ރާވެރިން މަގު ކޮށުން

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔަތުގެ ދުވަސްވަރު ނަވާރަސަތޭކަ ފަންސާހުގެ އަހަރުތަކުގެ ތެރޭގައި އަލްއުސްތާޛު މުހައްމަދު އިބްރާހިމް ލުތުފީ ފުވައްމުލަކު އަތޮޅވެރިއަކަށް ހުންނަވައިގެން މިހާރު ރަށުގައި މިހުރި ބޮޑެތި މަގުތައް ހެއްދެވުމުގެ ކުރިން ފުވައްމުލަކުގައި ހުރީ ވަރަށް ހަނިކޮށް ގުދުގުދު ލެވިފައި ހުރިމަގުތަކެކެވެ. އެއިން މަގެއްގައި 15 ފޫޓް ދިގުމިނަށް ތެދުކޮށް އިންނަތަނެއް އޮތްކަމަކަށް ނުވެއެވެ.

މިދެންނެވި ކަހަލަ މަގުތައްހުރި ދުވަސްވަރު ކޮންމެ އަހަރަކު އެއްފަހަރު ރާވެރިން ނުކުމެ ރަށުގެ ދެމަގެއް ކޮށައި އުޅުނެވެ. އެއީ ރިބާތު މަގާއި، ވޭރެގަމި މަގެވެ. މިދެމަގު ކޮށަނީ ކޮންމެ އަހަރަކު އައްސިދަ ލައިގަތުމުންނެވެ. އައްސިދަ މޫސުމް އައުމުން ރާވެރިންގެ ސަރުދާރުން މަގުކޮށާނެ ދުވަހެއް ކަނޑައަޅައި އެދުވަހެއްގަ ހަމަޖައްސާގަޑި އަކަށް ރާވެރިން ނިކުތުމަށް ކުރީދުވަހު އަންގާނެއެވެ. ފުރަތަމަ ދުވަހު ކޮށަނީ ރިބާތު މަގު ކަމަށްވާތީ އެދުވަހު ނިކުންނަނީ މާނޭރު އަތިރިމައްޗަށެވެ. ޢާންމުގޮތެއްގައި ރިބާތު މަގު ކޮށަނީ އަސްރުނަމާދުގެ ފަހުންނެވެ. ޢަސްރުގެ ފަހުން ފެށިނަމަވެސް އިރުއޮއްސުމުގެ ކުރިން ރިބާތާއި ހަމަޔަށް މަގުކޮށާލެވެއެވެ. މަގުކޮށާގޮތަކީ މަގުގެ ދެފަރާތުން މަގަށް ނިކުމެފައި ހުންނަ އުނި، މިދިލި، ދިއްގާ މަގޫ ކަހަލަ ގަސަތަކުގެ މަގަށް އަރާ ކޮފި ތަކާއި، ރުއްރުކުގެ ފަންކޮށައި މަގުގެ ސަރަޙައްދު ސާފުކުރަނީއެވެ. އެދުވަސްވަރު މަގުމަތީގައި ދުއްވާ އެއްވެސް އެއްޗެއް ނުހުންނާތީ މަގުކޮށަނީވެސް މީހުންނަށް ހިގާބިގާ އުޅެވޭވަރަށެވެ. އަދި މަގުތަކުގެ ފުޅާމިނުގައި ހުންނަނީ ހަތަރު ފަސްފޫޓް ވަރު ކަމަށްވާތީ މަގުކޮށުމުގެ މަސައްކަތް އެހާބޮޑު ނުވިނަމަވެސް އަހަރަކު އެއްފަހަރު މިދެމަގު ނުކޮށާނަމަ މީހުންނަށް ހިނގާ އުޅެވޭވަރު ނުވާނެއެވެ.

       ފުރަތަމަ ދުވަހު މަގުކޮށަމުންގޮސް ރިބާތާއި ހަމަވުމުން ރިބާތު ޒިޔާރަތުގައި ދުޢާވެރިކަން ކިޔަވާފައި ކޮންމެވެސް ކެއުމަކުން ނިއްމާލަނީއެވެ. މިކެއުން ގޭގެއިން ތައްޔާރުކުރުވައިގެން ރާވެރިންގެ ސަރުދާރުންގެ ފަރާތުން އުޅޭބަޔަކު ގެނެސް މަސައްކަތް ނިމޭއިރު ރިބާތްދޮށުގައި ތައްޔާރަށް ހުރެއެވެ. ގިނަދުވަސްދުވަހު ހުންނަނީ ފަތުހަކުރާއި ކާށިމަހެވެ. ރިބާތަކީ ވަރަށް ކުރީގެ ދުވަސްވަރަކުން ފެށިގެން ނަދުރު ބުނަމުން އައި ޒިޔާރަތެކެވެ. މާނޭރުން ފެށިގެން މިޒިޔާރަތާއި ހަމައަށް ކޮށާ ރިބާތުމަގަކީ ރަށުގެ އިރުދެކުނު ފަރާތުގައި ހޭޅިފަށުގައި އޮންނަ މަގެކެވެ.

       ފުރަތަމަ ދުވަހު މަސައްކަތް ނިންމާލާފައި ގެއަށްދަނީ ވޭރެގަމި މަގުކޮށާނެ ދުވަސް ކަނޑައަޅައި އެދުވަހެއްގައި ނިކުންނާނެ ގަޑި ހަމަޖައްސައި އެކަން އެންމެނަށް އެގިތިބެގެންނެވެ. ޢާންމުކޮށް ވޭރެގަމި މަގުކޮށަން ފަށަނީ މެންދުރުނަމާދުގެ ފަހުން ކާހަދައިގެންނެވެ. ގާތްގަޑަކަށް މެންދުރުފަހު ދޭއްޖަހާއިރު ގައެވެ. މީހުން ނުކުންނަނީ ހޯދަޑު އަވަށު އަނބުލު އަތިރިމަތީ ހުންނަ ރުއްގަޑު ދޮށަށެވެ. ވޭރެގަމި މަގުކޮށަނީވެސް ކުރީ ދުވަހު މަގުކޮށި ގޮތަށް ބާށާޑު ބޭމިސްކިތުން ފެށިގެން ގެއްމިސްކިތާ ހަމަޔަށެވެ. އެހިސާބުން އެމަގު ކޮށައި ނިމުނީއެވެ. ދެން ގެއްމިސްކިތު ޒިޔާރަތުގައި ދުޢާވެރިކަން ކިޔަވާފައި ތައްޔާރު ކުރެވިފައި ހުންނަ ކެއުމެއް ކާލަނީއެވެ. ވޭރެގަމި މަގަކީ ރަށުގެ ހުޅަނގު އުތުރު ފަރާތު ހޭޅިފަށުގައި އޮންނަ މަގެކެވެ. ވަރަށް ކުރީގެ ދުވަސްވަރަކުން ފެށިގެން 1959 ވަނަ އަހަރާއި ހަމަޔަށްވެސް މިގޮތަށް ރާވެރިން މިދެމަގު ކޮށަމުން އައެވެ. އެދުވަސްވަރު ގާތްގަޑަކަށް އަބަދުވެސް 200 ވަރަކަށް ރާވެރިން ރަށުގައި އުޅެއެވެ. ރަށުގެ 8 އަވަށް އޮންނައިރު ރާވެރިންގެ ދެސަރުދާރުން އުޅެއެވެ. އެގޮތުން އެންމެ ފަހަށް ސަރުދާރުކަން ކުރި ދެމީހުން ވެސް ނިޔާވެ މިހާރަކު ސަރުދާރެއްވެސް ނުހުރެއެވެ. މިހާރު ރާވެރިކަން ކުރާ މީހުން މަދުވަމުން އައިސް މުޅިރަށުގައި އުޅެނީ ތިންހަތަރު ރާވެރިއެކެވެ. އެމީހުންވެސް ކުރީގެ ރާވެރިން އެކަންކުރިގޮތަކަށް އެމަސައްކަތެއް ނުކުރެއެވެ.

       މިދެންނެވި ދުވަސްވަރު ރަށުގެ ދެމަގެއް ކޮންމެ އަހަރަކު ރާވެރިން ކޮށަމުން އައީ އެކަމަކީ ވަރަށް ކުރީއްސުރެން ފެށިގެންވެސް ރާވެރިންގެ ކަމެއްކަމުގައި ހަމަޖެހިފައި އޮންނާތީ ސަރުދާރުން ދުވަސްކަޑައަޅާފައި އަންގާލުމުން ރާވެރިންގެ އެންމެން ނިކުމެ ކުރާ ކަމެއްގެ ގޮތުގައެވެ. ރަށުގެ ވެރިކަމުގެ ފަރާތުން ވަކިއެންގުމެއް އަންގަވާކަށް ނުޖެހެއެވެ. މަސައްކަތް ހިނގަމުން ދާވަގުތު ލަވަކިޔުމާއި، ރައިވަރު ކިޔުމާއި، މިބާވަތުގެ ފޯރިހިއްޕާ ކަހަލަ ކަންތައްވެސް ކުރާނެއެވެ. އެދުވަސްވަރުގެ މީހުން ދިރިއުޅެމުން ދާއިރު ދިމާވާ މިކަހަލަ ދަތި އުދަގޫ ކަންތައްތައް ޙައްލުކުރުމަށް، ލުއިފަސޭހަގޮތް ހޯދުމަށް މަސައްކަތް ކޮށްފައިހުރީ ވަރަށްގުޅުން ބޮޑުކޮށް އަމިއްލަ އެދުމެއްނެތި ހަމައެކަނި މުޅިމުޖުތަމައަށް ފައިދާއާއި ލާބަހުންނަ ގޮތަށެވެ. އެހެން ކަމުން އެމީހުން ކުރި މިކަހަލަ ކޮންމެ ކަމެއްގެ ލުއިފަސޭހަވެސް އަބަދު ދަނީ ލިބެމުންނެވެ.

ނޯޓް : މިއީ 29 އޭޕްރީލް 2008 ގައި ކައްޓެޅި އޮންލައިންގައި ލިޔުންތެރިޔާ، އަލްފާޟިލް ފާރޫގު އަޙްމަދު / ސަމާ ޏ. ފުވައްމުލައް ލިޔުއްވާފައިވާ ލިޔުމެއްގެ ނަކަލެކެވެ.