ހަޔާތުގެ ޑައިރީ އޭނާގެ ގަލަމުން (ފަސްވަނަ ބައި)

އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަތައް އޮހިގަތެވެ. އަދި ހަޔާތުގެ އެކިއެކި ދުވަސްތައް ވަކިވަކިން ލޮލުގެ ކުރިމަތީގައި ހާމަވާން ފެށިއެވެ. ޚިޔާލުތައް ބޮނޑިބޮނޑި ވެގެންގޮސް އަހަރެންގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. ދުނިޔެމަތިން ފޫހިވެ މާޔޫސްކަން އިންތިހާއަށް ހިގައްޖެއެވެ. އެހިސާބުން އަހަރެންގެ ހިތް މަޖުބޫރު ކުރަމުންދިޔައީ މަރުވުމަށެވެ.

 

ގޭތެރެވަނީ ހަމަހިމޭންވެފައެވެ. އަހަރެން އާވާރާވެފައިވާ ރޫޙެއްފަދައިން ގެއިން ނިކުމެއްޖައީމެވެ. އަދި އެއްވެސް ޚިޔާލެއް ފިކުރެއްނެތި ހިނގަމުން ކުރިއަށް ދިޔައީމެވެ. ދެވޭ ނުދެވޭ ތަނެއްނޭގި ވާ ހާލު ދުނިޔޭގައި ހިނގާ އެއްވެސް ކަމެއްގެ އިޙްސާސް ނުވެއެވެ. ދުނިޔޭ ހަމަހޭވެރިކަމެއް އަމުދުން ނެތެވެ. އިރުކޮޅަކު ހިނގުމަށްފަހު އުސް ފަރުބަދަ ކަހަލަ ތަނަކަށް އެރިއްޖެއެވެ. އަދި މިރަނުގެ ފުރުޞަތުގެ ބޭނުންކޮށް އަހަރެން ފުރާނައިން އަތްދޮވެލުމަށް ޤަސްދުކުރީމެވެ. ހަމަ އެހިނދު ބާރުގަދަ އަތެއް އަހަރެންގެ މަގަށް ހުރަސްއަޅައިފިއެވެ. އަދި އަހަރެންގެ ނަމުން ވަރަށް ބާރަށް ގޮވާލިއެވެ.

 

” ނީޝާ”

 

އަހަރެން އޭނާގެ އަތުން ވީއްލިގެން ފުންމާލަން އުޅުނީމެވެ. ނަމަވެސް ކުއްލިއަކަށް އޭނާ އަހަރެންގެ އަތުގައި ހިފާ ކުއްލިއެއް ޖެހިއެވެ. ވިއްސައިގެންގޮސް އަހަރެން ޖެހުނީ އޭނާގެ މޭގައެވެ.

 

” އަހަރެން ދޫކޮށްލާ އަހަރެން މަރުވިޔަދީ” ރޮއެގަންނަމުން އަހަރެން ބުނީމެވެ.

 

” އަދި ތިހެން ދުލެއްނުކުރާނަން. ބަލަ ފުރާނަޔަކީ ތިމާގެ އަމިއްލަ އެއްޗެއްނޫނޭ. ފުރާނަ ދެއްވާފަރާތުން އެ ގެންދަވަންވީމަ ގެންދަވާނެ. މޮޔަވީތަ. މަރުވުމުން ހުރިހާކަމެއް ނިމުނީކީނޫނޭ”. އޭނާ ބުންޏެވެ.

 

އަހަރެން ރޮމުން އޭނާއަށް އާދޭސްކުރީމެވެ.

 

” ﷲއަށްޓަކައި އަހަރެން ދޫކޮށްލާ”

 

“ﷲއަށްޓަކައި މީހަކު ބޮޑުފާއެއްކުރަން އަހަންނަށް ދުލެއް ނުކުރެވޭނެ ކީއްވެ ތިޔައުޅެނީ، ނީޝާ. ވެގެން އުޅޭގޮތެއް ބުނެދީބަލަ”.

 

އަހަރެން އިސްއުފުލާ ބަލައިލީމެވެ. އަހަންނާ މިވާހަކަ ދައްކަނީ އަހަރެން ދަންނަ މީހެއް ނޫނެވެ. އަހަރެން ވަރަށްބޮޑަށް ހައިރާންވިއެވެ.

 

” އަހަރެންގެ ނަމަކީ އާސިފް. ނީޝާއަށް އަހަރެން ނޭގުނަސް އަހަރެން ވަރަށް ރަގަޅަށް ނީޝާ ދަންނަން”. އެނުދަންނަ މީހާ އަރެންގެ ހިތުގެ ސުވާލުތަކަށް ޖަވާބުދިނެވެ. އަދި އާދޭސް ކުރަން ފެށިއެވެ. އަހަރެންގެ ވާހަކަ ކިޔައިދިނުމަށް އެދިއެވެ.

އޭނާގެ އެތައް އާދޭހެއްގެމަތިން ލަދުންހުރެ އެހާމެ އަސަރާއެކު އަހަރެންގެ ހާލު އޭނާއަށް ކިޔައިދިނީމެވެ. ކަނުލާ އަހަރެންގެ ވާހަކަ އޭނާ އަޑުއެހިއެވެ. އަދި އަހަރެންގެ ހާލުގެ މައްޗަށް ހަމްދަރުދީވެ، ދިރިހުރުމަށް ހިތްވަރުދިނެވެ. ނަމަވެސް އޭނާގެ އޯގާވެރި ބަސްތަކާއި އަގުބޮޑު ނަޞޭހަތްތައްވެސް ޤަބޫލުކުރުމަށް އަހަރެންގެ ހިތް ދެކޮޅުހެދިއެވެ. އެންމެފަހުން އޭނާ އެދުނީ އޭނާއާއި އިނުމަށެވެ. ހަމައެކަނި އޭނާގެ އަންބަކަށް ވެދިނުމަށެވެ. މަރުވުމުން ހުރިހާކަމެން ނިމުނީ ނޫންކަމުގައިބުނެ ނަޞޭހަތްދިނެވެ. …… (ނުނިމޭ)