ރޯދައަށް ގެއަށް ވެލިލުން

އިހުޒަމާނުގައި ގެދޮރު އިމާރާތް ކުރެވިފައިވާ ގޮތުންނާއި، އަދި މީހުންގެ ދިރިއުޅުމުގެ ފެންވަރު ހުންނަގޮތުން އެއްވެސް ގެއެއްގެ އެއްވެސް ތަނެއްގައި ތަޅުން އަޅާފައި ނުހުރެއެވެ. އެހެންކަމުން ކޮންމެ ރޯދަމަހައްޓަކައި ތައްޔާރުކުރާ ކަންތައްތަކުގެ ތެރޭގައި ގޭތެރެއަށައި އަދި ގޯތިތެރެއަށް ކަށިވެލިލުން އޮވެއެވެ. މިކަންކުރާގޮތަކީ ކޮންމެ އަހަރަކުވެސް ރޯދަމަސްޖެހެން ހައެއްކަމަސް ދުވަހަށް ވުމުން ކަށިވެލި ގިނައިން ލައްގާދުވަސް ވަރު ދިޔަވަރު ހިކޭ ވަގުތާ ވެސްދިމާކޮށް  އަންހެނުން ވެލިހޮވުމަށް ގޮޑު ދޮށަށް ދާނީއެވެ. މިގޮތުން      އާންމުކޮށް ދަނީ ފަތިހު ދިޔަވަރު ހިކޭވަގުތުގައެވެ. އެއީ ހެނދުނު ފަތިހު ފަށައިގެން އަވިބާރުވާއިރަށް މަސައްކަތުގެ ބޮޑުބައި ނިންމާލުމަށްޓަކައެވެ. ބައެއް ދުވަސްވަރު ހަވީރުވެސް މިމަސައްކަތު އަތިރި މައްޗަށް ދާނެއެވެ.

       އަންހެނުން ގޮނޑުދޮށަށް ފައިބާފައި މަސައްކަތް ކުރަނީ ގްރޫޕެއްގައި އަށްމީހުން ހަމީހުން އަދި ތިންމީހުން ކަހަލަގޮތަކަށް ގްރޫޕްތަކަކަށް ބެހިގެންނެވެ. އެއްބަޔަކު ވެލިގަނޑުގައި އިށީދެތިބެ ހަތަރުވަރެއްގެ ވެލިވަކިކޮށް އެއްތަނަކަށް ފުނިޖަހާނެއެވެ. އަނެއްބަޔަކު ތަގަރި މުޅޯށި ފަދަތަކެތީގައި ހަތަރު ސައިޒުގެ ވެލިވަކިން ވިނަފަށުން މައްޗަށް އުފުލާނެއެވެ. މިމަސައްކަތަށް ފަތިހު އަންހެނުން އަންނަނީ ހެނދުނު ނާސްތާއާއި، ދުފުމާއި، ބޯފެންފަދަތަކެތި ހިފައިގެންނެވެ. މަސައްކަތް ފެށުމާއެކު ޅެންފަރިހި އަންބާ ރައިވަރު ކިޔާ ފޯރި ނަގާނެއެވެ. ފަތިހުފަށާ ގޮތަށް މެންދުރާ ކައިރިވަންދެން މަސައްކަތް ކޮށްފައި ހުއްޓާލާއިރު ދުވަހެއްގެ މައްޗަށް ގްރޫޕަކަށް ބާރަބަސްތާ ސޯޅަ ބަސްތާވެލި އެއްގަން ކުރެވޭކަމަށް ވެއެވެ. ރައްޓެހިން ނުތިބޭ އެކަނިވެރިން އަމިއްލައިންވެސް އެމީހެއްގެ ގެއަށް ބޭނުންވާވެލި ހޮވާ އެއްގަންކުރުމުގެ މަސައްކަތް ކުރެއެވެ. އެފަދަ މީހަކަށް ގެއަށް ފުދޭވަރަށް ވެލިހޮވެނީ ގިނަ ދުވަހުންނެވެ.

       ވެލިގަނޑުން މިހޮވާ ހަތަރުވަރުގެ ވެއްޔަށް ކިޔާނަންތަކެއް ހުރެއެވެ. އެއްމެ ބޮޑެތިކޮށް ހުންނަ ވެއްޔަށް ކިޔަނީ ” ބަދިގޭވޭލި ” ދެންއެންމެ ބޮޑެތި ވެއްޔަކީ ” މާވަލްގޭ ވޭލީ” ދެންހުންނަނީ ” ހިމުންމާވަލްގޭ ވޭލި ” އެންމެ ހިމުންވެއްޔަކީ ” ބޭރުގޭ ވޭލި ” އެވެ. މިނަންތައްމިކިޔަނީ ވެލި ލާތަންތަނާ ގުޅުވާގެންނެވެ.

       މިދެންނެވި ގޮތަށް އެކިވަރުގެ ވެލި ފުނި އަތިރިމަތީ އެއްގަމަށް ޖަމާކޮށް ނިމުމުން އެވެލި ގެއަށް އުފުލަނީ އެދުވަސްވަރު ހުންނަ ދެފުރޮޅުލީ ދަމާގާޑިޔަލުގައި ފިރިހެނުންނެވެ. ގާޑިޔަލަކުން ފަހަރަކު ގެނެވޭނީ އާންމުގޮތެއްގައި 6 ބަސްތާ ވެއްޔެވެ. ގާޑިޔަލެއްގައި ތިބޭނީ މަސައްކަތު މީހުންގެ ހަމީހުންނެވެ. އެކަކު ގާޑިޔަލުގެ މައިގަޑުގައި ހިފަހައްޓައިގެން އަނެއް ފަސްމީހުން ފަހަތުތިބެ ގާޑިޔާ ކުރިޔަށް ފޮނުވަމުން ދާއިރު ޅެން، ފަރިހި، އަންބާ ކިޔާނެއެވެ. މިކަމަކީ ވަކިއަގެއް ދީގެން ކުރާކަމެއް ނޫނެވެ. އެދުވަސްވަރު މިބާވަތުގެ މަސައްކަތް ކުރަނީ އިޖުތިމާޢީ ކަމެއްގެ ގޮތުގައި އެކުވެރި ރަޙްމަތްތެރިން އެމަސައްކަތެއް ކޮށްލާ ގޮތަށެވެ. އެހެންކަމުންނާވެސް އެކު މަސައްކަތް ނިންމާއިރަށް ކޮންމެ ގޮތެއްގައިވެސް ކެއުމެއް ތައްޔާރުކުރާނެއެވެ. ވެލިނެގުމަށް ތައްޔާރުކުރާ އެންމެ މަޝަހޫރު ކެއުމުގެ ނަމަކީ ” ލަނގިރިއެވެ. ” އެއީ ކަށިކެޔޮ ލިޔެފައި ކާށިގަނބުޅި ހުންޏާއި ހަކުރު ލާފައި ކައްކާ ފޮނިކާއެއްޗެކެވެ. އެ ކައްކާފައި އަޅަނީ ބާރައާނާ ތަށިކިޔާ ބޮޑުތައްޓަކަށެވެ. އެތަށީގައި ހަމީހަކަށް ރަގަޅަށް ކެވޭވަރަށް ހުރެއެވެ. ދެންހުންނަނީ ހަނާކުރިމަސް ނުވަތަ ހަނާކުރި ބަބުކޭލެވެ.

       ކޮންމެއަކަސް ޝައުބާންމަހު ފަހުދިހަ ފެށޭއިރު ކޮންމެގެއަކަށް ފުދޭހާ ވެލި ހުންނަނީ އެގެއެއްގެ ގޯތިތެރެއަށް ޖަމާކޮށްފައެވެ. ދެންފަހު ދިހައަށް އަޅައިގަތުމުން ގެއާއި، ގޯތިތެރޭގައިވާ ވެލިލާ ހުރިހާތަނެއްގައި ކުރިން ހުންނަ ބައުވެލި ނަގައި އައުވެލި ލުމުގެ މަސައްކަތް ފަށާނެއެވެ. އަދި ވެލިލާ ނިމުމުން ވެލިގަނޑުގައި ހުންނަ ކަޅުއޮށާއި، އެނޫންވެސް ބޮޑެތި އޮށްތައް ނަގައި ރީތިކުރާނެއެވެ. ރޯދަމަހަށް ހަނދުބަލާ ދުވަހުގެ އިރުއޮއްސޭއިރު ކޮންމެ ގެއަކަށްވެސް ވެލިލާ ނިންމައި ގޭތެތެއާއި ގޯތިތެރެ ހުންނަނީ ރީތިކޮށް އެކީ އެކަށްޗަކަށް ސާފުހުދުކުލައިން ޒީނަތްތެރިވެފައެވެ.

        މިހާރަކަށްއައިސް ގޭގޭގެ ހުރިހާތަނެއްގައި ހެން ތަޅުން އަޅާ ފައިހުރި ނަމަވެސް އަދި ރަށްގިރަމުން ދާތީ ގޮނޑުދޮށުން ވެލިނެގުމަކީ ރަށުއޮފީހުގެ ހުއްދަނެތި މަނާކަމަކަށް ވީނަމަވެސް، މިހާރުވެސް ގިނަބަޔަކު ގޯތިތެރޭގެ ބައެއް ތަންތަނުގައި، އުދޯލިގެފަދަ ތަންތަނަށް ރޯދައަށް ވެލިލަމުން އެބަދެއެވެ. އެކަމަކު މިހާރު އިހްޒަމާނުގައި މިމަސައްކަތް ކުރިގޮތާއި ވަރަށްތަފާތެވެ. މިހާރުވެލިގަނޑުން ވެލިހޮވައިގެން ވިއްކާ ބަޔަކު އަތުން އެބަޔަކު، ނުވަތަ އެމީހަކު ކީއަގެއްގައި ވެލިގަންނަނީއެވެ. ދެންޕިކަޕްފަދަ ވެހިކަލްތަކަށް އަގުދީގެން ގެއަށް އެވެލި އުފުލަނީއެވެ. އެހެންކަމުން އިހުޒަމާނުގައި މިކަމުގެ ސަބަބުން އުފެދިފައިއޮތް އެކުވެރިކަމާއި، އިޖުތިމާޢީ ގުޅުން މިހާރަކު ނެތެވެ. އެހެންނަމަވެސް ބުރަ މަސައްކަތާއި ނުލާ، ގޭގައި ތިބެގެން ވެލި ލިބޭގޮތްވުމުން އެކަމަށްވެސް މިއޮތީ ފުދޭވަރެއްގެ ތަރައްޤީއެއް އައިސްފައިކަމަށް ބެލެވިދާނެއެވެ.

ނޯޓް : މިއީ 29 އޭޕްރީލް 2008 ގައި ކައްޓެޅި އޮންލައިންގައި ލިޔުންތެރިޔާ، އަލްފާޟިލް ފާރޫގު އަޙްމަދު / ސަމާ ޏ. ފުވައްމުލައް ލިޔުއްވާފައިވާ ލިޔުމެއްގެ ނަކަލެކެވެ.