ހަޔާތުގެ ޑައިރީ އޭނާގެ ގަލަމުން .. (ހަވަނަ ބައި)

ޙަޔާތުގެ ހުރިހާ ހިތާމަތަކާ، ވޭންތައް ހިތުގައި އޮބަހައްޓަމުން އަހަރެން އާސިފުގެ އާދޭހަށް އޭނާއާއި އިދެފީމެވެ. އާސިފުވީ އަހަރެން ހީކުރިވަރަށްވުރެ މާރަގަޅު އިންސާނަކަށެވެ. އޭނާއަކީ ހުރިހާ ގޮތަކުންވެސް އެންމެ ފުރިހަމަ ފިރިއެކެވެ. ދުނިޔޭގެ ލޯތަކަށް އަހަރެމެންނަކީ ދެމަފިރިންކަމުގައިވިއަސް އަހަރެމެންގެ ދެމަފިރިންގެ ދެމެދުގައި ދެމަފިރިކަމުގެ އެއްވެސް ގުޅުމެއް ނޯވެއެވެ. އާސިފަށް ހުރިހާ ގޮތަކުންވެސް އެބާރު ހޯދުމުގެ ހައްޤު ލިބިފައިވިއަސް އޭނާ ގަދަކަމުން އެހައްޤު ހޯދާކަށް ނޫއުޅެއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އަހަރެންގެ ބަޑުގައިވާ ކުޑަކުޑަ ދަރިފުޅު ދުނިޔެއަށް އައުމުގެ ދުވަސް ކައިރިވަމުން އަންނަވަރަކަށް އަހަރެންގެ ހިތުގައިވާ ރިހުންތަކާއި ހިތާމަތައްވެސް ފިލަމުން ދިޔައެވެ. އާސިފް ބޭނުންވަނީ އަންހެން ކުއްޖެކެވެ. ބަނޑުގައިވާ ތުއްތު ދަރިފުޅުގެ ކޮންމެ ހަރަކާތަކާއެކު އަހަރެންގެ ހިތުގައި މަރުވެފައިވާ އުންމީދުގެ ކުރި ރޯވަމުން ދިޔައެވެ.

އެންމެފަހުން އެދުވަސްވެސް އަތުވެއްޖެއެވެ. އަހަރެން ވިހައިފިއެވެ. އާސިފް އެދޭފަދައިން އަންހެން ކުއްޖެކެވެ. ކިތަންމެ ހިތްދަތިވިއަސް އާސިފަށްޓަކައި އަހަރެން އުފާކުރީމެވެ. މަޑުމަޑު ފުށްކޮޅެއްފަދަ އޮމާން ލޯބި ލޯބި އަންހެން ކުއްޖެކެވެ. މަޑު ޖަމްބުކުލައެއް ފާޅުވާ ދޮންކުލައެކެވެ. ދިގު ދިގު ހިމަ އިގިލިތަކެކެވެ. ދަރިފުޅުގެ ލޯބީގައި އާސިފް މޮޔަވާވަރު ވިއެވެ. ބައްޕަގެ ފުރާނަޔާ އޭ ކިޔާފަ ނޫނީ އެއްފަހަރުވެސް ގޮވާނުލައެވެ. އޭނާގެ ހިތުގައި އުތުރިއަރާ އެމާތް ޖަޒުބާތުން އަހަންނަށް ވަރަށް އަސަރުކުރެއެވެ. އާސިފްގެ ޙަރަކާތްތައް ކަރުނަޔަޔާއެކު ބަލަހައްޓައިގެން އަހަރެން އޮންނަމެވެ. އެލޯބީގެ މަތިވެރިކަމާއި ފުންކަން އަންދާޒާ ނުކުރެވިފައެވެ. އެފަދަ ވަގުތުތަކުގައި ހިތުގައި އުފެދޭ ޖަޒުބާތުގެ ސަބަބުން އަހަންނަށް ވާހަކަވެސް ނުދެއްކެއެވެ. އުފަލުންގޮސް ރޮވެއެވެ. ގިސްލެވެއެވެ. އާސިފަށް އެންމެ ރީތިނަން “ޝާލީ” އޭކިޔާ ދަރިފުޅަށް ނަންދިނެވެ. ޝާލީ ވިހެއުމަށްފަހު އާސިފްގެ އޯގާވެރިކަމާއި ހެޔޮކަން ދެގުނަޔަށް އިތުރުވިއެވެ. އޭނާގެ އެމަތިވެރި ލޯބީގެ ސަބަބުން އަހަރެންގެ މާޒީވެފައިވާ ހިތާމަތައް ހަނދާންނެތެމުން ދިޔައެވެ. ފަހަކަށް އައިސް އާސިފަށް ނިދެނީވެސް އަހަރެންގެ ކޮޓަރީގައި އޮވެގެންނެވެ. ޝާލީއާއި ލޯބިކޮށްކޮށް އޭނާ މުޅި ރޭގަނޑުވެސް ދުއްވާލައެވެ. ޝާލީ އޮންނަނީ ވަރަށް ރީތިކޮށްނެވެ. ޞިއްޙަތު ރަގަޅުވެފައި އޭނާ ވަރަށް ލޯތްބެވެ. ހީވަނީ ރީތިރީތި ކުޑަކުޑަ ޕަރީއެއްހެންނެވެ. ޝާލީ ކައިރީގައި އޮވެ އާސިފަށް ނިދޭ ރެއެއް ވެއްޖިއްޔާ އޭނާއަށް ގޮވާފައި ގޮޓަރިއަށް ފޮނުވާކަށް އަހަންނަކަށް ނުކެރެއެވެ.

މަޑުމަޑުންގޮސް އަހަންނަށް އާސިފްދެކެ ލޯބިވެވެން ފަށައިފިއެވެ. އާސިފަކީވެސް ވަރަށް ރީތި ފުރިހަމަ ފިރިހެނެކެވެ. އަދި ސަމާސާ މިޒާޖެއްގެ ހިތްހެޔޮ މީހެކެވެ. ތެދުވެރިކަމުގެ މާތް ސިފަ އޭނާގެ ކިބާގައި ވެއެވެ. އޭނާގެ ޒުވާން ޢުމުރުގައި އަހަންނާއި އިނދެގެންހުރެ އޭނާ އެނަގާލަނީ ހަޔާތުން އަގުބޮޑު ދުވަސްތަކެކެވެ. މިހުރިހާ ކަމަކަށްވެސް އަހަރެން ވަރަށް ފުންކޮށް ވިސްނަމެވެ.

ދުނިޔޭން ފާއިތުވަމުންދާ ކޮންމެ ދުވަހަކާއެކު ޝާލީގެ ތުއްތު ޢުމުރުންވެސް ދަނީ ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުންނެވެ. މިހާރު މަޑުމަޑުން އޭނާގެ ޅަބަހުރުވައިން ވާހަކަ ދައްކައެވެ. 1 އަހަރު ފުރުނުއިރު ކުދިކުދި ބަސްތައް ކިޔާލައެވެ. އާސިފަށް މުޚާތަބްކޮށް ” ބައްޕާ ” އޭކިޔާފައި ޝާލީ ގޮވާލި ދުވަހު އޭނާ އުފަލުން ރުޔެވެ.

ޝާލީއަށް އަހަރު ފުރުމަށްފަހުވެސް އާސިފަށް ނިދެނީ އޭނާގެ ކައިރީގައި އޮވެގެންނެވެ. ހަމަ އެގޮތަށް ޝާލީވެސް އޭނާގެ ކުޑަކުޑަ ހަށިގަނޑު އާސިފްގެ ގައިގާ ބައްދައިގެން އޮވެ ނޫނީ ނުނިދައެވެ. … (ނުނިމޭ)