ބޮޑުދުންއެޅުން

އިޙްޒަމާނުގައި ފުވައްމުލަކު މީހުންގެ ކެއުމަކީ މުޅިންވެސް ރަށުން ލިބޭ ތަކެއްޗެވެ. އެއީ އޮޅު އަލަ، ބަބުކެޔޮ، ފަތްކެޔޮ، ކައްޓަލަ، ކަށިކެޔޮ، އަދި ކާށި ގަބުޅި ދިވެހިހަކުރު ފަދަތަކެއްޗެވެ. މީގެތެރެއިންވެސް މައިގަޑު ކެއުމަކީ އޮޅުއަލައެވެ. އެދުވަސްވަރު އެއްގޮތަކައްވެސް ކާޑުގެ ބާވަތްތައް ކައިބޮއި ނަހަދައޭ ދެންނެވުމަކީ ދޮގަކަށްނުވާނެއެވެ. އެހެނީ އޭރުކާޑުގެ ބާވަތްތައް ބޭނުންކުރަނީ މުޅިންހެންވެސް ޞަލަވާތް މައުލޫދުފަދަ ކަންކަމަށެވެ.

       މިދެންނެވި ދުވަސްވަރު ބައެއްފަހަރު ތަފާތު ބަލިތައް ޖެހިގެން އަލަގަސްތައް މަރުވުމާއި ބަނބުކޭލަށް ބަލިޖެހިގެން ގިނަ އަދަދަކަށް ބަނބުކެޔޮ ވަނދުވެގެން ބިމަށް ފައިބާގޮތްވުމާއި އަދި ބަނބުކެޔޮ މޫސުމް ނައިސް ގިނަދުވަސްވުމާއި، މިފަދަ ގޮތްގޮތަށް ދިމާވެގެން ކާބޯތަކެތި މަދުވެގެން ބަނޑަށްޖެހޭގޮތް ވެއެވެ. މިފަދަ ކޮންމެ ދަތިޙާލެއް ދިމާވުމުންނާއި އަދި ރޯގާ ބަލިމަޑުކަން ރަށުތެރޭގައި ފެތުރުމުންވެސް ކުރާ ކަންތައްތަކުގެ ތެރޭގައި ބޮޑުދުން އެޅުން ހިމެނެއެވެ. ކާބޯތަކެތި މަދުވެގެންނާއި، ރަށްމަގު ދަތިވެގެން ބޮޑުދުން އަޅަނީ ހަމަ އެއްގޮތަކަށެވެ. ނަމަވެސް ދުންބުރުވަން ހޯދާ ތަކެތީގެ ތަފާތެއް ހުރެއެވެ. ރަށްމަގު ދަތިވެގެން ބޮޑުދުން އަޅަނީ ޅަ ދުނބުރިއާއި، ވިހަލަގޮނޑިއާއި، ވައިގުގޫ، މަސްތަކާ، މާވަހަރު ވަކިވަރަކަށް ހޯދައި އަވީލައި ހިއްކައިގެން ހިމުންކޮށް މުގުރުވައިގެންނެވެ. ރޯގާ ބަލިމަޑުކަމަށް ދުންއަޅަނީ އުނިމާ، ކަޅަގާރި، ކުމުންޒާނި ވަކިވަރަކަށް މުގުރުވައިގެންނެވެ.

       ބޮޑުދުން އެޅުން އޮންނަނީ ކޮންމެ ރެއަކުވެސް އެއްއަވަށެއްގައެވެ. މަދު ފަހަރެއްގައި ދުވާލު ޢަސްރުނަމާދުގެ ފަހުން ބޮޑުދުން އެޅިނަމަވެސް ޢާއްމުގޮތެއްގައި ބޮޑުދުން އެޅުން އޮންނަނީ ރޭގަނޑު ޢިޝާނަމާދުގެ ފަހުންނެވެ. ބޮޑުދުން އަޅާ ރެއެއްނަމަ، އެކަމުގެ އިމާމު މީހާއާއި، ބައިވެރިން ޢިޝާނަމާދު ކުރައްވަނީ ވަކި މިސްކިތެއްގައެވެ. ނަމާދުން ނިމޭއިރަށް ބޮޑު ތަރާފަތެއްގެ ތެރެއަށް ވެލި އަޅާފައި ވެލީގެ މައްޗަށް އަނގުރު އަލިފާން އަޅާފައި ހުންނާނެއެވެ. އަދި ތައްޔާރުކުރި ދުންބުރުވާ ތަކެތިވެސް ހުންނާނެއެވެ. އެވަގުތު ތަރާފަތަށް ދުންއެޅުމާއެކު ދުންއަރާގަތުމުން އިމާމުމީހާ ދުޢާވެރިކަން ފަށްޓަވާނެއެވެ. ދުޢާވެރިކަން ނިންމަވާފައި އިމާމުމީހާ ކުރީގައި ހުންނަވައިގެން ޔާސީންސޫރަތް ވިދާޅުވަމުން ވަޑައިގަންނަވާއިރު ދުންއަރަމުންދާ ތަރާފަތުގައި ދަނޑިމާރުލައިގެން ދެމީހަކު ދެކޮޅުގައި ހިފައި ކޮނޑަށްލައިގެން ދާނެއެވެ. ތަރާފަތުގެ ފަހަތުގައި އެއަވަށެއްގެ ކަމުވޮށިވެގެންވާ އެންމެހާ ފިރިހެނުން ތިއްބަވައިގެން ޔާސީންސޫރަތް ކިޔަވަމުންދާނެއެވެ. މިގޮތުން ރޯގާ ބަލިމަޑުކަމަށް އަޅާ ދުމެއްނަމަ ހިނގަނީ އެއަވަށެއްގެ ހުރި އަލައޮޅުތަކުގެ ކައިރިންނާއި، ބަނބުކެޔޮގަސްތަކުގެ ތެރެއިންނާއި އެނޫންވެސް ހުންނަ ކާބޯތަކެތި އަޅާ ރުއްގަހުގެ ތެރެއިންނެވެ. މިގޮތަށް ރެއަކު އަވަށެއްގެ ދުން އަޅަމުންގޮސް މުޅި ރަށަށް ދުނައަޅާ ނިމުމުން އެއީ އެފަހަރަކު ބޮޑުދުންއެޅުނީއެވެ. ބޮޑުދުން އަޅާއިރު ކޮންމެ އަވަށެއްގައިވެސް އިމާމަކަށް ހުންނަވާނީ އެއްބޭފުޅެކެވެ. ގިނައިން އިމާމުކަން ކުރައްވަނީ އޭރު ކަތީބުކަން، ނައިބުކަންފަދަ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ.

       ކޮންމެއަކަސް އެދުވަސްވަރު މިބާވަތުގެ އެކިކަހަލަ ކަންތައްތައް ދިމާވެގެން ކުރަމުންދިޔަ މިކަހަލަ ކަންތައްތަކުން އެމީހުންގެ މަޤްޞަދު ޙާސިލުވަމުން ދިޔަކަމަށްވަނީ ބެލެވިފައެވެ. އެއީ އެތައްފަހަރެއްގެ ތަޖްރިބާ އާއިވެސް އެކުގައިކަމަށްވެއެވެ.

ނޯޓް : މިއީ 29 އޭޕްރީލް 2008 ގައި ކައްޓެޅި އޮންލައިންގައި ލިޔުންތެރިޔާ، އަލްފާޟިލް ފާރޫގު އަޙްމަދު / ސަމާ ޏ. ފުވައްމުލައް ލިޔުއްވާފައިވާ ލިޔުމެއްގެ ނަކަލެކެވެ.