އެންދިރުވާ މެދެރި

ދިވެހި ރާއްޖޭގެ މަސްވެރިކަން ކޮންއުޅޭގޮތުގެ މައްޗަށް ބަލާލާއިރު އެކި އަތޮޅުތަކުގައި ތަފާތަކެއްހުރިކަމަށްވެއެވެ. ކުރީގެ ދުވަސްތަކުގައި ފުވައްމުލަކު މީހުން އެންހިފައިގެން އެމުގެ މަސްވެރިކަން ކުރިދުވަސްވަރުވެސް އެކަން ކުރަމުން ދިޔައީ އެހެން އަތޮޅުތަކުގެ މީހުންނާ ތަފާތު ގޮތަކަށެވެ. ފުވައްމުލަކަކީ މުޅީން އެކަނި އޮތްރަށަކަށްވެފައި ވަށައިގެންވެސް ރާޅު އެރުމާއެކު އެދުވަސްވަރު އެންވެރިކަން ރަގަޅުވަނީ ހަވީރުކަމަށް ވެފައި، މަސްވެރިކަން ފަތިހު ރަގަނޅުވާތީއާއި، ދޯނިފަހަރު އަޅާނެ އެއްވެސް ބަދަރެއް ނޯނާތީއާއި އެމަށްފުރިއަސް އަދި މަހަށްފުރިއަސް ރަށަށް އަންނަގޮތަށް ޖެހެނީ ދޯނި ފަހަރު އެހެލާށެވެ. މިހެންވެ ދޯނިގައި ދޯނިފަހަރުގައި އެންދިރުވާފައި ބޭއްވެން ނެތުމުން އެންދިރުވަން މެދެރި ތައްޔާރު ކުރާނެއެވެ.

       މިގޮތުން އެންދިރުވާ މެދެރި ތައްޔާރުކުރުމުގެ މަސައްކަތްފަށައިގަންނައިރު އެންމެ ފުރަތަމަ މިދިލިގަހެއްގެ މޫތަކެއް ނަގައި އަލިފާނުން ހޫނުކޮށް ތޮށިނޮޅައި، ވަށްކޮށް އޮޅާފައި އެމޫތައް ހިކެންދެން ބަހައްޓަނީއެވެ. ދެން ފެންފީރުއް ނުވަފޫޓު ދިގުމިނުގައި ބުރިކޮށް ތޮށިމަށައި، ދެއިންޗި ފުޅާމިނަށް ފަޅައިގެން ފަތިތަކެއް ތައްޔާރުކޮށްލަނީއެވެ. މިފަތިތައް ތައްޔާރުކުރަނީ އެތެރޭގެމަދު ކޮށާލައި ދެކޮޅަށް ހިމަވާގޮތަށް އުއިޖަހައި ކޮށައިގެންނެވެ. ފަތިތަށް ރަގަނޅަށް ހިކުމުން ތައްޔާރުކުރި މުލުން ތިންމިނަކަށް ވަށްކޮށް ހަވެނިގަނޑު ހަދައި ހަތަރުފަރާތުން ފަތިއަޅައި، ވެނިތަކާއިއެކު ބާރަށް ބަނދެ، ބިމަށްކަޑަޖަހައި، އޭގައި މެދުރި ބަދެފައި ބާއްވަނީއެވެ. އެއީން ކޮންމެ ފަތިގަނޑެއްގައި ކޮންމެ ވެނިގަނޑަކާއި ދިމާގައި ހަތަރު ލޯވަޅު އަޅައި، ހިމަރޯނުން ހަތަރު ހުތަރު ހުރަސް ކޮށްގެންނެވެ. މިގޮތަށް ގަތަކުންދާއިރު 2* 2 ފޫޓްގެ އަގައެއް ބަހައްޓާނެއެވެ. މިއަގަމަތީގައި އަޅަނީ ވެނިނުލައި ދެކޮޅު ދެމާރާ ރުމަލައްވައިގެން ގާތާފައިވާ ފަތީގެ އަގަމައްޗެކެވެ. މެދުރި ގަތާނިމުން ބަބުކެޔޮ ގުޅިން ދެ ” ކޮޅު ފިޅާ ” ހަދައި މެދުރީގެ ކޮޅު ވަންނަގޮތަށް ފުންކޮށް ވަށައިގެން ކޮރު ނަގައި، އެކޮރަށް ” ދެކޮޅުފިލާ ” ހުންނާނީ ފައްތާފައެވެ. ދެން އެފިލާވަށައިގެން އެއްމިނަކަށް އަށްލޯވަޅު އަޅައި، ހިމަރޯނުގެ މާރުން މާރުލައި، ހަމަ އެމިނަށް މެދުރީގައިވެސް ލޯވަޅުއަޅައި، މެދުރިއާއެކު މާރުލައި ހަރުކޮށްލާނެއެވެ. އަދި ބޮލުކުސާގައި ދެކޮޅުވާ ގުޅާފައި ބަހައްޓާނެއެވެ. އަދި މެދުރީގެ ހަވެނި އާއި އެއްކޮށް ދެފަރާތަށް 12 ބަނޑުކުސަފުރައި، މިއިންކޮންމެ ކުސައެއްގައި ހިމަރޯނުގެ ބަނޑު ކަނދެއްލައްވައި، ކަނދުފައްޗާއި އެއްކޮށް މަހާލާނެއެވެ.

       މިކަނދު ފައްޗަކީ، ހިމަބަނަނު ކެޔޮގަސް ކަނޑައިގެން ހޫނުކޮށްގެން ތޮށިނޮޅައި 11 ފޫޓު ދިގުމިނުގައި 3 ފޫޓު ވަރަކަށް ފުޅާމިނުގައި، ހަތަރު ކަނދު ތައްޔާރުކޮށްގެން ހަތަރެސްކަނަށް ކަނޑާ އަޅާފައި ބަނދެ ފައިއޮންނަ ކަނދު ފައްޗެކެވެ. މިހެންކަމުން 9 ފޫޓްގެ މެދުރިއެއް މިކަނދުފަތީގައި ބާއްވައި ދެކޮޅު ވަލަށް ގަދަޔަށް ހިފައި މަޅި އެރުވުމަށްފަހު، މެދުރީގެ ދެފަރާތުގައިވާ 12 ބަނޑު ކަނދަށް ހިފާލީމާ މެދުރީގެބައެއް އޮންނަނީ ފެނުން މައްޗަށް ހިކިފައެވެ. މިހެން އޮންނައިރު މާވަޔަށާއި، އުދަޔަށް މެދުރި ހެލިލާ ގޮތްވާތީ މެދުރީގެ ދިޔަވަރު އަބަދުވެސް ދާނީ ބަދަލުވަމުންނެވެ. އެހެންކަމުން މެދުރީ ތެރޭގައި އެން މަރުނުވެ އުޅޭނެއެވެ.

       މެދުރި ފަޅުގައި އަޅަނީ މެދިރީގެ އެއްކޮޅު ބޮލުވަލުން ލައިގެން ފަޅުގައި އޮންނަ މެދުރި ވަލުގެ ބޯސާގައެވެ. މެދުރި މޫދަށް ބޭމުލުމުގެ ކުރީން އަގަމަތީގެ ދެވަންޏާއި ދީމާވާގޮތަށް މެދުރި ވަށައިގެން ބޭރުން ސަލާމަތި ވަލެއްގެ ބުރިއެއް އޮޅައި ގަދަޔަށް ބަދެފައި ވެއެވެ. މިއީ މޫސުމް ގޯސްވެގެން މެދުރި ލައްގާގޮތް ދިމާވެއްޖެނަމަ، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކުރާކަމެކެވެ. މެދުރިން އެންމަރުވާގޮތް ދިމާވެއްޖެ ނަމައަވަހަށް މެދުރި އެހެލައިގެން މެދުރީގެ ފެންހިގާފަށުން ދެފަރާތުން ލޯވަޅު ތޮރުފާނީއެވެ. އޭރުން މަހަށް ނުދެވި ދުވަސް ގިނަ ވިއަސް އެން މަރުނުވެ އޮންނާނެއެވެ.

       އާދެ! ކޮންމެ އަކަސް ފުވައްމުލަކުގެ އެންދިރުވާމެދެރިއަކީ އުފެއްދުންތެރިކަމާއި، މަސައްކަތްތެރި ކަމުގެ ނަމޫނާއެކެވެ. މިމެދެރި ގަތައި އުޅުނީ ފައްލަވަވެރި ޒާތުގެ މީހުންނެވެ. އޭރު މިމަސައްކަތް ކުރަނީ ވަކިއަގެއް ހޯދާގޮތަކަށް ނޫނެވެ. މެދެރި ގަތައި އުޅުނީ އާދަވެގެން ރޭގަނޑު ހަނދުވަރު މަތީގައެވެ. މެދެރި ގަތަންތިބޭއިރު ފިނިބާލުމަށް ހޫނުބޮޑިބަތް ކެއުމާއި، ދުފާ، ދުންބޮއެ، ސިގިރޭޓް، ބިޑި ސުއްޓާ ބުއިމުގެ އިތުރަށް ވާހަކަ ކިއުމާއި، ލަވަކިޔުންވެސް އޮވެއެވެ.

       ކޮންމެ އަކަސް މެދުރި ތައްޔާރު ކުރާ ވަގުތަކީ ވަރަށް ވެސް އުފާވެރި ވަގުތެކެވެ. މިއީ ފުވައްމުލަކު މީހުން މެދެރި ތައްޔާރު ކުރާ ގޮތެވެ.