަވާލީމެވެ. ”ކާނަންތަ؟“ އަހަރެންނާއި ދިމާލަށް މޭބިސްކަދުރު ކޯޅި ދިއްކޮށްލަމުން އިލްޔާސް މިހެން ބުނެލުމަށްފަހު ބާރަށް ހޭންފެށިއެވެ. އެއިރު ދެންމެ ދޮރު ހުޅުވި ކުއްޖާވެސް މަންޒަރު ބަލާން ފަހަތުގައި ހުއްޓެވެ. ”ދޫކުރޭ އޭނަ ގައިން!“ އަހަރެން މިހެން ބުނުމަށްފަހު ތާޝާގެ އަތުގައި ހިފާ ކޮޅަށް ނަގަން އުޅުނީމެވެ. ”އަނ އަނހާ.. މާޒް ދަރިފުޅާ ހާދަ ރުޅިއެއް؟ ތާޝާއެއްދެން އަހަރެންނަކާ ވަތްކެއް ނުކުރެވޭނެ!“ މިހެން ބުނުމައްފަހު އިލްޔާސް އަހަރެންގެ އަތް ތާޝާގެ އަތުން ނައްޓުވާލިއެވެ. ”މާޒްދޭ މިތަނުން!“ އެއިވުނީ ތާޝާގެ އަޑެވެ. ކުއްލިއަކަށް މިވީ ކިހިނެއް ހެއްޔެވެ؟ އަހަރެން ފޮނުވާލައިގެން ތާޝާ އިތުރަށް ހިތްދަތިވުން ނޫން ކަމެއް ނުވާނެއެވެ. ”ތާޝާ ގައިގަ ކަލޭ އަތްލިޔަސް ކަލޭ ދާން ޖެހޭނީ ޖަލަށް! އަޑު އިވިއްޖެތަ؟“ ތާޝާ ގައިން ދޫކޮށްލުމަށްފަހު ކޮޅަށްތެދުވެ، އަހަރެންނާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން އިލްޔާސް ބުނެލިއެވެ. އަހަރެން ހުރީ ރުޅިއައިސްގެން ފަޅައިގެންދާވަރު ވެފައެވެ. ”މާޒްދޭ!“ ތާޝާ ކޮޅަށް ތެދުވުމަށްފަހު އަހަރެންނާއި ދިމާލަށް މިހެން ބުނެލުމުން އަހަރެން އިސްއުފުލާ ތާޝާއަށް ބަލައިލީމެވެ. އެލޮލުން އަހަރެންނަށް އިންތިހާ ދަރަޖައިގެ މަޖުބޫރުކަން ފެނިގެންދިޔައެވެ. ދެލޯވަނީ ދުޅަވެ ރަތްވެފައެވެ. އަހަރެން މިއަދު ގޭގައި ހުރިނަމަ ކޮންމެވެސް ގޮތެއް ހަދާފައި ތާޝާ ހުއްޓުވީމުހެވެ. ނަމަވެސް މައްސަލަ މިވަނީ ޕޮލިހަށްވެސް ގޮސްފައެވެ. އަހަރެން ޕޮލިހަށް ގެންގޮސްފިނަމަ އަހަރެންގެ ބައްޕަ އަހަރެންގެ ދުވަސް ދުއްވައިލާނެއެވެ. ނަމަވެސް މިއީ އިންސާފެއް ނޫނެވެ. މިވަގުތު އެންމެ ރަނގަޅުވާނީ މިތަނުން ދިޔުން ކަމުގައި ވާތީ އަހަރެން ބާރުބާރަށް އެބައިން ނިކުމެގެން ގެޔަށްވަދެ ސޯފާއަށް ވެއްޓިގަތީމެވެ. (ނުނިމޭ)