ވަފާތެރި ބައިވެރިޔާ

ތަރިރުހަނދު އޮއްސި އުދަވަމުންދާހެން އަހަރެންގެ ހަޔާތުގެ ދުވަސްތައްވެސް ފާއިތުވަމުން އޮވެގެން ކުރިއަށް ދެއެވެ. އެކިފަހަރު އެކި ކުލަވަރު ދައްކަމުންނެވެ. އަހަރެންގެ ހަޔާތުގެ މާޒީގެ ސަފްހާތަކުން އެތަކެއް ބައިވެރިންނަށް ޖާގަ ލިބިގެން ގޮސްފައިވާނެއެވެ. އެތަކެއް މީހުންނާ ދިމާވެ އޭގެތެރެއިން އަހަރެންގަޔާވާ ބަޔަކު އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް ހަދަމުން ގެންދިޔައީމެވެ.މިގޮތުން މިހާރު މީ އަހަރެންގެ ހަޔާތުގެ ފަސްވަނަ ބައިވެރިޔާއެވެ. އަހަރެންގެ ފަސްވަނަ ކާވެންޏެވެ. އަހަރެންގެ ފަސްވަނަ ފިރިމީހާއަކީ އަހަރެން ރުހިގެން އިނދެގެން އުޅޭ މީހެއް ނޫނެވެ. އަހަރެންގެދަރިންތަކުގެ ތެރެއިން ދެދަރިން އޭނައާއި އިންނަން އަހަންނަށް މަޖުބޫރު ކުރުމުގެ ސަބަބުން އަހަންނަށް ޖެހުނީ މިކާވެނިކުރާށެވެ. މިކާވެނި ކުރީތީވެ އަހަރެންގެ މައިންބަފައިންނާ މޫނު ކެނޑުނެވެ. އަވެއްޓެރިންނާ ގުޅުން ގޯސްވިއެވެ.

އަހަރެންގެ އަލަތު ކާވެންޏަކީ އަހަރެން ރުހުމުގައި އުފަލުންކުރި ކައިވެންޏެއްކަމުގައި ވީނަމަވެސް އެކައިވެންޏަށް މާގިނަދުވަސްތަކެއް ނުވެ ރޫޅިގެން ދިޔުމުން އެކަމުގެ ފޫހިކަމުގައި އަހަރެން ދުވަސްތަކެއް ހުންނަންޖެހުނެވެ.އެހެން ދިމާވީ އަހަރެންގެ މައިންބަފައިން އޭނާ ކަންތައްކުރާގޮތާމެދު ހިތްހަމަނުޖެހުމުންނެވެ.އެތަކެއް ދުވަހު ހުހަށް ހުރުމަށްފަހު އަނައްކާވެސް ދެވަނަ ބައިވެރިޔަކާއަހަރެން ކާވެނިކުރީމެވެ. ދެވަނަ ކާވެނިވީ އަހަންނަށް އައި ރަންދުވަސް ތަކަކަށެވެ. އަހަރެންގެ ހަޔާތައް ގިނަ އާކަންތައްތަކެއް އޭނާގެ ފަރާތުން ތަޢާރަފްވެގެން ދިޔައެވެ. އެހެނަސް ހިތާމައަކީ ފުރަތަމަ ކާވެނި ކުރެވުނު މީހާއާއި ދެވަނައަށް ކާވެނި ކުރެވުނު މީހާވެސް މިހާރު ދެމިއޮތުމުގެ އާލަމަށް ދަތުރުކޮށްފައިވާކަމެވެ. އެހެންވީމާ ދެން އެމީހުންގެ ވާހަކަ ބާއްވަމާ އަންނާށެވެ.

ދެވަނަ މީހާ އަހަރެން ވަރިކުރުމުން ތިންވަނަ މީހަކާ އަހަރެން އިނީ މައިންބަފައިންގެ ރުހުން ލިބިގެންނެވެ.އެއީ ދީނީ އިލްމުވެރިއަކަށް ވީމައާވެސް އެކުގައެވެ. މިފަހަރު އިނދެވުނު މީހާގެ ސަބަބުން އަހަރެންގެ ބައެއް ދަރިންނަށް ތަޢުލީމީ ހޭލުންތެރިކަން ލިބިގެންދިޔައިރު އަނެއްބައި ދަރިން ހަލާކުގެތެރެއަށް ވެއްޓިގެން ދިޔައެވެ. އެހެންއެވީ އެކުދިންނަށް އެހާވަރަށް އަޅާ ނުލެވުމުން ކަމަށްވެސް ވެދާނެއެވެ.

ތިންވަނައަށް އިންމީހާއާއެކު މާނާގިނަދުވަސް އުޅެވުމުގެ ސަބަބުން އަހަންނަށް ބަދަލެއް ބޭނުންވިއެވެ. އަބަދު އެކަކާއެކު އިނދެގެން އުޅެން ފޫހިވީމައެވެ. އެހެންކަމުން އަހަރެން ރަހަ ބަދަލުކޮށްލައިފީމެވެ. އޭނަކައިރިން ވަރިވެގެން ހަތަރުވަނަ މީހަކާ އިނދެފީމެވެ. މީނަވީ އަހަރެން ހިތުން ރުހުމުން ހޯދި ބައިވެރިއަކަށެވެ. މިނިވަން ޚިޔާލުގެ މީހަކަށް ވީތީއެވެ. މިފަހަރު އިނދެވުނު ބައިވެރިޔާވީ އަހަންނަށް ވަރަށް ރަގަޅު ބައިވެރިއަކަށެވެ. އަހަރެންގެ މުސްކުޅި މައިންބަފައިންނަށް ކަމޭހިތާ އަޅާލި ފިރިއަކަށެވެ. އަހަރެންގެ ދިރިއުޅުމަށް އުންމީދީ ބަދަލެއް ގެނުވައިދިން ފަރާތަކަށެވެ. އަހަރެންގެ ދަރިންނާއި މައިންބަފައިނަށް އަޅާލުން އިންތިހާއަށް ލިބެމުންދިޔަ ނަމަވެސް ކުއްލިއަކަށް އަހަރެންގެ ދެދަރިން އޭނައާއި މެދު ހިތްހަމަނުޖެހުން ފާޅުކުރަންފެށުމުން އަހަރެން އާދޭސްކޮށްކޮށް އޮއްވާ އަހަރެން ދޫކޮށް ދިޔައީއެވެ. ދެން ކުރިން ދެންނެވި ފަދައިންމިހާރު އަހަރެން މިއުޅެނީ އެދެދަރިން ދެއްކިމީހަކާ އިނދެގެންނެވެެ.

މިހާރު އަނެއްކާ މިއުޅެނީ އަހަރެންގެ ހިތަށް ހައިޖާނެއް އައިސްގެންނެވެ. ސިކުނޑި އެނބުރެމުންދަނީ އޮބިއޮންނަ ވަރަކަށް ނޫނެވެ. މިހާދުވަސްވެފައި ވާއިރުވެސް މީހުން އަހަންނާ އިންނަން އެދޭވަރުންނެވެ.އަހަންނާ ދިމާވާ ކޮންމެތާކުން އިންނަން އެދި އާދޭސް ކުރަމުންދާ އެކަކީ ހަތަރުވަނައަށް އަހަރެން އިން ފަރާތެވެ.އަހަރެން ދޫކޮށް ދިއުމަށްފަހު މިހާރު ހީވަނީ އެހެން ފަދައަކުން ހެންނެވެ. އަނބުރާ އޭނަގެ ހަޔާތަށް އައުމަށް އާދޭސްކުރަނީއެވެ. ތިންވަނައަށް އަހަރެން އިން ފަރާތް މިޔާ މުޅިންތަފާތެވެ. އޭނާ މިހާރު އަހަންނަށް ދައްކަނީ އޭނަގެ އެއްބަނޑު އެއްބަފާ މީހެކެވެ. އެމީހާޔާ އަހަރެން އިންނަންވީއްޔޯ ލައެވެ.ބުނާނީވެސް ކީކޭ ހެއްޔެވެ.އެދެމީހުންގެ އިތުރުން މުއްސަދި މަހުޖަނެއްވެސް އަހަންނަށްމޮގޯލިއަޅަމުންދާ ދާތީ އަހަރެން މިހުންނަނީ އުފަލުންނެވެ.އެކަމަކުވެސް އަހަރެން މިހުންނަނީ ހަދާނެގޮތް ހުސްވެފައެވެ.އަހަރެން އިނދެގެން މިއުޅޭ ފަރާތްވެސް ހުރީ އަހަރެން ދޫކުރާ ގޮތަކަށް ނޫން ވީއްޔާއެވެ. އެހެންކަމުން މިހާރު އަހަރެންގެ ހިތުގައި އުފެދޭ ސުވާލަކީ ، އަހަންނަށް ވަފާތެރި ބައިވެރިއަކީ މިތަނުން ކޮބައިބާއެވެ. އަހަރެން އަބަދުވެސް ދިރިއުޅެން ބޭނުންވަނީ އަހަންނަށް އެންމެ ވަފާތެރި ބައިވެރިޔާއާއި އެކުގައެވެ. އެނޫން ގޮތަކަށް އަހަންނަށް ކުރިއެރުމެއް ނެތެވެ.

– ނިމުނީ – –

 

ލިޔުނީ: ޢަބްދުލް ޚަމީދު ޢަބްދުއްﷲ ސޫރަޖު