މާލަސްވެއްޖެ ދެވަނަ ބައި

ލޯބިވާ ދޮންބޭބެއަށް
ހެޔޮދުޢާ ސަލާމް!
ހާލު ކިހިނެއްތޯ؟ ޝާދީ މުބާރަކް!

މިސިޓީ މިލިޔަނީ ބޭބެއަށް ފަހަރެއްގައިވެސް އަރައިފާނެ ބޮޑު އޮޅުމެއް ފިލުވާ ދިނުމަށްޓަކައެވެ. އަދި އަހަރެންގެ މަރާބެހޭގޮތުން ބޭބެގެ ހިތުގައި އެއްވެސް ކަހަލަ ޝައްކެއް ޝަކުވާއެއް އުފެދެން ބޭނުން ނުވާތީއެވެ. މިސިޓީ ފެށުނީއްސުރެން ނިމެންދެން ރަނގަޅަށް ކިޔާނެކަމަށް ހީކުރަމެވެ. އަދި އަހަރެންގެ މިސިއްރު މަންމައަށާއި ދައްތައަށް ނޭންގުން ވަރަށް ބޮޑަށް އެދެމެވެ. ސިޓީގައި ލިޔެފައިމިވަނީ އަހަރެންގެ ދުނިޔަވީ ޙަޔާތުގެ އެންމެ ފަހު ޗެޕްޓަރެވެ.

އެހެން ދުވަސް ދުވަހެކޭ އެއްފަދައިން އެދުވަހުވެސް އަހަރެން ދިޔައީ ފިލާވަޅުތައް ދަސްކޮށްކޮށް ދޮންވެފައިވާ އަހަރެންގެ ސިކުނޑި ހަމަޖައްސައިލަން ލޮނުޒިޔާރަތް ކޮޅަށެވެ. ފެންނަ އެކިއެކި މަންޒަރު ތަކުން ހިތްއުފާ ކޮށްލުމަށާއި، އަދި ފަހުން އެ މަންޒަރުތަކުގެ ހަނދާން އާކޮށްލުމަށްޓަކައި، ބޭނުންވާ ފޮޓޯތައް ނެގުމަށް ކެމެރާގެ ލެންސް އެކި ދިމަދިމާއަށް ފޯކަސް ކޮށްލީމެވެ. ވަކި ޚާއްޞާ މަޤްޞަދެއް ނެތިއެވެ. އާނއެކެވެ! ބޭބެއަށްވެސް އެނގޭނެ ފަދައިން އެއީ އަހަރެންގެ ހޮބީއެވެ.

ފޮޓޯނެގުމުގައި ޕާރކުތެރޭގައި ކަސްރަތު ކުރަންއުޅޭ ޕާޓީތަކާއި ދޭދޭ ކުޑަކުދީން، އަދި ލޮނުޒިޔާރަތްކޮޅުގެ ވަރުނުލާ ރާޅުގަނޑުފަދަ، އެތައް މަންޒަރު ތަކެއް އެދުވަހުވެސް ފޮޓޯނެގުނެވެ. އިރުއޮއްސުމުން ގެއަށް އައިސް ކެމެރާގައިވާ ފިލްމު ހުސްވެފައިވާތީ ފިލްމު ދޮވެ ސާފުކޮށް އަދި ފޮޓޯތައް ހިއްކަން ބަހައްޓައިފީމެވެ. އާދައިގެ މަތިން ފިލާވަޅު ދަސްކޮށް ނިންމުމަށްފަހު، ފޮޓޯތައް ރަނގަޅަށް ހަމަޖައްސާ ބަލައިލައިފީމެވެ. ބައެއް މީހުން ވަރަށް ހެއްވާފަދަ ޙަރަކާތް ތަކުގައި ތިއްބާ ނެގިފައިވާ ފޮޓޯތައް ހުއްޓެވެ. މިފޮޓޯތަކުގެ ތެރެއިން އެއްފޮޓޯއެއް އަހަރެންގެ ސަމާލުކަން އަތުލިއެވެ. ފޮޓޯއިން ފެންނަންތިބީ ތިން އަންހެން ކުދިންނެވެ. އެތަނުން މެދަށްހުރި ކުއްޖާގެ މޫނުގައި ހުރި ވަރަށް ޚާއްޞަ ގޮތްތަކެއް އަހަންނަށް ފާހަގަ ކުރެވުނެވެ. ފޮޓޯތައް ވަކިތަރުތީބަކުން އަޅަމުންގޮސް އެފޮޓޯ ވަކިން ދުރުގައި ބާއްވައިލީމެވެ.

ޖެހިގެން އައި ކޮންމެ ދުވަހަކުވެސް ފިނިބުރުޖެހުމަށް ލޮނުޒިޔާރަތްކޮޅަށް ދިޔައީމެވެ. އަދި ފޮޓޯއިން ފެނުނު އަންހެން ކުއްޖާއާ ދިމާވޭތޯ ވަރަށް ހޯދީމެވެ. ނަމަވެސް މިގޮތަށް ހަފްތާއެއް ފާއިތުވެ ދިޔައިރުވެސް ދިމާވާ ގޮތެއް ނުވިއެވެ.

ދެހަފުތާއެއްހާ ދުވަސްފަހެވެ. އަނެއްކާވެސް ލޮނުޒިޔާރަތް ކޮޅަށް ހަވީރުގެ ފިނިބުރު ޖަހައިލަން ދިޔަ ދުވަހެކެވެ. މިއަދުވެސް މާބޮޑު މަޤްޞަދެއްނެތި ތޮށިގަނޑުމަތީ އިށީނދެފައި ކެމެރާގެ ލެންސް ފޯކަސް ކޮށްލައިފީމެވެ. ކުއްލިއަކަށް ސިއްސައިގެންދާ ކަހަލަ ގޮތެއް ވިއެވެ. ކެމެރާގެ ލެންސްގެ ތެރެއިން އެފެންނަނީ އެއްކަލަ ނުފެނިގެން އުޅުނު އަންހެން ކުއްޖާއެވެ. ކުރުކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑު ހިފެހެއްޓުމަށްޓަކައި ބޮލުގައި ރަތްކުލައިގެ ވޫލް ބޭންޑެއް އަޅާފައި ވެއެވެ. ހުދު ޓީޝާޓަކާއި، ރަތްކުލައިގެ ޓައިޓެއް އަދި ހުދުކުލައިގެ އިސްޓާކީނަކާއި ސްޕޯރޓްސް ޓެނިހެއްގައި ހުއްޓާ އެކުއްޖާ ފެންނަނީ ވަރަށް ހިތްގައިމު ގޮތަކަށެވެ. ވަރަށް ކައިރިވުމުން ފްރޭމްކޮށް ފޮޓޯ ނަގައިފީމެވެ. މިގޮތަށް އޭނާ ދުވަމުން އަޅަމުން ދިޔަ ކޮންމެ ބުރަކަށް ތަފާތު އަރިއަރިމަތިން ގިނަ ފޮޓޯތަކެއް ނެގުނެވެ. މިފޮޓޯތައް ސާފުކޮށް ފަހަރަކު ފޮޓޯއަކަށް ވަކިވަކީން ބަލަމުން ގެންދިޔަ އިރު އަހަރެންގެ ހިތުގައި ތަފާތު ޝުޢޫރު ތަކެއް އުފެދުނެވެ. ކޮންމެ ފޮޓޯއަކުން އަހަންނަށް އޭނާ ފެންނަނީ ވަރަށް ރީތި އެހާމެ އަސަރުގަދަ ގޮތަކަށެވެ. އޭނާ ދުވަމުންދިޔައިރު އަތަށާއި ފަޔަށް އަދި ބޮލަށާއި މުޅި ހަށިގަނޑަށް ގެނައި ކޮންމެ ޙަރަކާތަކަށް ފޮޓޯއެއް ނެގިފައިވެއެވެ.

އޭނާގެ އެފަރިނަލަ ފޮޓޯތައް ބެލުމުގައި އަހަންނަށް ހޭދަކުރެވުނީ ކިހާވަގުތެއް ކަމެއް ނޭނގުނެވެ. މިރީތި ފޮޓޯތަކުގެ ދުނިޔެއިން އަހަންނަށް ހޭލެވުނީ ފަތިސްނަމާދު ބަންގީގެ އަޑަށެވެ.

ޖެހިގެންއައި ކޮންމެ ދުވަހެއްގެ ހަވީރަކީވެސް އަހަންނަށް ވަރުގަދަ އިންތިޒާރުތަކެއް ކުރުވަށް ޖެއްސި ހަވީރު ތަކަކަށް ވެއްޖެއެވެ. ކޮންމެ ދުވަހެއްގެ ހަވީރުގެ ގިނަވަގުތު ލޮނުޒިޔާރަތް ކޮޅުގައި ފޮޓޯނެގުމުގެ ބުރެއް ދުއްވައިލެވެއެވެ. މިފޮޓޯތައް ލުމަށްޓަކައި ވަކި އަލްބަމެއް ޚާއްޞަ ކުރެވުނެވެ. އެންމެ ހެއްވާ ކަމަކީ މިގޮތަށް ނެގޭ ފޮޓޯތައްލައި، އެއްއަލްބަމް ފުރުމަކާ ކައިރިވީއިރުރުވެސް، އެންމެ ކުޑަމިނުން މިކުއްޖާގެ ނަންވެސް އަހަންނަށް ނޭނގުނު ކަމެވެ. އެއީ އަހަރެންގެ ހުރި ނުކެރޭ ކަމުންނެވެ. އަހަރެންގެ ރައްޓެހި ބައެއް ސްކޫލް ކުދިން ބުނެއުޅޭހެން އަހަންނަށް އެނގޭނީ ހަމައެކަނި ކިޔެވުމާބެހޭ ކަންތައްތައް ކުރާށެވެ. ސަބަބަކީ ދޭދޭކުދިން ދައްކާ އަންހެން ކުދިންގެ މަޖާވާހަކަ ތަކުގައިވެސް އަހަރެން ބައިވެރި ނުވާތީއެވެ. އަދި އަންހެން ކުއްޖަކާ ކުރިމަތިލާ “ލޯބި” ހުށަހެޅުމަކީވެސް އަހަންނަށް މާފަސޭހަ ކަމަކަށް ނުވާތީއެވެ. އެއްވެސް ރައްޓެހި ކުއްޖަކު މެދުވެރިކޮށް މިކަމަށް ކުރިމަތި ލާކަށްވެސް ނުކެރުނެވެ. އެމީހުން އަހަންނަށް މަލާމަތް ކޮށްފާނެތީއެވެ. އެންމެ ފަހުން އަހަރެން ގަޞްދުކުރީ ކޮންމެ ގޮތަކުންވެސް އޭނާއާ ރައްޓެހި ވުމަށެވެ. މިގޮތަށް ޢަޒުމު ކަނޑައަޅާ ޖެހިގެން އައިދުވަހު އާދަކޮށް އެމީހުން ކަސްރަތު ކުރަން އަންނަ ގަޑިއަށް ލޮނުޒިޔާރަތް ކޮޅަށް ހިނގައްޖައީމެވެ.

ހުކުރު ދުވަސްކަމަށް ވުމާއެކު، އެހެން ދުވަސްދުވަހަށްވުރެ، މީހުނާއި ކުޑަކުދިން ގިނަވެ ހަލަބޮލި ވެފައިވާ ލޮނުޒިޔާރަތްކޮޅު ތޮށިގަނޑު ކައިރީގައި ބައިސްކަލް މަޑުކޮށްލައިގެން ހުއްޓާ އަހަރެންގެ ލޮލުގައި އަޅައިގަތީ އެއްކަލަ އަންހެން ކުއްޖާ ވަރަށް ހަމަޖެހިލައިގެން ތޮށިގަނޑުމަތީ އިށީނދެލައިގެން އިންދައެވެ. ކައިރީގައި ގިނަދުވަސް ދުވަހު އޭނާއާއެކު ކަސްރަތު ކުރަންއުޅޭ އޭނާގެ އެކުވެރިޔާ އިނެވެ. ނޫން ކަމަށް ހަދާފައި ދެމީހުން ދައްކާ ވާހަކަ އަޑުއިވޭ ހިސާބު ކައިރިއަށް ޖެހިލައިފީމެވެ. ނަޞީބު ވަރަށް ރަނގަޅެވެ. ދެމީހުންގެ ވާހަކަ ދެއްކުމުގެ ތެރެއިން އަހަންނަށް އޭނާގެ ނަން ދަސްވެއްޖެއެވެ. އަހަންނަށް ޚިޔާލު ކުރެވިފައިވާ ގޮތަށްވުރެ ތަންކޮޅެއް އާދައިގެ ނަމެކެވެ. ހިތަށް އެރިއެވެ. ލޯބީގެ ދުނިޔޭގެ ފުރަތަމަ ފިޔަވަޅު ކާމިޔާބު ވީއެވެ. ވަރަށް އުފާވިއެވެ. ކިތަންމެ ފަހަރަކު ކައިރިއަށްގޮސް ހުއްޓި އެނަމުން ގޮވާލާ މުޚާތަބު ކުރުމަށް ހިތަށް އެރިއެވެ. ނަމަވެސް ފިރިހެނަކަށްވިޔަސް އަހަރެންގެ ނުކެރުން، އެކަމަށް ހުރަސްއެޅިއެވެ. ކޮންމެއަކަސް އިރުއޮއްސި ހަތެއް ޖަހަންދެން މިކަހަލަ ގޮތަކަށް އުޅުމަށްފަހު، އެމީހުން ތެދުވެ ހިނގައިގެންފިއެވެ. އަހަރެންވެސް ފަސްފަހަތުން ދާންފަށައިފީމެވެ.

ނަޞީބު ދިމާކުރި ގޮތުން އަހަންނަށް އެދުވަހު އާދެވުނީ ބައިސްކަލް ބައްތިވެސް ނުލައެވެ. އެހެންކަމުން ބައިސްކަލު އަތުން ހިފައިގެން ފަސްފަހަތުން ދިއުމަކީ މާފާހަގަ ކުރެވޭ ކަމަކަށް ނުވިއެވެ. މަގުތައް ކަޑަތު ކުރަމުން ވަރަށްދިގު ރާސްތާއެއްގައި ހިނގުނުހެން އަހަންނަށް ހީވިއެވެ. ނަމަވެސް ފައިވާގިނެތި ވަރުބަލި ވުމުގެ ބަދަލުގައި ހިތަށް އަރާމަކާއި އުފަލެއް އިޙްސާސް ކުރުވިއެވެ. ހިނގަމުންގޮސް ހަނިގޯޅިއެއްގެ ތެރެއަށް ވަދެވިއްޖެއެވެ. މިކުދިން ގޯޅިއެޅުމުން ކުޑަކޮށް އެއްފަރާތަކަށް ޖެހިލާ މަޑުކޮށްލައިފީމެވެ. އޭނާ ވަންނަނީ ކޮންގެއަކަށްތޯ ބެލުމަށެވެ. ގޯޅީގެ ކަނާތްފަރާތުގައި ހުރި ގެއެއްގެ ދޮރޯށި ކައިރީގައި މަޑުކޮށްލުމަށްފަހު، ދެކުދިން ކޮންމެވެސް ވާހަކައެއް ދައްކާލައިފައި އަނެއް ކުއްޖާ ހިނގައި ގަތުމުން އޭނާ ގޭތެރެއަށް ވަދެއްޖެއެވެ. އަހަރެން މަޑުމަޑުން ގޮސް ގޭގެ ނަންބޯޑު ބަލައިލީމެވެ. އެއްދުވަހާ ދެކަންތައް ކާމިޔާބު ވީއެވެ.

ސިޓީއަކުން ލޯބިހުށަހެޅުމަށް ޚިޔާލު ކުރެވުނެވެ. ނަމަވެސް ހިތަށް އެރިއެވެ. “ކަމަކަށް ތިމާގެ ހިތް އެދޭނަމަ އެކަމަކަށް ކުރިމަތިލާންޖެހޭނީ ފިސާރި ކެރިގެންނެވެ. ފަސްޖެހުމަކީ ފިރިހެނުންގެ ގޮތެއް ނޫނެވެ. އަހަންނަކީވެސް ފިރިހެނެކެވެ. ވާގޮތެއް އެނގޭނީވެސް ގުޅައިލީމަތާއެވެ. “ސީދާސީދާ ހާޒިރުގައި ދެވޭ ޖަވާބުގެ ބަދަލުގައި “ބުންޏޭ” “ބުންޏޭ” އަޑުއެހުމަކީ ކުޑައިރުއްސުރެ އަހަރެންގެ ތަބީޢަތުގައި  ހުންނަ ކަމެއް ނޫނެވެ.”

ޖެހިގެން އައިދުވަހު އަހަރެން ލޮނުޒިޔާރަތް ކޮޅަށް ދިޔައީ ތަންކޮޅެއް އިހުގެ ގޮތެއް ކަމުގައި ވިޔަސް ރަތްކުލައިގެ ފިނިފެންމަލެއް ހިފައިގެންނެވެ. އަދި އޭނާގެ ފޮޓޯތަކުގެ ތެރެއިން އެއްފޮޓޯވެސް ގެންދިޔައީމެވެ. ދަނޑިވަޅެއް ލިބޭތޯ ބަލަބަލައި ހުއްޓާ ކަސްރަތުކޮށް އަވަދިވެގެން އައިސް ތޮށިގަނޑުމަތީ އިށީނދެއްޖެއެވެ. ވަށައިގެން ހޯދާލިއިރު އެއްވެސް ފަރާތަކުން އޭނާގެ އެކުވެރިޔާ ފެންނާކަށް ނެތެވެ. ހިތަށް އެރިއެވެ. މީހަކު ކަމަކަށް އެދި ހަރުދަނާ ކަމާއިއެކު މަސައްކަތް ކުރާނަމަ ނަޞީބު އެމީހަކާ އެހީތެރިވާނެއެވެ. މަޑުމަޑުންގޮސް ކައިރީގައި އިށީނދެއްޖައީމެވެ. އަދި ހަލޯ… އޭ ބުނެލުމުން ބޮޑުފިކުރެއްގައި އިންކަހަލަ ގޮތަކަށް އިނދެފައި އަހަންނާ ދިމާއަށް ބަލައިލިއެވެ. އަދި މަޑުމަޑުން ހަލޯއޭ ބުނެލައިފިއެވެ. އަހަރެން އެފޮޓޯގެމަތީގައި ފިނިފެންމާ ބާއްވާފައި ދިއްކޮށްލައިފީމެވެ. ފާޑަކަށް އަހަންނާ ދިމާއަށް ބަލައިލާފައި އޭގައި ހިފައިފިއެވެ. އަދި އެފޮޓޯ ނަގާ މާ އަނބުރާ އަހަންނަށް ދީފައި ހަމައެކަނި ބުނެލީ “ސޮރީ” އެވެ. އަދި އެތަނުން ތެދުވެގެން ދުރަށް ހިނގައްޖެއެވެ. އަހަރެން ވަރަށް ދެރަވިއެވެ. ދެން ހަދާނީ ކިހިނެއްބާވައޭ ހިތަށް އެރިއެވެ. ނަމަވެސް ހިތްވަރު ދެރައެއް ނުވެއެވެ. އިހުނަށްވުރެ ޢަޒުމު ވަރުގަދަވެ ކޮންމެ ގޮތަކުންވެސް އޭނާއާ ގުޅުމަށް ހިތުގައި ކަނޑައެޅީމެވެ.”

މިހިސާބަށް ސިޓީ ކިޔާފައި އަހަރެންގެ ހިތަށް އެރިއެވެ. އަހަރެންގެ ކޮއްކޮ ސާޖިދުގެ ހުރީ ކޮން އުނިސިފައެއް ބާވައެވެ. މީހާދަހާބޮޑާ، ކިބުރުވެރި އަންހެން ކުއްޖެއް ތާއެވެ. ކިހާވަރެއްގެ ކަމަނާފާނެއް ބާވައެވެ؟ އަހަރެންގެ ކޮއްކޮ ސާޖިދުއާ އޭނާ ނުޤަބޫލުވީ ކީއްވެ ބާވައެވެ؟ ސާޖިދު ކޮއްކޮގެ މަރުގެ ސިއްރު ކަމުގައިވި މިއަންހެން ކުއްޖާއާމެދު އަހަރެންގެ ހިތުގައި ނަފްރަތުގެ ހުޅުގަނޑު އަނދައަނދާ ހުއްޓެވެ.

ސާޖިދަކީ މޮޅު ކުއްޖެކެވެ. އަހަރެމެންނަކީ މާމުއްސަނދި ބައަކަށް ނުވިއަސް ނާށިގަނޑު ހިފައިގެން ސަލާންޖަހާ، ދަރާވިކޭ ވަރަށްވުރެ އިރާދަ ކުރެއްވިޔަތީ އަތްމަތި ތަނަވަހެވެ. އަމިއްލަ ގެދޮރު އެބަހުއްޓެވެ. ރީތިކަމުގެ ގޮތުން ބަލައިލިއަސް ސާޖިދަކީ ހުތުރު ކުއްޖެކޭ ނުބުނެވޭނެއެވެ. އަހަރުމެން ކުޑައިރު ގެއަށް އައިސް އުޅޭ ބައެއްމީހުން ބުނާތީ އަހަމެވެ. ސާޖިދަކީ ޚަދީޖާއާއި ހަސަނާ ދެމީހުންގެ ހުރި ހުރިހާ ރީތިސިފައެއް އެކުވެގެން ދުނިޔެއަށް އައިސްފައިވާ ނަމޫނާ އެކެވެ.

އަނެއްކާވެސް ސިޓީ ކިޔަން ފަށައިފީމެވެ.

“ދުވަސްތައް މާޒީއާއި އެކުވަމުން ދެއެވެ. އަހަރެންގެ ހިތުގައި އޭނާއާމެދު އުފެދިފައިވާ ޝުޢޫރު ތަކަކަށް ނިމުމެއް ނައެވެ. އަބަދު ދެކޭހިތްވަނީ އެވެ. ކުރީގައި ފެންނަ ގޮތަށް ލޮނުޒިޔާރަތް ކޮޅުން ދިމާވާ ގޮތެއް ނުވެއެވެ. ރެއަކާދުވާލު އެގޭދޮށުން ބުރުޖެހެނީ ކިތައްފަހަރު ކަމެއް ނޭނގެއެވެ. މަގަކުން ދިމާވިއަސް އޭނާގެ ފަސްފަހަތުން ދެވެން ފަށައިފިއެވެ. އޭނާއަށް މިކަމުން ވާނެ އުނދަގުލަކަށް ނުވިސްނެއެވެ. އާދޭސް ކުރެވެން ފަށައިފިއެވެ. އެގެއަށް ކުރެވޭ ފޯންތަކުގެ ޢަދަދު ގުނޭވަރެއް ނުވެއެވެ. ފުރަތަމަ ދުވަހު ފޯނުކުރުމުން އޭނާފޯނުކައިރިއަށް އައެވެ. އަދި އަހަރެން އޭނާއަށް ލޯބިހުށަހެޅުމަށް ލިބުނު ފުރުޞަތުގެ ބޭނުން ކުރުމުން އޭނާ އަނެއްކާވެސް “ސޮރީ” އޭ ބުނެފައި ފޯނު ބާއްވައިފިއެވެ. ފަހުންފަހުން އައިސް އަހަރެން ފޯނުކުރިއަސް އޭނާ ފޯނާ ހަމައަކަށް ނާދެއެވެ. ޚުދު އޭނާއަށް ފޯނުނެގުނަސް ގޭގައި ނޫޅޭ ކަމަށްބުނެ ފޯނު ބާއްވަނީއެވެ. އޭނާއާ ވާހަކަ ދައްކައިލުމުގެ ފުރުޞަތެއްވެސް އަހަންނަކަށް ނުލިބުނެވެ. ވަރަށްބޮޑަށް ވިސްނުމަށްފަހު، އަހަރެން ޤަޞްދުކުރީ ތަފްޞީލުކޮށް، ހުރިހާ ވާހަކައެއް  އޭނާއަށް ކިޔައިދޭށެވެ. އަދި އަހަރެންގެ ލޯބި ޤަބޫލު ކުރޭތޯ ސިޓީއަކުން ހުށަހެޅުމަށެވެ. މިގޮތަށް ނިންމާ ވަރަށް ތަފްޞީލުކޮށް ސިޓީއެއް ލިޔުނީމެވެ.

“އެންމެ ފުރަތަމަ ދުވަހު ފެނުނީއްސުރެ އޭނާގެ ލޯބީގައި އަހަރެން ބޭގަރާރު ވަމުންދާ ވާހަކައާއި، އޭނާ މިކަމާ އަޅައިނުލައިފިނަމަ މިފުންމިން ނޭނގޭ ކަނޑުގެ އޮއިވަރުގައިޖެހި އަހަރެން މުޅިން ފަނާވެދާނެ ކަމަށާއި އަހަރެންގެ މިއާދޭސްތައް އޭނާ ޤަބޫލު ނުކުރަނީ ކީއްވެތޯ އާއި އަހަރެންގެ ކިބާގައިވާ އުނިސިފައަކީ ނުވަތަ އޭނާއަށް އަހަރެން ކަމުނުދާ ސަބަބު ބަޔާންކޮށްދިނުމަށް އެދި ވަރަށް އާދޭސްކޮށް އެސިޓީގައި އަހަރެން ލިޔެފައިވާނެއެވެ. މިސިޓީ ފޮނުވުމަށްފަހު ލިޔެވުނު ޢިބާރާތްތަކުގެ މައްޗަށް ވިސްނާ ހަމްދަރުދީގެ ކުޑަނަމަވެސް ކަންފުޅަކާއިއެކު އުފާވާކަހަލަ ޖަވާބެއް ލިބޭނެކަމުގެ އުން މީދުގައި ކެތްތެރިކަމެއްނެތި އިންތިޒާރު ކުރެވެން ފަށައިފިއެވެ. ސިޓީގެ ޖަވާބެއްގެ އިންތިޒާރުގައި ކޮންމެ ދުވަހެއްގެ ހަވީރު ފަހަކުން ހަތަކަށް ލޮނުޒިޔާރަތް ކޮޅުގައި ހުންނާނެ ކަމަށް ލިޔުނީމެވެ. ސިޓީ އަހަރެން ފޮނުވީ ހަމަޤަޞްދުގައި އަހަރެންގެ އެޑްރެސް ނުޖަހައެވެ. ސަބަބަކީ އަހަރެން ގޭގައި ނޫޅޭ ވަގުތެއްގައި ސިޓީލިބި ދައްތަމެނަށް ބޭޒާރު ވެދާނެތީއެވެ. އަހަރެން މުޅިދުނިޔެއަށް ބޭޒާރުކޮށް ގިނަކޮށް ނުލުމަށް، އެސިޓީގައި އަހަރެން ލިޔުނީމެވެ.

މިގޮތަށް ހުންނަތާ ތިންދުވަސް ފަހުން އޭނާގެ ރަޙްމަތްތެރިޔާގެ ޙަވާލުގައި އަހަންނަށް ސިޓީއެއް ލިބިއްޖެއެވެ. ވަރަށް އުފައުވިއެވެ. އުފަލުންގޮސް ދެތިންފަހަރު ސިޓިގައި ބޮސްވެސް ދެވުނެވެ. އަވަސްއަވަހަށް ގެއަށްގޮސް ސިޓީކިޔަން ފަށައިފީމެވެ. އެއީ އަހަރެން ހީކުރި ގޮތާއި މުޅިން ތަފާތު ސިޓީއެކެވެ. ސިޓީގެ ކޮންމެ ލަފުޒެއް އަހަރެންގެ ލޮލުން އެތައް ކަރުނައެއް އޮއްސަން ޖެއްސިއެވެ.”

ކޮއްކޮގެ މިސިޓީ ކިޔަމުން ދިޔައިރު އަހަރެންގެ ލޮލުންވެސް ކަރުނަތައް އޮހެމުން ދިޔައެވެ. ކޮއްކޮގެ އެއުފާވެރި ޙަޔާތުގައި އަލިފާންޖެހި ނުލަފާ އަންހެން ކުއްޖާ އަހަންނަށް ފެނިއްޖެނަމަ އޭނާއަށް އަހަރެން ދޭނީ ކޮންކަހަލަ ސަޒާއެއް ބާވައޭ ހިތަށް އަރައެވެ. ލޯބީގެ ދުނިޔޭގައި މިފަދަ ހަރުކަށި ގޮތަކަށް ޢަމަލުކުރާ މީހުނަށް ސަޒާދިނުމަށް ވަކިމިންގަނޑެއް ކަނޑައެޅިފައިވާނަމައޭ ހިތަށް އެރިއެވެ. އަންހެން ކުދިންނަކީ ވަރަށް ނާޒުކު ހިތެއް ލިބިފައިވާ ލަތީފީ ބައެއްކަމަށް މީހުން ކިޔައިއުޅެއެވެ. ނަމަވެސް ކޮއްކޮގެ ހިތްހަލާކުކޮށްލި މިއަންހެން ކުއްޖާއަކީ ހިލަހިތެއްގެ ވެރިއަކުކަން ކަށަވަރެވެ. ސިޓީ ކިޔަމުން ދިޔަދިޔަހެން އަހަރެންގެ ހިތުގައިވާ ނަފުރަތު އެތަށް ގުނައަކަށް އިތުރުވޭވޭ ހުއްޓެވެ.

“އޭނާގެ ސިޓީގައި ލިޔެފައި ވެއެވެ.”

ދުއެވެ. އަހަރެން ވަރަށް ދެރަވެއްޖައީމެވެ. ސާޖިދުގެ ތިޔަ އާދޭސްތައް އަހަންނަށް ޤަބޫލް ކުރެވޭކަށް ނެތެވެ. އަހަންނަކީ މުޅިން އެހެން މީހެއްގެ ޙައްޤެކެވެ. އަހަރެންގެ ހިތުން ތިނޯހެއްގެ ފަގަ ޖައްސާލާހާ ތަންކޮޅެއްވެސް އެހެން މީހަކަށްޓަކައި ހުސްކުރެވޭކަށް ނެތެވެ. އަހަންނަށް މަޢާފް ކުރާށެވެ. ނަމަވެސް ސާޖިދު އެދޭނަމަ އަހަންނަކީ އަބަދުވެސް ސާޖިދަށް ހެޔޮއެދޭ ރަޙްމަތްތެރިއަކު ކަމުގައި ޤަބޫލު ކުރާށެވެ. ސާޖިދަކީ ލޯބީގެ ދުނިޔެއަށް އަލަށް ނުކުމެގެން އުޅޭ ކުއްޖެއްކަން ސިޓީއިން އަހަންނަށް އެނގެއެވެ. ވީމާ އަހަރެންގެ މަތިން ހަނދާން ނައްތައިލާ، އަލުން އެހެން ރަނގަޅު ކުއްޖަކު ހޯދާށެވެ. މިމާލޭގައިވެސް، ރަނގަޅު ކިތަންމެ ކުދިންނެއް އުޅޭނެއެވެ. ރީތިކަމަށްވުރެ އަޚްލާޤް ރަނގަޅު ކުއްޖަކު ހޯދުމަށް، ބާރުއަޅާށެވެ. ލޯބީގެ އަގު ރަނގަޅަށް ވަޒަން ކުރަން ދަސްކުރުމާއެކު އެއަށް ޙުރުމަތްތެރިކޮށް ހިތާ ރަނގަޅު ކުއްޖަކު ހޯދާށެވެ. ސާޖިދުގެ ޢަމަލުތަކުން ތިޔައީ ވަރަށް ހަރުދަނާ ކުއްޖެއްކަން ސާބިތުވެއެވެ. ސާޖިދުއެވެ. ލޯބީގެ ދުނިޔެއަށް ނުކުންނައިރު ވަރަށްބޮޑަށް ވިސްނަންޖެހޭ ކަންތައްތަކެއް ވެއެވެ. އެންމެ ފުރަތަމަ ތިމާގެ އަމިއްލަ ނަފްސު ތިމާ ދެނެގަންނާށެވެ. ތެދުވެރި ލޯބިވެވޭނީ އެންމެ މީހަކުދެކެ އެންމެ ފަހަރަކުއެވެ. އަދި އެކަމުގައި ހަރުދަނާ ކަމާއި ކެތްތެރިކަން އިންތިހާއަށް ބޭނުން ވާނެއެވެ. ވީމާ ސާޖިދުއެވެ. އަހަރެންގެ މިވާހަކަތައް ޤަބޫލުކޮށް އަހަންނަށް މަޢާފް ކުރާނެކަމަށް ހީކުރަމެވެ. އަހަންނަށް ލޯބިދަސްވެފައިވަނީ މިބުނެދިން ގޮތަށެވެ.”

މިސިޓީ ކިޔާފައި އަހަރެން ވަރަށް ދެރަވިއެވެ. އަދި ހިތަށް އެރިއެވެ. ހަދަހާ ދެރައެވެ. ލޯބީގެ ދުނިޔޭގައި ފުރަތަމަ ނާކާމިޔާބާއި ކުރިމަތިވީއެވެ. އަމިއްލަ ނަފުސާ މުޚާތަބުކޮށް ބުނެލެވުނެވެ. “މާލަސްވީއެވެ.” ނަމަވެސް އަހަރެން އޭނާދެކެ ކުޑަކޮށްވެސް ރުޅިއެއް ނާދެއެވެ. ސަބަބަކީ މިކަމުގައި އޭނާގެ އެއްވެސް ކުށެއް ނެތީމައެވެ. ހަމައެކަނި އޮތް މައްސަލައަކީ ވަގުތުގެ މައްސަލައެވެ. މިއީ ހިތާމަ ކުރުމަށްވުރެ، އުފާކުރަންވީ ކަމެކެވެ. ސަބަބަކީ އަހަރެމެންގެ ދިރިއުޅުމުގައި މިހާރަކަށްއައިސް، މިދެއަކުރުން އެކުލެވިފައިވާ ލަފުޒު “ލޯބި”ގެ ހަމައެކަނި މާނަ ދަންނަ މީހުންވެސް މަދުވެފައިވާ ދުވަސްވަރެއްގައި، ހަމަ އަހަރުމެންގެ ތެރެއިން މިފެނުނު ހަރުދަނާ ލާމަސީލު ނަމޫނާގެ ސަބަބުންނެވެ. މިފަދަ ނަޞީބު ވެރިއަކީ ކާކުބާވައޭ ހިތަށް އެރިއެވެ.

މިމާތް އަންހެން ކުއްޖާއާއިމެދު ހިތުގައި އެއްވެސް ޝަކުވާއެއް އުފެދިފައި ނުވިއަސް އޭނާގެ ހަނދާންތަކާ ދުރަކަށް އަހަންނަކަށް ނުދެވުނެވެ. އޭނާގެ އެވާހަކަ ތަކަށް އަހަރެންގެ ހިތުގެ އަޑިން މަރުޙަބާކީމެވެ. ނަމަވެސް އިތުރު ކަމެއް ކުރާހާ ހިތްވަރެއްވެސް އަހަންނަކަށް ނުލިބުނެވެ. މިގޮތަށް ދުވަސްތައް ފާއިތުވަމުން ދަނިކޮށް އެއްރެއަކު އިރާކޮޅު އަހަރެން ގޭގައި އުޅެނިކޮށް ބޭބެގެ ރައްޓެހި ޝާފިޢު ގެއަށް އަތުވެއްޖެއެވެ. އަހަރެންނަށް ޙައްލެން ނުހޯދިގެން މިއުޅޭ މައްސަލައާއި ބެހޭގޮތުން ޝާފިޢުއާއި ޚިޔާލު ބަދަލުކޮށްލަން ހިތަށް އެރިއެވެ. އެކަމަކު އެކަމާއިގެން ކުރިއަށް ނުދެވި އުޅެނިކޮށް ޝާފިޢު އެދުނީ އޭނާއާއިއެކު ކޮންމެވެސް ތަނަކަށް ގޮސްދިނުމަށެވެ. އަދި އަތުގައި އޮތް ޕާރުސަލު ދައްކާލާފައި އެހަވާލު ކޮށްލާށޭ ބުންޏެވެ. އަހަރެންވެސް އިތުރު އެއްޗެކޭ ނުބުނެ އޭނާއާއެކު ހިނގައްޖައީމެވެ. ޝާފިޢުގޮސް މަޑުކޮށްލީ އެއްކަލަ ގޭދޮށަށެވެ. ބައިސްކަލު މަޑުކޮށްލުމުން އަހަރެން ވަރަށް ހައިރާން ކަމާއެކު ބަލަހައްޓައިގެން ހުރީމެވެ. އޭނާ އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. އެތެރެއަށް ވަންނަމުން އަހަރެން ކައިރީގައިވެސް އަންނާށޭ ބުންޏެވެ. ނަމަވެސް ލިބުނު ޙައިރާން ކަމެއްގެ ބޮޑުކަމުން އަހަންނަށް ހަމައެކަނި ބަލަހައްޓައިގެން ހުރެވުނީއެވެ. އަހަންނަށް ހީކުރެވުނީ ރަނގަޅަށް ބާވައޭ ހިތަށް އެރާފައެވެ. ” އެނަޞީބު ވެރިޔަކީ ޝާފިޢު ބާވައެވެ؟” ކުޑައިރުކޮޅެއް ފަހުން އޭނާ ބޭރަށް ނުކުތުމުން އަހަރެން އަހައިލީމެވެ. “އެއީ ކާކަށް ގެނައި ޕާރުސަލެއް ހެއްޔެވެ؟” އޭނާ ހީނލާފައި ބުންޏެވެ. “ސާބަހޭ ސާޖިދުއެވެ. ތިޔައެހީ ހަމަ ނޭނގިގެން ހެއްޔެވެ؟”

ބޭބޭއެވެ. މަޢާފް ކުރާށެވެ. އެއީހަމަ ނޭނގުމެއްގެ ތެރެއިން ވެވުނު ކުށެކެވެ. އަހަރެން ހަމަ ކުޑަކޮށްވެސް ނުދެނަހުރީމެވެ. ވަރަށް ލަދުގަތެވެ. ނަމަވެސް ހަމަ އެހާމެ އުފާވެސް ވިއެވެ. ސަބަބަކީ މިރަނގަޅު، ތެދުވެރި، ހެޔޮލަފާ ރިވެތި އަންހެން ކުއްޖާއަކީ ހަމަ އަހަރުމެންގެ ޢާއިލާގެ މެމްބަރެއްކަން އެނގުނީމައެވެ. ނޭގިނަމަވެސް ކުރެވުނު ބޮޑު އިމްތިޙާނަކުން %100 ލިބިގެން ފާސްވެފައިވާ އަހަރެންގެ ފަހަރިއަށް ހާސްހާސްފަށުން ޝުކުރާއި މުބާރަކްބާދު އަދާކުރަމެވެ.

ބޭބޭއެވެ. ހުރިހާ ކަމަކަށްވެސް ﷲ އިރާދަ ކުރައްވާނީ އެކަމެއްގައި އޮތް އެންމެ ރަނގަޅު ގޮތެވެ. އަހަރުމެން ތިންބެއިންނަކީ އިރާދަކުރެއްވިޔަތީ މާނަޞީބުދެރަ ބައެއް ނޫނެވެ. ބޭބޭއެވެ. މިހާރު ގާތްގަނޑަކަށް ސިޓީ ނިމުމަކަށް އައީއެވެ. އަހަރެން އެއްކަމެއް ބޭބެއަށް ސާފުކޮށްލަދޭން ބޭނުމެވެ. އަހަރެން މިސިޓީ ލިޔުމުގެ އަސްލު މަޤްޞަދަކީ މިއެވެ. އަހަރެންގެ މިކުއްލި މަރު ދިމާވި ސަބަބު ބޭބެއަށް ސާފުކޮށް ދިނުމެވެ. މިކަންތައް އަހަންނަށް އޮޅުން ފިލިތާ ދުވަސްކޮޅެއްފަހުން، އަބަދުވެސް ދޭތެރެ ދޭތެރެއިން އަހަރެންގެ އެއްކަލަ ރިއްސާ ބަނޑުގައި ރިއްސަން ފަށައިފިއެވެ. އެންމެފަހުން ކެތްނުވެގެން، ޑޮކްޓަރަށް ދައްކަން ހިނގައްޖައީމެވެ. އެހެން ފަހަރު ފަހަރާ ތަފާތުކޮށް މިފަހަރު ހޮސްޕިޓަލަށް ދިއުމާއެކު ގިނަބޭސްތަކެއް ލިޔެދިނުމުގެ ބަދަލުގައި، ޑޮކްޓަރ ބުނުއްވީ ވަރަށްގިނަ ޓެސްޓުތައް ހަދަންޖެހޭ ކަމަށެވެ. ޖެހިގެން އައި ދުވަހަކީ ސްކޫލް ބަންދު ދުވަހަކަށްވާތީ އަހަރެން ހޮސްޕިޓަލަށްގޮސް ޓެސްޓްތައް ނިންމާލައިފީމެވެ. ޑޮކްޓަރ ޓެސްޓު ކުރުމަށްދެއްވި ކޮންމެ ލިޔުމެއްގައި “އަވަސް” ޖައްސަވާފައި ވުމާއެކު ވަރަށް އަވަހަށް ނަތީޖާވެސް ލިބިއްޖެއެވެ. ކުރެވުނު ތަހުލީލުތަކުގެ ނަތީޖާ ޑޮކްޓަރަށް ދެއްކި ދުވަހު އެބައްލާފައި ފުރަތަމަވެސް ދެފަރާތަކަށް ބޯހޫރާލެއްވިއެވެ. އަދި އަހަރެންގެ ކައިރީގައި އައްސަވައިގެން ވަރަށްގިނަ މަޢުލޫމާތުތަކެއް އޮޅުންފިލުވައި، ހެއްދެވުމަށްފަހު، ބުނުއްވީ ހަމައެންމެ ވާހަކަ އެކެވެ. “މާލަސްވީއެވެ” އަދި އަހަރެންގެ ކޮނޑުގައި ޖައްސަވާލައްވައި، ހިތްވަރު ގަދަކުރާށޭ ބުނުއްވިއެވެ.

ބޭބޭއެވެ. މަޢާފުކުރާށެވެ. މިހުރިހާ ކަމެއް ވެގެން ދިޔައިރުވެސް ގޭގެ މީހަކަށް، އަހަރެން އެއްވެސް ކަމެއް ނާންގަމެވެ. ސަބަބަކީ މިކަންތައްތަކާ ހާސްވެ މަންމައާއި ދައްތަ މާކަންބޮޑު ވެދާނެތީއެވެ. އަހަރެން ޑޮކްޓަރާ ވަރަށް ގިނަވާހަކަ ދައްކާ ހުރިހާ ކަމެއް އޮޅުން ފިލުވީމެވެ. ޑޮކްޓަރ އެވާހަކަތައް އަހަންނަށް ކިޔައިނުދެއްވަން ވަރަށް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އަހަރެން އެތައް ގޮތަކުން މަސައްކަތް ކުރުމުން އެންމެ ފަހުން މަޖުބޫރު ވެގެން ހުރިހާ ވާހަކައެއް ކިޔައިދެއްވިނެވެ. އަދި އަހަރެން އެވަރުން ހިތްހަމަ ނުޖެހިގެން މިހުރިހާ ވާހަކައެއް ބަޔާން ކޮށްފައިވާ ލިޔުމެއްވެސް ޑޮކުޓަރުގެ އަތުން ހޯދީމެވެ. އޭގައި ހުރިހާ ވާހަކައެއް ތަފްޞީލުކޮށް ލިޔެ ޑޮކްޓަރު ސޮއިކުރައްވާފައި ވާނެއެވެ.

މިސިޓީ އަހަރެން މިލިޔުނީ އަހަރެންގެ ޙަޔާތުގެ އެންމެ ފަހު ދުވަސްކޮޅު ގުނަމުން ދިޔައިރުއެވެ. ލޯބިވާ ބޭބެއާއި ފަހަރިދައްތައަށް ހެޔޮދުޢާ ސަލާމެވެ. ދައްތައަށް ހާސްހާސްފަށުން ޝުކުރު އަދާކުރަމެވެ.

“އަހަރެމެންގެ މިކުޑަކުޑަ ދިވެހިރާއްޖޭގެ ކޮންމެ އަންހެން ކުއްޖަކީވެސް ދައްތަފަދަ ކުއްޖަކަށް ވާނެނަމަ ރާއްޖޭގައި ބިކަޙާލުގައި އުޅެން ޖެހިފައިވާ “ތުއްތު ކުދިންނާ” ގިނަވަމުންދާ “ވަރި” މިދެކަންތަކަށް ވަރަށް ބޮޑު ޙައްލެއް ހޯދޭނެއެވެ.”
އަހަރެންގެ ހުރިހާވެސް ދުޢާއަކީ ބޭބެމެންގެ ދެމަފިރިންނަށް ބާއްޖަވެރި ޙަޔާތެއް ދެއްކެވުމެވެ.”

ލޯތްބާއިއެކު އިޙްތިރާމް!
ބޭބެދެކެ ލޯބިވާ
– ސާޖިދު –

ސިޓީގެ ގަނޑުތައް އަވަސް އަވަހަށް އުކައިލާ ދެތިން ފަހަރު ސިޓީއުރަވެސް ބަލައިލެވުނެވެ. ޑޮކްޓަރ ދީފައިވާ ލިޔުން ހޯދުމުގެ ބޭނުމުގައެވެ. ނަމަވެސް ސިޓީއުރަ އޮތީ ހުސްކޮށެވެ. މިލިޔުން ހޯދުމުގެ ބޭނުމުގައި އުޅެނިކޮށް ލޮލުގައި އަޅައިގަތީ އަދި ނުކަނޑާ އެއްފަރާތެއްގައި ބޭއްވިފައިއޮތް ޕާރުސަލެވެ. އަވަސް އަވަހަށް ކަނޑާލައިފީމެވެ. އެތެރޭގައި އޮތީ ވަރަށްރީތި އަލްބަމެކެވެ. ހުޅުވައިލުމާއެކު، ފުރަތަމަވެސް ފެނުނީ އެއްކަލަ ލިޔުމެވެ. އޭގައި ވަރަށް ތަފްޞީލުކޮށް ކޮއްކޮގެ ދެކިޑްނީ ހަލާކުވެފައިވާ މިންވަރާއި “މާލަސްވުމުގެ” ސަބަބުން އިތުރަށް ދެވޭނެ އެއްވެސް ފަރުވާއެއް ނެތްކަމަށާއި މިހާރު “މާލަސްވެއްޖެ” ކަމަށް ލިޔެފައި އޮތެވެ. އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. ލޮލުގައި ކަރުނަ ގިނަވުމުގެ ސަބަބުން ފެންގަނޑެއްގެ ތެރެއިން ފެންނަ ހިޔަންޏެއްހެން އަހަންނަށް ފެންނަމުން ދިޔައީ އަލްބަމުގައި ހުރި ޝިރުމީނުގެ ފޮޓޯތަކެވެ. ކޮންމެ ފޮޓޮއެއްގެ ތިރީގައިވެސް ރަތްއަކުރުން ތާރީޚެއް ޖަހާފައި ވެއެވެ. ހީވާގޮތުން އެއީ އެފޮޓޯތައް ނެގިފައިވާ ތާރީޚެވެ. (ނިމުނީ)

 

ލިޔުނީ : އައިމިނަތު އިބުރާހިމް